ޔޫރަޕްގެ ޓްރާންސްފާ މާކެޓް މިދިޔަ މަހާއެކު ނިމިގެންދިޔައިރު ވަރުގަދަ ގިނަ ކުލަބުތަކުން ވަނީ ބޮޑެތި ޓްރާންސްފާތަކެއް ކޮށްފައިވެއެވެ. މުއްސަނދި ކްލަބުތަކުން ގިނަ އަދަދަކަށް ކުޅުންތެރިން ގެންނައިރު، ފައިސާގެ ދަތިކަން ހުރި ކްލަބުތަކުން ގިނަ މައްސަލަތަކެއް ޖައްސަމުންދެއެވެ.

ކޮންމެ އަހަރަކު ވެސް ޓްރާންސްފާ މާކެޓް ހުޅުވޭތަނުން ގިނަ ކްލަބުތަކެއްގެ ފަރާތުން ފެންނަމުންދަނީ އެކުލަބެއް ވަރުގަދަކުރުމަށްޓަކައި އެހެން ކްލަބުތަކަށް ކުޅޭ މޮޅެތި ކުޅުންތެރިންނަށް ބޮޑެތި އަގު ހުށަހަޅާފައި ގެންނަތަނެވެ. މިކަމުގެ ސަބަބުން އެކުޅުންތެރިއެއް ކުރިން ކުޅުނު ކްލަބަކަށް ދިމާވާ ބަލިކަށިކަމަކަށް އެއްވެސް މީހަކު ވިސްނައެއްނުލަ އެވެ. މިއާއެކު މިސީޒަންގެ ޓްރާންސްފާ މާކެޓްގައި ކްލަބުތަކުން ކުރި ބޮޑެތި ޓްރާންސްފާތަކަށް ބަލައިލާނަމެވެ.

ރޮބިން ވެންޕާސީ (އާސެނަލްއިން މެންޗެސްޓާ ޔުނައިޓެޑަށް)
އުމުރުން 29 އަހަރުގެ ނެދަރލޭންޑްސް ފޯވާޑް ވެންޕާސީ ޔުނައިޓެޑަށް ސޮއިކުރީ 24 މިލިޔަން ޕައުންޑްގެ އަގަކަށެވެ. މިދިޔަ ސީޒަންގައި އާސެނަލްއަށް ކުޅެމުން ޕްރެމިއަރ ލީގުގެ ރަންބޫޓް ހޯދި ވެންޕާސީވަނީ ޔުނައިޓެޑަށް ކުޅުނު ފުރަތަމަ ތިން މެޗުގައި ލަނޑެއް ކާމިޔާބުކޮށްފައެވެ. މިހާރު އުފެދޭ އެންމެ ބޮޑު ސުވާލަކީ ޔުނައިޓެޑްގެ އިނގިރޭސި ފޯވާޑް ވޭން ރޫނީ ބާކީކޮށް، ކޯޗް ފާގަސަން ވެންޕާސީއަށް އެމަގާމް ދީފާނެބާއެވެ؟

ލޫކަސް ޕްޑޮލްސްކީ (ކޮލޯންއިން އާސެނަލްއަށް)
އާސެނަލްގައި ވެންޕާސީގެ މަގާމް ފޫބެއްދިދާނެ ކުޅުންތެރިއެއްގެ ގޮތުގައި ބެލެވޭ ކުޅުންތެރިއަކީ ޕްޑޮލްސްކީއެވެ. އާސެނަލްއަށް ޕްޑޮލްސްކީ ސޮއިކުރީ 10.9 މިލިޔަން ޕައުންޑްގެ އަގަކަށެވެ. އޭނާގެ ފަރާތުން ގިނަ ގޯލްތަކެއް ފެނުމަކީ އެކުލަބުގެ ކުޅުންތެރިންނާއި ސަޕޯޓަރުންގެ ވަރަށް ބޮޑު އެދުމަކަށްވާނެކަން ޔަގީނެވެ. ނަމަވެސް ހިތާމައަކީ ޕްޑޮލްސްކީއަށް ލީގުގައި އަދި ގޯލެއް ކާމިޔާބުކުރެވިފައި ނުވާކަމެވެ.

