03 Sep 2010, 10:05
14:46
ޕާކިސްތާނުގައި ފެންބޮޑުވުމުން އެންމެ ބޮޑު ނުރައްކަލަކާ ކުރިމަތިވެފައި ވަނީ އަންހެނުންނާއި ކުޑަކުދިންނަށް އެހީދޭ ޖަމާއަތްތަކުން ބުނެފި އެވެ.
ވަގުތީ ހިޔާތަކުގައި ފަސް މިލިއަނެއްހާ މީހުން މިހާރު ދިރިއުޅެމުންދާއިރު، ސާފު ބޯފެން ނުލިބުމާއި، ޓެންޓުތަކުގެ ތެރޭ ހޫނުވުމުގެ ސަބަބުން ބައެއް ބަލިތައް ފެތުރެމުންދާ ކަމަށް އެ ޖަމިއްޔާތަކުން ބުނެ އެވެ.
އަދި ވަގުތީ ހިޔާތަކުގައި މީހުން އުޅޭ ގޮތް ގިނަވެ، ތޮއްޖެހުމުގެ ސަބަބުން ވެސް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް އެ ފަރާތްތަކުން ބުނެ އެވެ. އެގޮތުން ފެންވަރާ ތާހިރު ވުން ފަދަ އަސާސީ ބޭނުންތަކަށް އެކަށީގެންވާ ވަރަށް ފެން ސާފު ނުލިބޭ ކަމާމެދު ޓެންޓުގައި ދިރިއުޅެމުންދާ މީހުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ރަގަޅު ކާނާ ނުލިބުމުގެ ސަބަބުން ގިނަ ކުޑަކުދިންނަށް ވަނީ ބަނޑުހައިހޫނު ކަންމަތީ ދިރިއުޅެން ޖެހިފަ އެވެ. އަދި ހާލުގައި ޖެހިފައިވާ މީހުންގެ ތެރޭގައި މާބަނޑު އަންހެނުން ވެސް ހިމެނޭ އިރު، އެމީހުންނަށް ވެސް ރަގަޅު ސިއްޚީ ފަރުވާ އާއި އަޅާލުން ނުލިބުމުގެ ސަބަބުން، އުޅެން ޖެހިފައިވަނީ ވަރަށް ބަލި ހާލުގަ އެވެ.
މިހާތަނަށް ހާލުގައި ޖެހިފައިވާ މީހުން ދިރިއުޅެމުންދާ ޓެންޓުތަކުގައި 5000 އަށް ވުރެ ގިނަ ކުދިން އުފަންވެފައިވާއިރު، އޭގެ ތެރެއިން ދެބައިކުޅަ އެއްބައި ކުދިންގެ ހާލު ވަރަށް ދެރަ ކަމަށް، އެ ކަމުގައި އެހީތެރިވަމުން އަންނަ ޖަމިއްޔާތަކުން ބުނެ އެވެ.
ޕާކިސްތާނަށް މިދިޔަ މަހު ކުރި ވިއްސާރާގައި، ފެންބޮޑުވެ ގެދޮރު ގެއްލުނު މީހުންގެ ތެރޭގައި ހިމެނޭ އާއިލާތަކަށް ވަނީ ނަފްސާނީ ގޮތުން ވެސް ވަރަށް ބޮޑަށް އަސަރުކޮށްފަ އެވެ. އަދި ގިނަ ކުދިންތަކެއްގެ ގެދޮރު ގެއްލި، ސްކޫލަށް ނުދެވި، ހޫނުގައި އުޅެން ޖެހުމުގެ ސަބަބުން އެކުދިންނަށް ވެސް ނަފްސާނީ ގޮތުން އަސަރު ކޮށްފައި ކަމަށް ޖަމިއްޔާތަކުން ބުނެ އެވެ.
ޕާކިސްތާނުގައި ފެންބޮޑުވުމުގެ ސަބަބުން އެ ގައުމުގެ ފަސްބައިކުޅަ އެއްބައި ފެނުއަޑީގައި ވާއިރު، އެތައް މިލިއަން ބަޔެއްގެ ގެދޮރު ގެއްލި ވަނީ ހާލުގައި ޖެހިފަ އެވެ. އަދި މަރުވި މީހުންގެ އަދަދު ވަނީ 1500 އަށް ވުރެ މައްޗަށް އަރާފަ އެވެ.