ގައުމީ ނެޓްބޯޅަ ޓީމުގެ ކޯޗް ކަމުން ނިޝާ ހަލީމް ވަކިކޮށްފި އެވެ.

ހުސްވި މަހު ފަހުން ސްރީލަންކާގައި ބޭއްވުނު "އޭޝިއަން އިންޓަނޭޝަނަލް ބީޗް ނެޓްބޯލް ޗެމްޕިއަންޝިޕް"ގައި ރާއްޖެއަށް ރިހި މެޑަލް ހޯދައިދިން ކޯޗް ނީޝާ ހަލީމް މިއަދު ސަންއޮންލައިނަށް ދިން އިންޓަވިއުގައި ބުނީ، ކޯޗް ކަމުން ވަކިކޮށްފައިވާކަން އެނގުނީ ނެޓްބޯޅަ އެސޯސިއޭޝަންގެ ނައިބު ރައީސް މުހައްމަދު ނަބީލް ފޯނުން ގުޅާފައި އެކަން އެންގީމަ ކަމަށެވެ.

"ކޯޗް ކަމުން ވަކިކުރިކަން އެނގުނީ ފޯނުން ގުޅާފަ ބުނުމުން. އަޅުގަނޑަށް ގުޅީ އެސޯސިއޭޝަންގެ ނައިބު. އޭނަ ބުނީ ކޯޗް ކަމުން ވަކި ކޮށްފައިވާ ސިޓީ އެސޯސިއޭޝަންގައި އޮތްކަމަށް." ނީޝާ ބުންޏެވެ.

ކޯޗް ކަމުން ވަކިކުރީ ކޮންސަބަބަކާތޯ ނަބީލް ގާތު އެހުމުން، ސަބަބެއްގެ ގޮތުގައި ނަބީލް ބުނީ ދެ ސަބަބެއް ކަމަށް ނީޝާ ބުންނެވެ.

"އެއީ ނިމިގެން ދިޔަ މުބާރާތުގައި ޓީމް ލަންކާގައި ހުރިއިރު ދިމާވި ދަތި ތަކުގެ ވާހަކަ ކުޅިވަރާ ބެހޭ މިނިސްޓަރު ގާތު ދެއްކުމުން. އަނެއް ކަމަކީ ލަންކާއަށް ރައީސް ވަހީދު ދާދިފަހުން ކުރި ދަތުރުގައި ޓީމް ރައީސްއާ ބައްދަލު ކުރަން ދިއުމުން،" ނީޝާ ބުންޏެވެ.

އެހެން ނަމަވެސް ކޯޗް ކަމުން ނީޝާ ވަކިކުރި ކަމާބެހޭ ގޮތުން އަދި ނެޓްބޯޅަ އެސޯސިއޭޝަންގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.