ކުޑަކުދިންތަކެއް އެކްސްޕޮލައިޓް ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި ނާއްޕެގެ ސިއްހީ ހާލަތަށް ބަލައި، ދޫކޮށްލައިފި
ކުޑަކުދިންތަކެއް އެކްސްޕޮލައިޓް ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި ނާއްޕެގެ ސިއްހީ ހާލަތަށް ބަލައި، ދޫކޮށްލައިފި

ކުޑަކުދިންތަކެއް އެކްސްޕޮލައިޓް ކުރުމުގެ ތުހުމަތުގައި މިދިޔަ އަހަރު ހައްޔަރުކުރި، ބައިބަލާ މުބާރާތްތައް ހޯސްޓުކުރުމަށް މަޝްހޫރު ނާފިއު ރަޝީދު (ނާއްޕެ)ގެ ސިއްހީ ހާލަތަށް ބަލައި، ކްރިމިނަލް ކޯޓުން އޭނާ ޝަރުތުތަކާ އެއްކޮށް ދޫކޮށްލައިފިއެވެ.

މިދިޔަ އޮކްޓޫބަރު ހައެއްގައި ނާއްޕެ ހިމެނޭ ގޮތަށް އެ މައްސަލައިގައި ހަތަރު މީހަކު ހައްޔަރުކުރިއެވެ. އެއީ، ނާއްޕެއާއި އަލީ އަޝްރަފް (35އ)/މ އެތުމާ، ލުހާން ސަޢީދު (41އ)/ޕެރިސް ގދ. ވާދޫ، އަދި އިބްރާހިމް ޝިނާން އަހުމަދު (33އ) ހ. ފިނިކުރިއެވެ.

ފުލުހުން އެ މީހުން ހައްޔަރުކުރީ، ހެންވޭރުގައި ހުންނަ ގެއެއްގެ އެޕާޓުމަންޓެއް ބަލައި ފާސްކުރުމަށްފަހު، މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ ރަބަރު ޕެކެޓަކާ އެކީގައެވެ. އެ ހުރިހާ އެންމެންގެ ކުޑަކަމުދާ ތަކެތީގެ ވަގުތީ ނަތީޖާ މަސްތުވާއެއްޗެއްސަށް ޕޮޒިޓިވްވެފައިވާ ކަމަށް ފުލުހުން ކުރިން ވަނީ ބުނެފައެވެ.

'ސަން'އިން ސުވާލުކުރުމުން ފުލުހުން މިއަދު ބުނީ، އެ މައްސަލައިގެ ތަހުގީގު ނިމި، ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

ކުޑަކުދިންތަކެއް އެކްސްޕްލޮއިޓްކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި ހަތަރު މީހުން: ސިއްހީ ހާލަތަށް ބަލައި، ނާއްޕެ ވަނީ ދޫކޮށްލައިފައި ---

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި، ނާއްޕެގެ ބަންދު މުރާޖާކޮށްދިނުމަށް ވަކީލުން ވަނީ ކޯޓުގައި އެދިފައެވެ. އެގޮތަށް އެދުނީ ނާއްޕެގެ ސީރިއަސް ސިއްހީ ހާލަތެއްގެ ސަބަބުން ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް، އެ ކަމުގެ ތަފުސީލެއް ނުދެއްވައެވެ.

އެހެންވެ، ކޯޓުން އޭނާ ދޫކޮށްލީ އެ ހާލަތަށް ރިއާޔަތްކޮށް، ޝަރުތުތަކާ އެއްކޮށް ކަމަށް އޮފިޝަލް ވިދާޅުވިއެވެ. އެކަމަކު، ނާއްޕެ ދޫކޮށްލި ތާރީޚެއް މިހާތަނަށް ސާފުވެފައެއް ނުވެއެވެ.

ފާހަގަކުރެވޭ ގޮތުގައި، ފުލުހުން ކުރިން ބުނި ގޮތުގައި މި މައްސަލައިގައި އަނިޔާ ލިބުނު ކުޑަކުދިންގެ ތެރޭގައި 17 އަހަރުގެ ދެ އަންހެން ކުދިންނާއި 16 އަހަރާއި 17 އަހަރުގެ ދެ ފިރިހެން ކުދިން ހިމެނެއެވެ. އެކަމަކު، އެ ކުދިންނަށް ކުރި އަނިޔާއާއި އެކްސްޕްލޮއިޓްކުރިގޮތާ ބެހޭ އެއްވެސް ތަފުސީލެއް ފުލުހުން ދީފައެއް ނުވެއެވެ.

ގާނޫނީ ގޮތުން އެކްސްޕްލޮއިޓޭޝަން މާނަކުރަނީ، އެއްވެސް ބާވަތެއްގެ މަންފާއެއް ހާސިލުކުރުމަށްޓަކައި، ކުއްޖެއްގެ ޖިސްމާނީ، ނަފުސާނީ ދުޅަހެޔޮކަމާއި، ކުއްޖާގެ ހެދިބޮޑުވުމަށް އަސަރުކުރުވާފަދަ ގޮތަކަށް ލާއިންސާނީ އަމަލުތައް ހިންގުމަށެވެ.