ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމަށް އަފްޣާނިސްތާނާއި ޕާކިސްތާނުން ޗައިނާގައި މަޝްވަރާގެ އައު ބުރެއް ފަށާފައިވާ ކަމަށް މަސްދަރުތަކުން ބުނެފިއެވެ.

މަޝްވަރާތައް ފަށުމަށް ހަމަޖެހިފައި ވަނީ އެމެރިކާއާއި އީރާނާ ދެމެދު ސުލްހައިގެ އެއްބަސްވުމެއްގެ މެދުވެރިއެއް ރޯލު އަދާކުރާ ޕާކިސްތާނުގެ ޚާރިޖީ ވަޒީރު އިސްހާގު ދާރު ވަނީ އެއްބަސްވުމެއް ގެނައުމަށް ޗައިނާގެ ތާއީދު ހޯދުމަށް ބެއިޖިންއަށް ދަތުރުުކުރައްވާ ދަނޑިވަޅެއްގައެެވެ.

މަޝްވަރާތަކަަށް ދެ ގައުމުގެ ޚާރިޖީ އަދި ދިފާއީ ވުޒާރާގެ މަންދޫބުން ޗައިނާގެ ހުޅަނގު އުތުރުގެ ސިޓީއެއް ކަމަށްވާ އުރުމްކީއަށް ދަތުރުކޮށްފައިވާ ކަމަށް ޕާކިސްތާނާއި އަފްޣާނިސްތާނުގެ މަސްދަރުތަކާ ހަވާލާދީ ރޮއިޓާސްއިން ރިޕޯޓުކޮށްފައިވެއެވެ.

އެކަމާ ގުޅިގެން ޕާކިސްތާނުން އަދި އަފްޣާނިސްތާނުންވެސް އެއްވެސް އެއްޗެއް ހާމަކޮށްފައެއްނުވެއެވެ.

މި މަޝްވަރާތަކުގައި ބޮޑަށް އަލިއަޅުވާލާނީ ހަނގުރާމަ ހުއްޓާލުމުގެ ފުރުސަތު އޮތް ގޮތާއި ވިޔަފާރިއާއި ދަތުރުފަތުރުގެ ފުރުސަތު ދިނުމަށް ބޯޑަރު ހުރަސްކުރާ ތަންތަން އަލުން ހުޅުވާލުމަށް ކަމަށް މަސްދަރުތަކުން ބުނެއެވެ.

ހަމަލާތައް ހުއްޓާލުމަށް އެކުލަވާލި ވަގުތީ އެއްބަސްވުމަކަށްފަހު ދެ ގައުމުންވެސް މި ހަފްތާ ވަނީ ވަރުގަދަ ހަމަލާތަކެއް ބަދަލުކޮށްފައެވެ.

ހަމަލާތައް މެދުކަނޑާލީ ތުރުކީއާއި ގަތަރާއި ސަރުދީ އަރަބިއްޔާއިން އެދިގެން ފިތުރު އީދާ ދިމާކޮށެވެ.

އަފްޣާނިސްތާނުން ހަނގުރާމަ ހުއްޓާލިކަން އަދިވެސް ރަސްމީކޮށް އިއުލާންކޮށްފައެއް ނުވެއެވެ.

އަފްޣާނިސްތާނުން ބުނީ މިދިޔަ މަހު އެ ގައުމުގެ މަސްތުވާތަކެތީގެ ⁠ރިހެބިލިޓޭޝަން ސެންޓަރަކަށް ޕާކިސްތާނުން ދިން ވައިގެ ހަމަލާއެއްގައި 400 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައިވާ ކަމަށެވެ.

ނަމަވެސް ހަމަލާ އަމާޒުކުރީ އަފްޣާނިސްތާނުގެ އަސްކަރީ ތަންތަނަށް ކަމަށް ޕާކިސްތާނުން ވަނީ ބުނެފައެވެ.

ޗައިނާގައި މަޝްވަރާތައް ފަށަން ހަމަޖެހިފައިވާއިރު، މީގެ ކުރިން އޮކްޓޯބަރު މަހު ހިނގި ހަމަނުޖެހުންތަކުގައި ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު މަޝްވަރާތައް ކުރިއަށް ގެންދިޔައީ ގަތަރާއި ސައުދީ އަރަބިއްޔާ އަދި ތުރުކީ މެދުވެރިވެގެންނެވެ.

އަފްޣާނިސްތާނުގެ ތާލިބާނުންގެ ވެރިކަމުން ޕާކިސްތާނުގެ ސަލާމަތީ ފަރާތްތަކާއި ގައުމުގެ އާންމުންނަށް އަމާޒުކޮށް ހަމަލާ ދޭ، ޕާކިސްތާން ތާލިބާނުން ކަމަށްވާ، ތެހްރީކޭ ތާލިބާނުންނަށާއި ވަކިވެގަތުމަށް މަސައްކަތްކުރާ ބަލޫޗް ޖަމާއަތްތަކާއި އެހެނިހެން ޖަމާއަތްތަކަށް ހިމާޔަތް ދޭ ކަމަށް ޕާކިސްތާނުން ތުހުމަތުކުރެއެވެ. ނަމަވެސް އަފްޣާނިސްތާނުން އެކަން ދޮގުކުރެއެވެ.