09 Mar 2010, 10:20
14:30
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ޖަރުމަނުވިލާތުގެ ޗާންސެލަރ އެންޖެލާ މާރކެލްއާ މިއަދު ބައްދަލުކުރައްވައިފި އެވެ.
ފެޑެރަލް ޗާންސެލަރީގައި އޮތް މިބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތުމުން، އެމަނިކުފާނަށް ވަރަށް ހޫނު މަރްޙަބާއެއް ދެންނެވި ކަމަށާއި ޗާންސެލަރ ޑޮކްޓަރ އެންޖެލާ މާރކެލް ރައީސް ނަޝީދަށް މަރްޙަބާ ވިދާޅުވުމަށްފަހު، ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ދިވެހިރާއްޖެއާއި ޖަރުމަނުވިލާތާ ދެޤައުމުގެ ޤައުމީ ސަލާން ކުޅުން އޮތް ކަމަށް ރައީސް އޮފީހުން ބުނެ އެވެ. އެއަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގައި އޮތް ގާޑް އޮފް އޮނަރެއް އެމަނިކުފާނު އިންސްޕެކްޓް ކޮށްދެއްވި އެވެ.
މި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި ޖަރުމަނުވިލާތާ ދެ ޤައުމުގެ ދެމެދުގައިވާ ގާތް ރަޙްމަތްތެރި ގުޅުމާބެހޭގޮތުންނާއި މި ގުޅުން އެކި ދާއިރާތަކުގައި އިތުރަށް ބަދަހިކުރެއްވުމާބެހޭ ގޮތުން ރައީސް ނަޝީދާއި ޗާންސެލަރ މަޝްވަރާކުރެއްވި އެވެ.
މި ބައްދަލުކުރެއްވުމަށްފަހު ރައީސް ނަޝީދާއި ޑޮކްޓަރ އެންޖެލާއާ ދެބޭފުޅުން ނޫސްވެރިންނާ ބައްދަލުކުރެއްވި. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަށް ޑިމޮކްރެޓިކް އިޞްލާޙު ގެނައުމުގައި ޖަރުމަނުވިލާތުން ވެދީފައިވާ އެއްބާރުލުމާއި އެހީތެރިކަމަށްޓަކައި ޗާންސެލަރަށާއި ޖަރުމަނު ސަރުކާރަށް ޝުކުރުއަދާކުރެއްވި އެވެ. އަދި ރާއްޖޭގައި ޑިމޮކްރަސީ އަށަގެންނެވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތުގައި ޖަރުމަނުވިލާތުގެ އެހީތެރިކަން ލިބިވަޑައިގަންނަވާނެ ކަމަށް ޔަޤީންކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. މީގެ އިތުރުން، މިދިޔަ ޑިސެމްބަރުމަހު ކޯޕަންހޭގަންގައި ބޭއްވުނު އ.ދ.ގެ ތިމާވެށްޓާބެހޭ ސަމިޓުގައި އެއްބަސްވުމަކާ ހަމައަށް އައުމުގައި، ޑޮކްޓަރ އެންޖެލާ މާކެލް އަދާކުރެއްވި ދައުރު ވަރަށް ބޮޑުކަން ރައީސް ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
ޑޮކްޓަރ އެންޖެލާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެ ފުރިހަމަ ޑިކޮމްރެޓިކް ނިޒާމަކަށް ބަދަލުވެގެން ދިޔައީ ވަރަށް އޮމާންކަމާއި އަމާންކަމާއެކީގައިކަން ބަޔާންކުރައްވައި، ރައީސުލްޖުމްހޫރިއްޔާއަށް ތަހުނިޔާ ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޖަރުމަނުވިލާތަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ވެރިރަށް ބާރލިންއަށް ވަޑައިގަތީ އިއްޔެ ރޭ މެންދަމުގެ ވަގުތެއްގަ އެވެ. އެމަނިކުފާ ބާރލިންގެ ބައެއް މުހިންމު ތަންތަނާއި އާޘާރީ ތަންތަނާއި އަދި ކުރީގެ ޕޮލިޓިކަލް ޕްރިޒަނެއް ބައްލަވާލެއްވި އެވެ.