ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންނަށް އަމާޒުކޮށްގެން، އެފަރާތްތައް ގަވާއިދަށް ފެއްތުމަށް ކުރިއަށްގެންދާ ޕްރޮގްރާމުގެ މުއްދަތު އަންނަ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ.

މިކަން ހާމަކޮށްފައި ވަނީ ހޯމް މިނިސްޓްރީއިން މިއަދު ސަރުކާރުގެ ގެޒެޓުގައި އާންމުކޮށްފައިވާ އިއުލާނެއްގައެވެ. އެ އިއުލާނުގައިވާ ގޮތުން ބިދޭސީންނަށް އަމާޒުކޮށް "އޮޕަރޭޝަން ކުރަނގި"ގެ ދަށުން އެ މިނިސްޓްރީއިން ކުރިއަށްގެންދާ "މާސް ލީގަލައިޒޭޝަން ޕްރޮގްރާމް" ގެ މުއްދަތު އަންނަ މެއި މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް މިހާރު ވަނީ އިތުރުކޮށްފައެވެ.

އެ މިނިސްޓްރީން ބުނި ގޮތުގައި، މުއްދަތު އިތުރުކޮށްފައި ވަނީ ވަޒީފާދޭ ގިނަ ފަރާތްތަކެއްގެ އެދުމުގެ މަތިންނެވެ.

އަދި މިއީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނަށް ގަވާއިދުގެ ތެރެއަށް ވަނުމަށް ދެވޭނެ އެންމެ ފަހުގެ ފުރުސަތު ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ. ހަމައެއާއެކު މި މުއްދަތުގެ ފަހުން އިތުރު ފުރުސަތެއް ދެން ނުދެވޭނެ ކަމަށް އެ މިނިސްޓްރީއިން ވަނީ ބުނެފައެވެ.

މިނިސްޓްރީއިން ވަނީ ބިދޭސީން ގަވާއިދަށް ފެއްތުމަށް ކުރިއަށްގެންދާ ޕްރޮގްރާމާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް އެ މިނިސްޓްރީގެ ނަމްބަރު 1485ކަށް ގުޅައިގެން ނުވަތަ[email protected]އަށް އީމެއިލް ކުރުމަށް އެދިފައެވެ.

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން ގަވާއިދަށް ފެއްތުމަށްޓަކައި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި ގަވާއިދާ ޚިލާފަށް މަސައްކަތް ކުރާ ބިދޭސީންނާ މެދު ފިޔަވަޅު އެޅުމަށް ވެސް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.

ސަރުކާރުގެ އަމާޒަކީ ތިން އަހަރުތެރޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމެވެ. އެގޮތުން މިހާރު ކުރިއަށްދާ ބިދޭސީން ލީގަލައިޒްކުރުމުގެ ޕްރޮގްރާމަކީ މިދިޔަ އަހަރުގެ ފަހުކޮޅު، ޑިސެމްބަރު 18 ވަނަ ދުވަހު ފެށި ޕްރޮގްރާމެކެވެ.