ކަރަންޓު ނެތި 4 ގަޑިއިރުވިއިރު މުޅި އައްޑޫ ރޭ އޮތީ ހޭލާ!
ކަރަންޓު ނެތި 4 ގަޑިއިރުވިއިރު މުޅި އައްޑޫ ރޭ އޮތީ ހޭލާ!

ރޭ ދަންވަރު 1:30އިން ފެށިގެން ކަރަންޓު ދިޔަ ގޮތަށް އައްޑުއަށް ކަރަންޓު ލިބުނީ މިއަދު ހެނދުނު ހައެއް ވެސް ޖެހި ފަހުންކަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު މިއަދު ވިދާޅުވެއްޖެއެވެ.

'ސަން' އާ ވާހަކަދައްކަވަމުން މޭޔަރު ނިޒާރު ވިދާޅުވީ މިހާރު އައްޑޫގެ ގިނަ ސަރަހައްދުތަކަށް ކަރަންޓު ދީފައިވާ ކަމަށެވެ.

ރޭ ދަންވަރު 1:30 ކަށް ހާއިރު ކަރަންޓި ދިޔަ ގޮތަށް ގޭގެއަށް ކަރަންޓު އައިއިރު ހެނދުނު 6:15 ވެފައިވާކަން މޭޔަރު ފާހަގަކުރެއްވިއެވެ. 'ސަން' އާ ވާހަކަދެއްކި އައްޑޫގެ މީހަކު ބުނި ގޮތުގައި ހެނދުނު 6 ޖެހިއިރު ވެސް ކަރަންޓު ނުލިބެއެވެ.

މޭޔަރު ވިދާޅުވި ގޮތުގައި ކަރަންޓު ކެނޑެން މެދުވެރިވި ސަބަބަކީ އައްޑޫ ފެނަކައިގެ ޕެނަލް ރޫމް ތެރެއަށް މީދަލެއް ވަދެ، ކަރަންޓު ޝޯޓެއް ވުމުގެ ސަބަބުންނެވެ. އެކަމާ ގުޅިގެން ހިތަދޫއިން ގަމަށް އިންނަ ކޭބަލަށް ދިމާވި މައްސަލައަކާ ގުޅިގެން އެހެން ދިމާވީ ކަމަށް މޭޔަރު ވިދާޅުވިއެވެ.

މީގެ ދުވަސްކޮޅެއް ކުރިން ވެސް އެފަދަ ހާދިސާއެއް ހަމަ މީދަލެއް ވަދެގެން ދިމާވިކަން މޭޔަރު ފާހަގަކުރެއްވިއެވެ.

މޭޔަރު އަލީ ނިޒާރު ---

މިއަދު އިރުއެރިއިރު ވެސް އައްޑޫގެ އެތައް ބަޔަކު ނުނިދައި ހޭލާ ތިބެން ޖެހުމަކީ ހިތާމައެއް ކަމަށް މޭޔަރު ވިދާޅުވިއެވެ.

މޭޔަރު ވިދާޅުވި ގޮތުގައި ރައީސް މުއިއްޒުގެ ސަރުކާރަކަށް އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލެއް ނުކޮށްދެވޭނެއެވެ.

"ޑރ. މުއިއްޒުގެ ސަރުކާރަކަށް އައްޑޫ ކަރަންޓު މައްސަލަ ހައްލެއް ނުކޮށްދެވޭނެ. އެއީ އަޅުގަނޑުމެންނަށް ޔަގީންވާ ކަމެއް. ދެ އަހަރާ ބައިވިއިރު، މިތާ ކޮށްފަ ހުރި މަސައްކަތް ނިންމަން ވެސް މަސައްކަތްކުރެވުނީސް،" މޭޔަރު ވިދާޅުވިއެވެ.

އައްޑޫން ކަރަންޓު ކެނޑޭ މައްސަލައަކީ މިހާރު ވަރަށް ދުވަސްވެފައިވާ، ހައްލުނުކުރެވި އޮތް މައްސަލައެކެވެ. އޭގެ އުނދަގޫ ރައްޔިތުންނަށް އެތައް ގޮތަކުން ކުރެއެވެ. ވިޔަފާރިތަކަށާއި، އާއްމު ގޭގޭގައި ހުންނަ ކަރަންޓު ސާމާނަށް ވެސް ބޮޑެތި ގެއްލުންތައް ލިބެއެވެ.

މާލެ ފިޔަވާ ރާއްޖޭގެ އެންމެ އާބާދީ ބޮޑު ސިޓީއަކީ އައްޑޫއެވެ.

އެ ސިޓީއަށް ކުރިމަތިވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް އެ ސިޓީއަށް އެއް މެގަވޮޓުގެ ޖެނެރޭޓަރު ސެޓެއް ވަނީ ގެންގޮސްފައެވެ. އަދި އެއަށް ފަހު، 1.8 މެގަވޮޓްގެ އިތުރު ޖަނަރޭޓަރެއް އެ ސިޓީއަށް ވަނީ ފޮނުވައިފައެވެ.

ގިނަ ބަޔަކު ދެކޭ ގޮތުގައި އައްޑޫގެ ކަރަންޓު މައްސަލަ ހައްލުވާނީ އެ ސިޓީގައި އަލަށް ގާއިމުކުރާ ޕަވާ ހައުސް ނިމުމުންނެވެ. ނަމަވެސް، އެ ތަނުގެ މަސައްކަތް މި ސަރުކާރުން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައެއް ނުވެއެވެ.