ގއ. ވިލިނގިއްޔަށް ދިމާވެފައިވާ ކުނި ނައްތާލުމުގެ މައްސަލަ ހައްކޮށްދެއްވުމަށް ޓަކައި ވިޔަފާރިވެރިޔާ މުހައްމަދު އަލީ ޖަނާހު(ޖަނާ) އެ ރަށުގެ ރައްޔިތުނަށް ހަދިޔާކޮށްދެއްވާފައިވާ ރިސޯސް ރިކަވަރީ އެންޑް ވޭސްޓް މެނޭޖްމަންޓް ސެންޓާ އިއްޔެ ރައީސްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ހުޅުވައިދެއްވައިފި އެވެ.

ޖަނާ ވިދާޅުވީ އެ ކުނިކޮށީގެ ސަބަބުން ވިނލިގިލީގެ ރައްޔިތުންނަށް ދިމާވެފައިވާ ކުނި ނައްތާލުމުގެ މައްސަލަ ހައްލުވުމުގެ އިތުރުން އެ ސަރަހައްދުގެ ރިސޯޓްތަކުން ކުރިން ތިލަފުއްޓަށް ކުނި ގެންދިއުމަށް އުފުލި ބުރައަށް ވެސް ނިމުމެއް އަންނާނެ ކަމަށެވެ.

ވޭސްޓްމެނޭޖްމަންޓް ސެންޓަރު ހުޅުވުމަށް ފަހު އިއްޔެ ވިލިނގިލީ ސްކޫލުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވީ ކުނީގެ މައްސަލައަކީ ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ވަރަށް އަވަހަށް ހައްލެއް ބޭނުންވާ ކަމެއް ކަމަށެވެ. އަދި ތަނަވަސް މީހުން އެފަދަ ކަންތައްތަކުގައި އެހީތެރިވުމަށް ރައީސް އެދިވަޑައިގެންނެވި އެވެ.

"މުހައްމަދު އަލީ ޖަނާހު ދެއްކެވި އެ މިސާލަކީ އެހެން ވިޔަފާރުވެރިން ވެސް ބަލައިގަންނަން ޖެހޭ މިސާލެއް. އަޅުގަނޑުމެންގެ ރައްޔިތުނަށް ބޭނުންވާ ވަރަށް ގިނަ ކަންތައްތައް އެބަހުރި، އޭގެތެރޭގައި ވަރަށް އަސާސީ ކަންތައްތައް ވެސް އެބަހުރި. އެހެންކަމުން މިކަހަލަ ކަންތައްތައް ފުއްދައި ދިނުމުގައި ސަރުކާރަށް އެކަންތައް ފުއްދައިދެެވޭނެ ދުވަހަކަށް ދޫކޮށްލުމުގެ ބަދަލުގައި އަޅުގަނޑުމެންގެ ތެރޭގައި ތިއްބެވި ވިޔަފާރިވެރިނާއި އިންވެސްޓަރުން އެބަޖެހޭ އެހީތެރިވަން،" ރައީސް ވިދާޅުވި އެވެ.

ވިލިގިނލީގައި އިއްޔެ ހުޅުވި ވޭސްޓް މެނޭޖުމަންޓް ސިސްޓަމަކީ މިލިއަނެއްހާ ރުފިޔާގެ އިންވެސްޓްމެންޓެއް ކަމަށް ޖަނާހު ވިދާޅުވި އެވެ. އަދި ޖަނާ ވިދާޅުވީ ވޭސްޓް މެނޭޖްމެންޓް ފެސިލިޓީސްގެ ސަބަބުން މި ރަށުގައި އުފެދޭ އެކި ބާވަތްތަކުގެ ކުނި ވަކިކޮށް ރައްކާތެރި ގޮތުގައި ނައްތާލެވޭނެ ކަމަށާއި މި ފެސިލިޓީސްއާ އެކު ކުނި އުފުލަން ބޭނުންވާ ވެހިކަލް ވެސް މިރަށަށް ފޮނުވައިދޭނެ އެވެ.