އަންނަ މަހުގެ އެއްވަނަ ދުވަހު ޔޫއޭއީގައި ފަށާ އޭސީސީ އެލީޓް ކުރިކެޓް މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ގައުމީ ކުރިކެޓް ޓީމުގެ ޓީމް އެކުލަވާލައިފި އެވެ.

މުބާރާތުގައި ވާދަކުރުމަށް އެކުލަވާލި ސްކޮޑުގައި ޖުމްލަ 14 ކުޅުންތެރިން ނާއެކު ތިން އޮފިޝަލުން ވަނީ ހިމަނާފައެވެ. އެގޮތުން މިފަހަރު ވަނީ މުޅިން އަލަށް ތިން ކުޅުންތެރިއަކުވެސް ސްކޮޑަށް ނަގާފައެވެ.
މުބާރާތުގައި ވާދަކުރުމަށް ރާއްޖެ ޓީމަށް ނެގި ސްކޮޑުގައި ޓީމުގެ ކެޕްޓަނެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ މޫސާ ކަލީމްއެވެ. އަދި ޓީމުގެ ވައިސް ކެޕްޓަނަކަށް ހަމަޖައްސާފައި ވަނީ އަހުމަދު އަފްޒަލް ފާއިޒެވެ.
ރާއްޖެ ޓީމުގައި ހިމެނޭ ކުޅުންތެރިންނަކީ، އަބްދުﷲ ސާހިދު، މުހައްމަދު މަހުފޫޒް، އަހުމަދު ނަސީމް ނާސިރު، އިސްމާއީލް ނިހާދު، އިޝާން، ހުސާމް އިބްރާހިމް، ސަފްރާޒް ޖަލީލް، މިއުސަން ހާމިދު، މުހައްމަދު ރިސްވާން، ހަސަން އިބްރާހިމް، މުހައްމަދު އާޒަމް އަދި އަހުމަދު އަމީލް މައުރޫފްއެވެ.

ރާއްޖެޓީމުގެ މެނޭޖަރަކަށް ފަރުހަތު ޖަލީލް ހަމަޖައްސާފައިވާއިރު، ޓީމުގެ ކޯޗަކީ އަވައްޓެރި ލަންކާގެ ކޯޗެއް ކަމަށްވާބެރެންޑޮން ކުރުއްޕު އެވެ.

ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްގެންދާ މިމުބާރާތުގައި ރާއްޖެ މިފަހަރު ހިމެނުނީ ގްރޫޕް އޭ ފަޅިގައެވެ. އެގޮތުން ރާއްޖެއާއެކު މިގްރޫޕްގައި ދެން ހިމެނޭ އަނެއް ހަތަރު ގައުމަކީ އަފްގާނިސްތާން، މެލޭޝިޔާ، އޮމާން އަދި ބޫޓާނެވެ.

މުބާރާތުގެ ގްރޫޕް ބީގައި ވާދަކުރާ ގައުމުތަކަކީ ނޭޕާލް، ހޮންކޮން، ޔޫއޭއީ ސައުދިއަރަބިއްޔާ އަދި ކުވައިތެވެ.

މުބާރާތުގައި ވާދަކުރުމަށް މިމަހުގެ 30 ވަނަ ދުވަހު ރާއްޖޭގެ ޓީމް ޔޫއޭއީ އަށް ފުރުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ބައްދަލުކުރާނީ ބޫޓާނާ ދެކޮޅަށެވެ. އަދި ދެ ވަނަ މެޗުގައި އަންނަ މަހުގެ ހަ ވަނަ ދުވަހު އަފްގާނިސްތާނާ ދެކޮޅަށް ނިކުނައިރު، ރާއްޖެ ކުޅޭ ތިން ވަނަ މެޗުގައި އަންނަ މަހުގެ ހަތް ވަނަ ދުވަހު ނިކުންނާނީ މެލޭސިޔާއާ ދެކޮޅަށެވެ. އަދި ގްރޫޕް ސްޓޭޖްގައި ރާއްޖެ ކުޅޭ ފަހު މެޗުގައި އަންނަ މަހުގެ ނުވަ ވަނަ ދުވަހު ރާއްޖެ ނިކުންނާނީ އޮމާންއާ ދެކޮޅަށެވެ.