11 Sep 2012, 11:17
އައްޑޫ ސިޓީ ކައުންސިލްގެ ފޭދޫ ދާއިރާގެ މެންބަރު އަހުމަދު މިރުޒާދު ކްރިމިނަލް ކޯޓާއި ގުޅޭގޮތުން ދެއްކި ވާހަކަތައް އެ ކޯޓުން ދޮގުކޮށްފި އެވެ.
މިރުޒާދު އިއްޔެ ވިދާޅުވެފައި ވަނީ ފެބްރުއަރީ އަށް ވަނަ ދުވަހު އައްޑޫ ސިޓީގެ ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހި ކަމުގެ ތުހުމަތުގައި އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާ އާ ގުޅިގެން ކޯޓަށް ހާޒިރުވުމުގެ އަމުރު ހަވާލުކުރަން އޭނާގެ ގެޔަށް ދިޔުމުން އޭނާ އުޅޭތަނެއް ނޭނގޭކަމަށް އޭނާގެ އާއިލާއިން ބުނެފައި ނުވާނެ ކަމަށެވެ.
ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހުމަދު މުހައްމަދު މަނިކު މިއަދު ވިދާޅުވީ މިރުޒާދަށް ކޯޓަށް ހާޒިރުވުމުގެ އަމުރު ރަށްދު ކޮށްދިނުމަށް އައްޑޫ ސިޓީގެ ފޭދޫ މެޖިސްޓްރޭޓް ކޯޓަށް އެ ކޯޓުން މެސެޖެއް ފޮނުވި ކަމަށެވެ.
މަނިކު ވިދާޅުވީ މިރުޒާދު އުޅޭތަނަކާއި ގުޅޭނެ ނަންބަރެއް ވެސް ނޭނގޭ ކަމަށް އޭނާގެ ގެއިން މައުލޫމާތު ދީފައިވާކަމަށް ފޭދޫ ކޯޓުން ފޮނުވި އެ މެސެޖްގެ ޖަވާބުގައިވާ ކަމަށެވެ.
"އައްޑޫ ސިޓީގައި ހުޅުޖެހި މައްސަލާގައި ދައުލަތުން ކޮށްފައިވާ ދައުވާ އާ ގުޅިގެން ކޯޓަށް ހާޒިރުކުރަން ބޭނުންވާ 19 މީހަކަށް ކޯޓަށް ހާޒިރުވުމުގެ އަމުރު ރައްދު ކޮށްދިނުމަށް އެދި ކްރިމިނަލް ކޯޓުން ވަނީ އައްޑު އަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓަށް މެސެޖެއް ފޮނުވާފަ. އޭގެތެރެއިން ފަސް މީހަކަށް އަމުރު ރައްދު ނުކުރެވޭކަމަށް އައްޑު އަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ ކްރިމިނަލް ކޯޓަށް 5 ސެޕްޓެމްބަރުގައި އަންގާފަ. އޭގެ ތެރޭގައި އަހުމަދު މިރުޒާދު ވެސް ހިމެނޭ. އައްޑު އަތޮޅު ފޭދޫ މެޖިސްޓްރޭޓް ކޯޓުން ބުނާގޮތުގައި އަހުމަދު މިރުޒާދުގެ ގެއިން މައުލޫމާތު ދީފައި ވަނީ އޭނާ އުޅޭތަނަކާއި ގުޅޭނެ ނަންބަރެއް ނޭނގޭ ކަމަށް،" މަނިކު ވިދާޅުވި އެވެ.
ފޭދޫ ކޯޓުން ކްރިމިނަލް ކޯޓަށް ފޮނުވި ފެކްސް މެސެޖްގެ ކޮޕީ ސަން އޮންލައިނަށް ވެސް ވަނީ ލިބިފައެވެ.
އެ މެސެޖްގައި ބުނެފައި ވަނީ އައްޑޫ ސިޓީގެ ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހި ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ ކުރާ 19 މީހަކަށް ކޯޓަށް ހާޒިރުވުމުގެ އަމުރު ހަވާލުކޮށްދިނުމަށް އެދުނު ނަމަވެސް އަމުރު ހަވާލުކުރެވިފައި ވަނީ 14 މީހަކަށް ކަމަށެވެ.
އެ މެސެޖްގައި ބުނަނީ އަމުރު ހަވާލު ނުކުރެވި ތިބި ފަސް މީހުންގެ ތެރެއިން މިރުޒާދަށް ކޯޓަށް ހާޒިރުވުމުގެ އަމުރު ރަށްދުކޮށްދިނުމަށް އޭނާގެ ގެޔަށް ދިޔުމުން އޭނާ އުޅޭތަނަކާއި ގުޅޭނެ ނަންބަރެއް ވެސް އެނގިފައި ނުވާކަމަށް އޭނާގެ ގެއިން މައުލޫމާތު ދީފައިވާ ކަމަށް އެ މެސެޖްގައި ވެއެވެ. އަދި އެ މައްސަލައިގައި ދައުވާ ލިބޭ ސ. ފޭދޫ ރައިހާނުގޭ އަލީ އާސިމް އުޅޭތަނެއް ނޭނގޭކަމަށް ބުނެ އޭނާގެ ފޯންނަންބަރު އޭނާގެ ގެއިން ދީފައިވާ ކަމަށް ވެސް އެ މެސެޖްގައި ވެއެވެ.
ދައުވާ ލިބޭ މީހުންގެ ތެރެއިން އެރަށު ނިއުޒީފެހި ހުސެއިން ޝާމިން މިހާރު ވަޒީފާ އަދާކުރަނީ ހުޅުލޭގައި ކަމަށް ބުނެ އޭނާގެ ފޯނުނަންބަރު އޭނާގެ މަންމަ ދީފައިވާކަމަށް ވެސް ފޭދޫ ކޯޓުން ކްރިމިނަލް ކޯޓަށް ފޮނުވި މެސެޖްގައި ވެއެވެ. އަދި އެރަށު ރާޅު، ސަޖާހު ރަޝީދު ހުރީ ފުލުހުންގެ ހައްޔަރުގައި ކަމަށާއި އަދި ސ. ހިތަދޫ ރަތްކެލާގޭ އަހުމަދު އަރީޝްއަށް އަމުރު ހަވާލުކުރަން ދިޔުމުން މާލީ ހާލަތު ހުރިގޮތުން ކޯޓަށް ހާޒިރުވެވެން ނެތްކަމަށް ބުނެފައިވާކަމަށް ވެސް އެ މެސެޖްގައި ވެއެވެ.
ނަމަވެސް އަރީޝް އިއްޔެ ކޯޓަށް ހާޒިރުވެ ވަނީ މައްސަލަ ކުރިއަށް ގެންދަން ބޭނުންވަނީ ވަކީލަކާއި ނުލާކަމަށް ބުނެފައެވެ.