ރާސްޓަސް މެދުވެރިކޮށް ރީޗާޖު ކުރުމަށާއި ބިލަށް ފައިސާ ދެއްކުމަށް "ސެލްފް ޕޭމަންޓް ކިއޯސްކް"އެއް ވަތަނިއްޔާ އިން ތަޢާރަފްކޮށްފި އެވެ.

މިއީ މިފަދަ މެޝިނެއް ރާއްޖޭގައި ތަޢާރަފްކުރި ފުރަތަމަ ފަހަރެވެ.

ވަތަނިއްޔާ އިން ބުނީ ފައިސާ ދެއްކުމާ އެކު ވަގުތުން ޚިދުމަތް ލިބޭނެ އިންތިޒާމާ އެކު ތަޢާރަފްކޮށްފައިވާ ކިއޯސްކް މެޝިން މެދުވެރިކޮށް ވަގުތުން ފޯން ރީޗާޖްކޮށް ބިލު ދެއްކޭނެ ކަމަށެވެ. އަދި ޕޭމަންޓް ކިއޯސްކް އިން ފަސް ރުފިޔާއި، 10ރ. އާއި 20ރ. އާއި 50ރ. އާއި 100ރ. އަދި 500ރ.ގެ އަދަދުތައް ބަލައިގަންނާނެ ކަމަށް ވަތަނިއްޔާ އިން ބުނެ އެވެ.

ރިޗާޖް ކުރުމަށް ނުވަތަ ބިލު ދެއްކުމަށް އިހުތިޔާރު ކުރުމަށް ފަހު ބޭނުންވާ ވަތަނިއްޔާ ނަމްބަރު ޖެހުމަށް ފަހު، ފައިސާލުމަށް ކަނޑައަޅާފައިވާ ކޭޝް ކަލެކްޓާ އަށް ފައިސާ ލުމުން ޕޭމަންޓް ޕްރޮސެސްވެ، ފައިސާ ދެއްކުނު ކަމުގެ ރަޝީދު ލިބޭނެ ކަމަށް ވަތަނިއްޔާ އިން ބުނެ އެވެ.

އެ ހިދުމަތުގެ ސަބަބުން ވަތަނިއްޔާ ކަސްޓަމަރުންނަށް ދެމުންގެން އަންނަ ޚިދުމަތް އިތުރަށް ފަސޭހަ ވެގެންދާނެ ކަމަށް ވަތަނިއްޔާ އިން ބުނެ އެވެ.

"ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެސް މިފަދަ ސެލްފް ޕޭމަންޓް ނިޒާމްތަކަކީ ވަރަށްމަގުބޫލު އެއްޗެއް. ޚިދުމަތް ހޯދަން ފަސޭހަވުމާއި އަވަސްވުމަކީ މީގެ މަގުބޫލުކަން އިތުރުވާ ކަމެއް. އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް މިފަދަ ޚިދުމަތެއް ރާއްޖޭގައި ފުރަތަމަ ފަހަރަށް ފޯރުކޮށްދެވުމަކީ އަޅުގަނޑުމެންނަށް ލިބިގެން ދިޔަ ވަރަށް ބޮޑު ޝަރަފެއް،" ވަތަނިއްޔާގެ ކަސްޓަމާ ރިލޭޝަން ޑިރެކްޓާ ފިލިޕް ޖޮސެޕް ވިދާޅުވި އެވެ.

ވަތަނިއްޔާ އިން ބުނީ ސެލްފް ޕޭމަންޓް ކިއޯސްކްގެ ޚިދުމަތް މަޖީދީމަގުގައި ހުންނަ ވަތަނިއްޔާ އެކްސްޕީރިއަންސް ސެންޓަރުން ލިބިގެންދާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވެސް ކިއޯސްކް މެޝިނުގެ ޚިދުމަތް ދޭން ފަށާނެ ކަމަށް ވަތަނިއްޔާ އިން ބުނެ އެވެ.

ގަތަރުގެ ކިއުޓެލް ގުރޫޕްގެ ދަށުން ހިންގާ ވަތަނިއްޔާ އިން ރާއްޖޭގައި ޚިދުމަތް ދޭން ފެށީ 1 އޮގަސްޓް 2005 ގަ އެވެ.