ހެންވޭރު ގެއެއްގެ ތެރޭ ހިންގަމުން ދަނިކޮށް ރޭ ފަޅާއަރުވާލި މަސާޖު ޕާލާއިން ބައި ލައްކައަށްވުރެ ގިނަ ރުފިޔާ ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ނަމަވެސް ފެނުނު ފައިސާގެ ސީދާ ޖުމްލަ އަދަދެއް ފުލުހުންގެ މީޑިއާ އޮފިޝަލު ހާމައެއް ނުކުރެ އެވެ.

"މިވަގުތަށް ބުނެވެން އޮތީ ފަސް ދޮޅަސްހާހަށް ވުރެ ގިނަ ފައިސާ ފެނިފައިވާ ކަން،" ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.

ފުލުހުން ރޭ ވަދެފައި ވަނީ ހ. ފިލެޑެލްފިޔާގައި "ސޮންޑޯ ބޮން ބިއުޓީ ކެއާ އެންޑް ސެލޫންގެ" ނަމުގައި ހިންގަމުން ދިޔަ މަސާޖު ޕާލާއަކަށެވެ.

ރޭ 8:00 އެހާކަން ހާއިރު ފުލުހުން އެތަނަށް ވަނުމަށް ފަހު 11:30 އެހާކަން ހާއިރު ފުލުހުން އެތަނުން ތައިލޭންޑްގެ ތިން އަންހެނަކާ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވެ އެވެ. އަދި އެ މައްސަލައާއި ގުޅިގެން އެގޭގެ ވެރިމީހާއާ ވެސް ސުވާލު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ މަސާޖުޕާލާއިން ރޭ ހައްޔަރުކުރީ އުމުރުން 21 އަހަރާއި 24 އަހަރާއި 36 އަހަރުގެ އަންހެނުން ކަމަށެވެ. އަދި ހައްޔަރުކުރި ދިވެހި ފިރިހެންމީހާގެ އުމުރަކީ 30 ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ރޯދަ މަހަށްފަހު ފުލުހުން އަތުލައިގަތް ފުރަތަމަ މަސާޖުޕާލާ ތެރެއިން ވެސް ބަދުއަޚްލާގީ އަމަލު ހިންގުމަށް ބޭނުންކުރާ ޒާތުގެ އެއްޗެހި ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.