02 Apr 2026, 15:00
ހުޅުމާލެ ހޮސްޕިޓަލުން އެކި ދުވަސްމަތިން ވައްކަންކޮށްފައިވާ މައްސަލައިގެ ތުހުމަތުގައި ދިވެއްސަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ މި މައްސަލަ އެ އިދާރާއަށް ހުށަހަޅާފައި ވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހު ކަމަށެވެ.
މި މައްސަލައާ ގުޅިގެން މިދިޔަ އާދިއްތަ ދުވަހު ކޯޓު އަމުރެއްގެ ދަށުން، މއ. ވިނަރެސް / މާލެ، ޙުސައިން ޝިހާމް, 40, ވަނީ ހައްޔަރުކޮށްފައެވެ.
ފުލުހުން ބުނީ އޭނާ ހައްޔަރުކޮށް، އޭނާ ދިރިއުޅޭ އެޕާޓްމަންޓު ބަލައިފާސްކުރިއިރު، ހުޅުމާލެ ހޮސްޕިޓަލުން އޭނާ ވަގަށްނެގި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ކޮމްޕިޓަރު ސިސްޓަމާއި ޕްރިންޓަރާއި އިލެކްޓްރޯނިކް އެހެނިހެން ތަކެތި ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހަތް ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.