ޖަވީ މާޓިނޭޒް (އެތްލެޓިކް ބިލްބާއޯއިން ބަޔާން މިއުނިކްއަށް)
ބަޔާންއިން މާޓިނޭޒް ގަތް އަގުކަމަށްވާ 31.7 މިލިޔަން ޕައުންޑަކީ އޭނާއަށް ހައްގު އަގެއްކަމާއިމެދު ސުވާލު އުފެދެއެވެ. ބަޔާންއަކީ މޮޅެތި ގިނަ ކުޅުންތެރިންތަކެއް ހިމެނޭ ކްލަބަކަށްވާއިރު، މާޓިނޭޒްއަށް އެކުލަބުގައި މޮޅު ކުޅުމެއް ނުދެއްކިޖެނަމަ، އެއަގަކީ އޭނާއަށް ހައްގުނުވާ އަގުކަން އެނގިގެންދާނެއެވެ. ނަމަވެސް އޭނާ އެކަމަށް މަސައްކަތްކޮށްފިނަމަ، ބަސްޓިއަން ޝުވެންސްޓެއިގާއާއިއެކު ޑިފެންސިވް މިޑްފީލްޑް ޕާޓްނަރޝިޕް އެންމެ ވަރުގަދަވާނީ ބަޔާންގައިކަން ކަށަވަރެވެ.

އޮލިވަރ ގިރޯޑް (މޮންޓްޕެލިއަރއިން އާސެނަލްއަށް)
އާސެނަލްއިން 12 މިލިޔަން ޕައުންޑަށް ގަތް ގިރޯޑް ކުޅެމުންދަނީ އެކުލަބުގެ 12 ނަމްބަރު ޖާޒީގައެވެ. ނަމަވެސް ގިރޯޑްގެ ފަރާތުން އެންމެ ބޭނުންވާ ލަނޑުތައް ނުފެންނަކަމީ ހިތާމަހުރިކަމެއްކަމުގައި ގިނަބަޔަކު ބުނަމުންދެއެވެ. ގިރޯޑްގެ ފުރަތަމަ ގޯލާއިއެކު އޭނާގެ ފަރާތުން ގިނަ ގޯލްތަކެއް ފެންނާނެކަމަށް އާސެނަލްގެ ކޯޗް އާސެން ވެންގާ ގަބޫލުކުރެއެވެ. ނަމަވެސް ގިރޯޑްގެ ކިތައް ގޯލު ސީޒަނެއްގައި ފެނިދާނެތޯ އެވެ؟

ޝިންޖީ ކަގާވާ (ބޮރޫސިއާ ޑޯޓްމުންޑްއިން މެންޗެސްޓަރ ޔުނައިޓެޑަށް)
ޖަޕާންގެ ހުނަރުވެރި މިޑްފީލްޑަރު ޔުނައިޓެޑަށް ސޮއިކުރީ 12 މިލިޔަން ޕައުންޑްގެ އަގަކަށެވެ. ޔުނައިޓެޑުން ހޯދި މިކުޅުންތެރިޔާއަކީ އެކުލަބުން ހޯދި ރަނގަޅު ކުޅުންތެރިއެއްކަން ކަގާވާދަނީ ކަށަވަރުކޮށްދެމުންނެވެ. ކަގާވާގެ ފަރާތުން މިހާތަނަށް ގޯލެއް ފެނިފައިވާއިރު ޔުނައިޓެޑްގެ ކުޅުމަށް ހޭނެމުންދާކަންވެސް ފާހަގަކޮށްލެވެއެވެ.

މާކޯ ރޫސް (ބޮރޫސިއާ މޮންޗެންގްލަޑްނަޗްއިން ބޮރޫސިއާ ޑޮޓްމުންޑްއަށް)
މެންޗެސްޓަރ ޔުނައިޓެޑުން ކަގާވާ ގެންދިއުމާއެކު ޑޯޓްމުންޑްއިން އެމަގާމް ފޫބެއްދުމަށްޓަކައި ހޯދި ކުޅުންތެރިޔަކީ އުމުރުން 23 އަހަރުގެ ޖަރުމަން ފޯވާޑް ރޫސްއެވެ. އެކުލަބުން ރޫސްގެ ސޮއި ހޯދީ 13.9 މިލިޔަން ޕައުންޑްގެ އަގަކަށެވެ. ރޫސްއަކީ ކަގާވާއަށްވުރެ މޮޅު ހުނަރުތަކެއް ގެންގުޅޭ ކުޅުންތެރިއެކެވެ.

ސަންޓި ކާޒޯލާ (މަލާގާއިން އާސެނަލްއަށް)
އާސެނަލްގެ އެންމެ މުހިންމު ކުޅުންތެރިޔާ ވެންޕާސީ ޔުނައިޓެޑަށް ދިއުމާއެކު، އެކުލަބުން ހޯދަމުންދާ ކުޅުންތެރިންނަކީ މޮޅެތި ކުޅުންތެރިންތަކެއްކަން ފާހަގަކޮށްލެވެއެވެ. އެގޮތުން 16 މިލިޔަން ޕައުންޑަށް ހޯދި ކާޒޯލާއަކީ ސްޕެއިންގެ އެންމެ މޮޅެތި މިޑްފީލްޑަރުންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެކެވެ.

