ފ. ބިލެއްދޫ ކައުންސިލް އިދާރާފަޅާލައި އެ ކައުންސިލްގައި ހުރި ތިޖޫރީއެއް ރޭ ވަގަށް ގެންގޮސްފި އެވެ.

ބިލެއްދޫ ކައުންސިލްގެ ނައިބު ރައީސް ހަސަން މައުމޫން މިއަދު ވިދާޅުވީ ވަގަށް ގެންގޮސްފައި ވަނީ އެ ރަށު ކައުންސިލްގައި ހުންނަ ދެ ތިޖޫރީގެ ތެރެއިން މުވައްޒަފުން ތިބޭ ބައިގައި ހުންނަ ކުޑަ ތިޖޫރީ ކަމަށެވެ. އަދި އެ ތީޖޫރީ ވަގަށް ގެންދިޔަ އިރު އޭގެތެރޭ ހުންނާނީ އޮފީހުގެ ބައެއް ލިޔެކިޔުންތަކުގެ އިތުރުން 500ރ. ކަމަށް މައުމޫން ވިދާޅުވި އެވެ.

"ކުޑަ ތިޖޫރީގައި ހުންނާނީ އެ ދުވަހަކު ލިބޭ ފައިސާ. އެ ފައިސާ އާންމުކޮށް އަބަދުވެސް ކައުންސިލަރުން ތިބޭ ކޮޓަރީގައި ހުންނަ ބޮޑު ތިޖޫރީއަށް ލާނީ،"ބިލެއްދޫ ކައުންސިލްގެ ނައިބު ރައީސް މައުމޫން ވިދާޅުވި އެވެ.

ފުލުހުން ބުނީ އެ ތިޖޫރީ ވަގަށް ގެންދިޔަ މައްސަލަ ކައުންސިލުން ހުށަހަޅާފައިވާ ކަމަށާއި އެކަން ބަލަމުން އަންނަ ކަމަށެވެ.

އެއް ވެސް ސެކިއުރިޓީ އެއް ނެތި ރައްޔިތުންގެ އިމާރާތެއްގައި ހިންގާ ކައުންސިލް އިދާރާ އަށް ވަދެފައި ވަނީ ކުޑަ ދޮރެއް ހަލާކުކޮށްލައިގެންނެވެ.

މީގެ ކުރިން ދެ ފަހަރެއްގެ މަތިން ވެސް ވަނީ ބިލެއްދޫ ކައުންސިލް އިދާރާ ފަޅާލައި ފައިސާތަކެއް ގެންގޮސްފަ އެވެ.

ފުރަތަމަ ފަހަރު ފަޅާލައި ކައުންސިލްގެ ބޮޑު ތިޖޫރީން ފައިސާ ގެންދަން ކުރި މަސައްކަތް ވަނީ ކާމިޔާބު ނުވެފަ އެވެ. ނަމަވެސް އޭގެ ފަހުން ވަނީ ކައުންސިލްގެ މުވައްޒަފެއްގެ ވަތްގަނޑުން އަށްޑިހަ ހާސް ރުފިޔާ ވަގަށް ގެންގޮސްފަ އެވެ. އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ތިން މީހުން މިހާރު ތިބީ ރަށު ތެރެއަށް ދޫކޮށްލާފައި ކަމަށް މައުމޫން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ މައްސަލަ އަވަސް ކޮށްދިނުމަށް ތަކުރާރުކޮށް ފުލުހުންގެ ކިބައިން އެދިފައިވާނެ ކަމަށެވެ.