ދުޅަހެޔޮ ހަންގަނޑެއް ބޭނުންނަމަ، އެންމެ ފުރަތަމަ ހަމުގެ ފަށަލަ ރައްކާތެރިކުރުމަށް އިސްކަންދީ
ދުޅަހެޔޮ ހަންގަނޑެއް ބޭނުންނަމަ، އެންމެ ފުރަތަމަ ހަމުގެ ފަށަލަ ރައްކާތެރިކުރުމަށް އިސްކަންދީ

'ސްކިން ކެއާ' އަކީ ހަމައެކަނި ބާރުގަދަ ފަރުވާތަކާއި ގިނަ އަދަދެއްގެ 'އެކްޓިވް' މާއްދާތައް ހަނގަޑަށް ބޭނުންކުރުމެއް ނޫނެވެ. އޭގެ ބަދަލުގައި މީގެ އަސްލަކީ ހަމުގެ ގުދުރަތީ ރައްކާތެރިކަމުގެ ފަށަލަ ވަރުގަދަކޮށް ބެލެހެއްޓުމެވެ.

ދުޅަހެޔޮ ހަންގަނޑެއް ބޭނުންނަމަ، އެންމެ ފުރަތަމަ ހަމުގެ ފަށަލަ ރައްކާތެރިކުރުމަށް އިސްކަންދީ
ދުޅަހެޔޮ ހަންގަނޑެއް ބޭނުންނަމަ، އެންމެ ފުރަތަމަ ހަމުގެ ފަށަލަ ރައްކާތެރިކުރުމަށް އިސްކަންދީ

މިހާރަކަށް އައިސް ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ސޯޝަލް މީޑިއާ އަދި އިންޓަނެޓުން އިޝްތިހާރުކުރާ ގިނަ އުފެއްދުންތައް ބޭނުންކުރުމަކީ ހަންގަނޑު ރީތިވާނެ ކަމެކެވެ.

ބާރުގަދަ މާއްދާތަކާއި، މާ ގިނަ މަރުހަލާތަކުން އެކުލެވޭ 'ރޫޓިން' ތަކާއި، އަދި މާ ގިނައިން ހަންގަނޑު 'އެކްސްފޯލިއޭޓް' ކުރުމަކީ އާންމު ކަމަކަށް ވެއްޖެއެވެ.

ނަމަވެސް، މި ގޮތަށް ކަންތައް ކުރުމުން ހަންގަނޑު ރީތިވުމުގެ ބަދަލުގައި ގިނަ ފަހަރަށް ލިބެނީ އިތުރު ގެއްލުން ކަމަށް ނިއު ދިއްލީގެ ސެންޓާ ފޯ ސްކިން އެންޑް ހެއާ ޕްރައިވެޓް ލިމިޓެޑްގެ އެންމެ ތަޖުރިބާކާރު ޑާމަޓޮލޮޖިސްޓުންގެ ތެރޭގައި ހިމެނޭ ޑރ. ދީޕާލީ ބަރަދުވާޖު ވިދާޅުވެފައިވެއެވެ.

ގޮތް ނޭނގޭ ތަފާތު ބްރޭންޑްތަކުގެ އުފެއްދުންތައް ބޭނުންކުރުމަކީ ހަނގަނޑަށް އޭގެ ނޭދެވޭ އަސަރުކުރުވާ ކަމެއް ކަމަށް ހަމުގެ ހާއްސަ ޑޮކްޓަރުން ލަފާ ދެއްވާ-- ފޮޓޯ/ އިންޑިއަންއެކްސްޕްރެސް

ޑރ. ދީޕާލީ ބަރަދުވާޖު ވިދާޅުވެފައިވާ ގޮތުގައި، ރަނގަޅު ސްކިންކެއާ އަކީ ގިނަ އެއްޗެހި ބޭނުންކުރުމެއް ނޫނެވެ. އެއީ ހަންގަނޑަށް އަރާމުދޭންވީ ވަގުތު ދެނެގަތުމެވެ.

