ބްރަސަލްސް (2 އެޕްރީލް 2026) : ހުޅަނގުގެ އަސްކަރީ ޖަމާއަތް ނުވަތަ "ނޯތް އެޓްލާންޓިކް ޓްރިޓީ އޮގަނައިޒޭޝަން" ނޭޓޯ މިހާރު ދަނީ ރޫޅެމުން ކަމަށާއި ޔޫރަޕްގެ ދިފާއަށްޓަކައި "ނޭޓޯ" އަށް ކަމެއް ކޮށްދެވިދާނެ ކަމަށް ގަބޫލުކުރާ ގައުމެއް ޔޫރަޕްގައި މިހާރު ނެތްކަމަށް ޔޫރަޕްގެ އިސް މަސްއޫލުވެރިއަކު ވިދާޅުވެއްޖެއެވެ.

"ޕޮލިޓިކޯ" އަށް ދެއްވި ބަސްދީގަތުމެއްގައި ނަންހާމަކުރަން ނޭދޭ ޔޫރަޕްގެ އިސް މަސްއޫލުވެރިއަކު ވިދާޅުވީ ނޭޓޯ މިހާރު އޮތީ ހަމައެކަނި ނަމެއްގައެވެ. އަމަލީގޮތުން މިހާރު ނޭޓޯ ނެތެވެ.

"އެހެން ގައުމަކުން ނޭޓޯގެ ގައުމަކަށް ހަމަލާދިންކަމަށް ވިޔަސް އެ ގައުމުގެ ދިފާއުގައި އަސްކަރީ ގޮތުން ދެން ނޭޓޯ ހަރަކާތްތެރިއެއް ނުވާނެ. އެއީ ޔަގީންކަމެއް," ނަންހާމަކުރަން ނޭދޭ ޔޫރަޕްގެ އިސް މަސްއޫލުވެރިއަކު ވިދާޅުވިއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރޭގައި ވިދާޅުވެފައިވަނީ ނޭޓޯގައި ދެމިއޮންނަން އެމެރިކާ ބޭނުންނުވާ ކަމަށާއި ކޮންމެ ވަގުތަކުވެސް އެމެރިކާ ނޭޓޯއިން ވަކިވެދާނެ ކަމަށެވެ.

އޭގެކުރިން އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ ވަނީ ނޭޓޯއަކީ އެމެރިކާއަށް އެއްވެސް ފައިދާއެއް ކުރާ ޖަމާއަތެއް ނޫންކަމަށް ވިދާޅުވެ ނޭޓޯގެ މެންބަރެއްގެ ގޮތުގައި އެމެރިކާ އޮތުމުގެ ބޭނުމާމެދު ސުވާލު އުފައްދާފައެވެ.

ނަންހާމަކުރަން ނޭދޭ ޔޫރަޕްގެ މަސްއޫލުވެރިޔާ ވިދާޅުވިގޮތުގައި ނޭޓޯގެ ބައްދަލުވުންތައް ބާއްވަން އުޅެގެންވެސް އެކަން ވަނީ ވާގޮތް ނުވެފައެވެ. އެހެންކަމުން ނޭޓޯއަކީ މިހާރު އަމަލީގޮތުން އޮތް ޖަމާއަތެއްކަމަށް ނުބެލެވޭކަމަށް އޭނާ ވިދާޅުވިއެވެ.

"ނޭޓޯގެ އެއްވެސް ކަމަކަށް އެއްވެސް ގައުމަކުން މިހާރު އަޅައެއްނުލާ، ނޭޓޯ ހިންގުމަށް ބޭނުންވާ ޗަންދާގެ ފައިސާ ވެސް މިހާރު ގިނަ ގައުމުތަކުން ނުދޭ," ނަންހާމަކުރަން ނޭދޭ ޔޫރަޕްގެ މަސްއޫލުވެރިޔާ ވިދާޅުވިއެވެ.

ނޭޓޯގައި ގާތްގަނޑަކަށް 32 ގައުމު ހިމެނޭއިރު އެމެރިކާއާއި ކެނެޑާ ފިޔަވައި އެ ޖަމާއަތުގައި ދެން ހިމެނޭ ގައުމުތަކަކީ ޔޫރަޕްގެ ގައުމުތަކެވެ. ނޭޓޯ ރޫޅާލުމަކީ ރަޝިއާގެ ރައީސް ވްލަދިމިޔާ ޕޫޓިންގެ އެންމެ ބޮޑު އެއްލަނޑުދަނޑިއެވެ.

ނޭޓޯ ރޫޅިގެންދާއިރު ޔުކްރެއިން ހަލާކުވެގެން ދިޔައީ ނޭޓޯގެ މެންބަރަކަށް ވުމަކީ މާބޮޑު ކަމެއްކަމަށް ދެކިގެން އެކަމުގެ ހައްގު ހޯދުމަށް ރަޝިއާ އާއެކު ކުރަމުންގެންދާ ހަނގުރާމައިގެ ސަބަބުންނެވެ.

ނޭޓޯއަށް ވަނުމުގެ ހައްގު ހޯދުމަށްޓަކައި ކުރާ ހަނގުރާމައިން ޔުކްރެއިން ހަލާކުވެގެން ދިޔައިރު ނޭޓޯ މިވަނީ ރޫޅުމުގެ ތެރޭގައެވެ.

ޔޫރަޕްގެ ގައުމުތަކަކީ ރަޝިއާގެ ކުރިމަތީގައި އަމިއްލަ ނަފްސު ދިފާއު ކުރެވޭވަރުގެ ގައުމުތަކެއް ނޫނެވެ. އެހެންކަމުން ނޭޓޯގެ ބަދަލުގައި ޔޫރަޕްގެ ގައުމުތަކަށް ޚާއްސަ އަސްކަރީ އެހެން ޖަމާއަތެއް ނުވަތަ އަސްކަރީ ބާރެއް އުފެއްދުމަށް މަސައްކަތް ކުރަމުން ގެންދާކަން ނަންހާމަކުރަން ނޭދޭ ޔޫރަޕްގެ މަސްއޫލުވެރިޔާ ވިދާޅުވިއެވެ.

ނަމަވެސް ޔޫރަޕްގެ މަސްއޫލުވެރިޔާ ވިދާޅުވިގޮތުގައި ޔޫރަޕްގެ ބޮޑު ތިންބާރުކަމަށްވާ އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތް އަދި ޖަރުމަނުގެ މެދުގައިވާ ވާދަވެރިކަމުގެ ސަބަބުން މިއީވެސް އަދި ކުރަން ފަސޭހަ ކަމެއްނޫނެވެ.