ރެއާލް މެޑްރިޑްގެ ކޯޗު ހޯސޭ މޮރީނިއޯ އާއި މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު އެލެކްސް ފާގަސަން ވެސް އޭނާ ލައްވައި ކުޅުވަން ބޭނުންވި ކަމަށް ލިވަޕޫލްގެ ކެޕްޓަން ސްޓީވަން ޖެރާޑް ބުނެފި އެވެ.

އިނގިރޭސި ގައުމީ ކެޕްޓަންކަން ވެސް ކުރަމުން އަންނަ ޖެރާޑް ބުނީ އޭނާގެ އެހީ އަށް މޮރިނިއޯ އެންމެ ފުރަތަމަ އެދުނީ ޗެލްސީ އަށް ކޯޗުކޮށްދިން ދުވަސްވަރު ކަމަށެވެ.

"ދެ ފަހަރެއްގެ މަތީން މޮރީނިއޯ އެދުނު އޭނާގެ ޓީމަށް ކުޅެދިނުމަށް. އެންމެ ފުރަތަމަ ފަހަރު ވަރަށް ބޮޑަށް ވިސްނިން އެކަމާ. އެކަމަކު ފަހުން އެކަމާ އަޅާނުލަން. ފަހުން މޮރީނިއޯ ރެއާލް މެޑްރިޑަށް ގޮސްފަ ވެސް އެ ޓީމަށް ދިއުމަށް އަހަންނަށް ދައުވަތުދިން،" ޖެރާޑް ބުންޏެވެ.

އޭނާ ބުނީ ފާގަސަންގެ ޝައުގުވެރިކަން އާނާގެ ގާތު ފާޅުކުރީ މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ކެޕްޓަން ގެރީ ނެވިލް ކަމަށެވެ.

"ވަރަށް އުފާވި އެންމެ މޮޅު ކޯޗުންގެ ތެރޭގައި ހިމެނޭ ދެ މީހުން އަހަންނަށް ޝައުގުވެރިކަން ފާޅު ކުރުމުން. އެކަމަކު އަހަންނަކީ ލިވަޕޫލްގެ މީހެއް. މި ނޫން ކުލަބަކަށް ކުޅެން ހިތަކު ނެތް،" އުމުރުން 16 އަހަރުން ފެށިގެން ލިވަޕޫލަށް ކުޅެމުން އަންނަ 32 އަހަރުގެ އިތުބާރު މިޑްފީލްޑަރު ބުންޏެވެ.

ޖެރާޑަށް މިހާތަނަށް ކާމިޔާބު ނުކުރެވިފައިވާ މުބާރާތަކީ އިނގިރޭސި ލީގެވެ. މި ލީގު ހޯދުމަށް ލިވަޕޫލް ނޫން ކުލަބަކަށް އޭނާ ކުޅެން ޖެހޭ ކަމަށް ގިނަ ކޯޗުން ވަނީ ބުނަން ފަށައިފަ އެވެ.