ކިއުޕީއާރުގެ އެންޓޮން ފާޑިނަންޑާ ނަސްލީ ގޮތުން ދިމާކުރި މައްސަލާގައި ޖޯން ޓެރީގެ ފޯކުކޯލުތަކުގެ ރެކޯޑިން ހޯދުމަށް އެދިފައިނުވާނެ ކަމަށް އިނގިރޭސި ފުޓްބޯޅަ އެސޯސިއޭޝަނުން ބުނެފި އެވެ.

އެ ޖަމާއަތުން މިހެން ބުނީ ޓެރީގެ މައްސަލަ ބެލި އެފްއޭގެ ކޮމިޓީން އެ ދުވަހު އޭނާ ކުރި ކޯލުތަކުގެ ރެކޯޑިން ހޯދުމަށް އެފްއޭގައި އެދުނު ކަމަށް އަޑުފެތުރުމުންނެވެ.

އިނގިރޭސި މީޑިޔާ ރިޕޯޓްތައް ބުނާގޮތުން ޓެރީގެ ފޯނުކޯލުތައް ހޯދުމަށް މައްސަލަބެލި ކޮމިޓީން ނިންމީ އެ ކޯލުތަކުގެ އެހީގައި އެދުވަހު ކަންހިނގިގޮތް ދެނެގަތުމަށެވެ.

މި މައްސަލާގައި ޓެރީގެ ކުށެއް ނެތްކަމަށް ނިންމީ އިނގިރޭސި ކޯޓުންނެވެ. ނަމަވެސް އޭގެ ކުރިން އޭނާގެ އަތުން ވަނީ އިނގިރޭސި ގައުމީ ކެޕްޓަންކަން ވެސް އަތުލައިފަ އެވެ.