އެޑެން ހެޒާޑް (ލިލޭއިން ޗެލްސީއަށް)
ޗެލްސީއިން 32 މިލިޔަން ޕައުންޑަށް ހޯދި ހެޒާޑްއަކީ ކާކުކަން ގިނަބަޔަކަށް ކުރިން އެނގިފައެއް ނުވެއެވެ. ނަމަވެސް މިހާރު އޭނާއަކީ ޗެލްސީގެ އެންމެ މުހިންމު ކުޅުންތެރިޔާކަން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އޭނާވަނީ ސާބިތުކޮށްދީފައެވެ. އޭނާވަނީ ޕްރެމިއަރ ލީގުގެ ތިން މެޗުގައި ދެގޯލް ކާމިޔާބުކޮށް، ހަތަރު ގޯލް ކާމިޔާބުކުރުމަށް މަގުފަހިކޮށްދީފައެވެ. އަދި ޕްރެމިއަރ ލީގުގައި ހެޒާޑްވަނީ ރެކޯޑެއްވެސް ބިންދާލާފައެވެ. އެއީ ޖެހިޖެހިގެން ތިން މެޗުން އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދުމުގެ ރެކޯޑެވެ.

ތިއާގޯ ސިލްވާ (އޭސީ މިލާނުން ޕެރިސް ސެއިންޓް ޖާމެންއަށް)
މިދިޔަ ސީޒަނުގައި ޕީއެސްޖީއިން އެންމެ ފާހަގަވެގެންދިޔައީ އެޓީމްގެ ޑިފެންސް ލައިންގެ ބަލިކަށިކަމެވެ. މިސީޒަންގައި ޗެލްސީއާއެކު އެންމެ ބޮޑު ހަރަދެއްކުރި ޕީއެސްޖީގެ ޑިފެންސް ލައިން އިތުރަށް ވަރުގަދަކުރުމަށް ގެނައި ތިއާގޯ ސިލްވާގެ ސޮއި ހޯދީ 33.2 މިލިޔަން ޕައުންޑްގެ އަގަކަށެވެ. މިލާނުގައި ތިއާގޯ ސިލްވާއަކީ ތަރިއެކެވެ. ޕީއެސްޖީގައި އޭނާ ތަރިއަކަށް ވެދާނެބާ؟

ޒްލަޓަން އިބްރަހިމޮވިޗް (އޭސީ މިލާނުން ޕެރިސް ސެއިންޓް ޖާމެންއަށް)
ޕީއެސްޖީއިން މިލާނުން ގެންދިޔަ އިބްރަހިމޮވިޗްއަކީ ކޮންމެ އަގަކަށް ކޮންމެ ކްލަބަކަށް ކުޅުނު ކަމުގައިވިޔަސް ގޯލާއި ރައްޓެހި ކުޅުންތެރިއެއްކަން ސާބިތުކޮށްދީފައެވެ. 23 މިލިޔަން ޕައުންޑަށް ޕީއެސްޖީއިން ހޯދި އިބްރަހިމޮވިޗްވަނީ ޕީއެސްޖީއަށް ކުޅުނު ފުރަތަމަ މެޗުން ފެށިގެން މުހިންމު ގޯލްތަކެއް ކާމިޔާބުކުރަމުންނެވެ.

މިކުޅުންތެރިންތަކުގެ އިތުރުންވެސް ފާހަގަކޮށްލެވޭ ގިނަ ކުޅުންތެރިންތަކެއްވަނީ އެކި ކްލަބުތަކާއި ގުޅިފައެވެ. ބައެއް ކްލަބުތަކުން މުހިންމު ކުޅުންތެރިންތަކެއް ދޫކޮށްލާފައިވާއިރު، އެމަގާމުތައް ފޫބެއްދޭވަރުގެ ކުޅުންތެރިން ހޯދިފައިނުވާކަން ފާހަގަކޮށްލެވެއެވެ. އެމަގާމުތައް ފޫބައްދަން އެކުލަބުތަކުން އެއްވެސް މަސައްކަތެއްކޮށްފައިވޭބާ؟ މިއީ ގިނަބައެއްގެ ހިތްތަކުގައި އުފެދިފައިވާ ސުވާލެކެވެ.