ބައެއް ފަހަރު އެންމެ ރަނގަޅު ފިޔަވަޅަކީ އިތުރު އުފެއްދުމެއް ބޭނުންކުރުމުގެ ބަދަލުގައި، ހަންގަނޑު އަމިއްލައަށް އިއާދަވެ، އޭގެ ގުދުރަތީ ބާރު އަލުން ހޯދުމަށް ފުރުސަތު ދިނުމެވެ.

ހަމުގެ ރައްކާތެރިކަމުގެ ފަށަލަ ހަގީގަތުގައި ވެސް އިއާދަކޮށްދޭ މާއްދާތަކުގެ ތެރޭގައި ސެރަމައިޑްސް، ކޮލެސްޓްރޯލް އަދި ފެޓީ އެސިޑްސް، ނިއާސިނަމައިޑް، ޕެންތެނޯލް، ހަޔަލުރޯނިކް އެސިޑް، އެކްޓޮއިން، ސެންޓެލާ އޭޝިއާޓިކާ، ބީޓާ-ގްލޫކަން، މައިކްރޯބަޔޯމް ސަޕޯޓިން އަދި ކޮލޮއިޑަލް އޯޓްމީލް ހިމެނެއެވެ.

ހަންގަނޑު އަމިއްލައަށް އިއާދަވެ، އޭގެ ގުދުރަތީ ބާރު އަލުން ހޯދުމަށް ފުރުސަތު ދިނުމަކީ މުހިއްމު ކަމެއް ކަމަށް ސިއްހީ މާހިރުން ލަފާ ދެއްވާ-- ފޮޓޯ/ އިންޑިއަންއެކްސްޕްރެސް

ޑރ. ދީޕާލީ ބަރަދުވާޖު ވިދާޅުވެފައިވާ ގޮތުގައި، ހަންގަނޑު އިއާދަ ކުރުމުގައި ހެދޭ އެންމެ ބޮޑު ގޯހަކީ، ހަންގަނޑު ހަލާކުވެފައި ވަނިކޮށް ބާރުގަދަ ފަރުވާތައް ދިނުމެވެ. ޑރ. ދީޕާލީ ލަފާދެއްވާފައިވާ ގޮތުގައި، ހަންގަނޑު ރަތްވެ ނުވަތަ ދުޅަވެފައިވާނަމަ އަމަލުކުރަންވީ އެންމެ ރަނގަޅު ގޮތަކީ:

  • އެސިޑްތަކާއި، ރެޓިނޮއިޑްސް އަދި އެކްސްފޯލިއަންޓްސް ބޭނުންކުރުން ވަގުތީ ގޮތުން ހުއްޓާލުން.

  • 1-2 ހަފުތާ ވަންދެން ހަމައެކަނި ހަމުގެ ފަށަލަ އަލުން އިއާދަ ކުރުމަށް ސަމާލުކަން ދިނުން.

މީގެ ނަތީޖާއެއްގެ ގޮތުން ހަމުގައި އޮށާޅަ ނެގުން މަދުވެ ހަމުގެ ކުލަ ދާދި އެއްކުލައަކަށް އައުމަށް އެހީތެރިވެދޭނެ ކަމަށް ޑރ. ދީޕާލީ ބަރަދުވާޖު ވިދާޅުވެފައިވެއެވެ. ދުޅަހެޔޮ ހަމެއްގެ ސިއްރަކީ ހަމަށް ލިބޭ ވަރުގަދަކަން ކަމަށް ޑރ. ދީޕާލީ ބަރަދުވާޖު ފާހަގަކުރައްވާފައިވެއެވެ.

އެހެންކަމުން ހަންގަނޑަށް ބޭނުންވާ ކަންކަން ދެނެގަނެ ހަމުގެ ފަށަލައަށް ބޭނުންވާ ފުރިހަމަ ފަރުވާ ހޯދުމަށް ޚާއްސަ ސަމާލުކަން ދިނުން މުހިއްމު ކަމަށް ޑރ. ދީޕާލީ ބަރަދުވާޖު ވަނީ ވިދާޅުވެފައެވެ.