11 Sep 2012, 09:22
ވިއެނާ (ސެޕްޓެމްބަރ 11): އީރާނުން ނިއުކްލިޔާ ވޯހެޑެއް ތަރައްޤީ ކުރަމުންގެންދާ ކަމަށް ހުޅަނގުން ތުހުމަތުކުރާ އީރާނުގެ ޕަރްޝީން ނިއުކްލިޔާ ލެބޯޓްރީ އަށް "އިންޓަރނޭޝަނަލް އެޓަމިކް އެނަރޖީ އެޖެންސީ"ގެ އިނިސްޕެކްޓަރުން ވަދެ އެތަންބަލައި ފާސްކުރުމުގެ ފުރުސަތު ދިނުމަށް އެއެޖެންސީގެ ވެރިޔާ ޔުކިޔާ އަމާނޯ އީރާނަށް ގޮވާލައްވައިފި އެވެ.
ފަރުބަދަތަކެއްގެ އަޑީގައިވާ އީރާނުގެ އެތައް ނިއުކްލިޔާ ލެބޯޓްރީއެއްގެ ތެރެއިން ޕަރްޝީން ނިއުކްލިޔާ ލެބޯޓްރީއަކީ އީރާނުގެ އެންމެ އިސް ނިއުކްލިޔާ ސައެންސްވެރިންގެ ޓީމަކުން ނިއުކްލިޔާ ވޯހެޑެއް ތަރައްޤީ ކުރުމަށް މަސައްކަތްކުރަމުން ގެންދާ ލެބޯޓްރީއެއް ކަމަށް ބުނެ ހުޅަނގުން ޚަބަރުތަކެއް ފަތުރަމުންގެންދާ މިދުވަސްވަރު އަމާނޯ ވިދާޅުވީ އީރާނުގެ ނިއުކްލިޔާ މާއްދާތައް ޢަސްކަރީ ބޭނުންތަކުގައާއި ނިއުކްލިޔާ ހަތިޔާރު އުފެއްދުމަށް ބޭނުން ނުކުރާކަން ކަށަވަރުކުރުމަށް ޓަކައި އެތަނަށް އެއެޖެންސީން ވަންނަން ޖެހޭ ކަމުގަ އެވެ. "މިބިރުތައް ފިލާނީ އީރާނުގެ ޕަރްޝީން ނިއުކްލިޔަރ ލެބޯޓްރީ އަށް އައިއޭއީއޭގެ އިނިސްޕެކްޓަރުންނަށް ވަދެވިއެތަން ޗެކްކުރެވިގެން" އަމާނޯ ވިދާޅުވި އެވެ.
އީރާނުން ވަނީ އެޤައުމުން ނިއުކްލިޔާ ހަތިޔާރު އުފައްދާކަމަށް ތުހުމަތުކޮށް ދޭތެރެއަކުން ކަންތައްގަނޑު ބޮޑުކޮށްލައިގެން އީރާނުގެ ޤައުމީ ދިފާޢީ މަރުކަޒުތަކަށް ވަނުމަށް އައިއޭއީއޭގެ އިނިސްޕެކްޓަރުން މަސައްކަތްކުރާ ކަމަށާއި މި މަސައްކަތްތަކުގެ ފަހަތުގައި ވަނީ އެމެރިކާ އާއި ހުޅަނގުގެ ބާރުތައް ކަމަށް ތުހުމަތުކޮށްފަ އެވެ. މިއީ ހުޅަނގަށް ބޭނުންވާ ޖާސޫސީ މަޢްލޫމާތު ހޯދުމަށް ޓަކައި ކުރާ ކަމެއްކަމަށާއި އައިއޭއީއޭގެ އިނިސްޕެކްޓަރުންގެ ތެރޭގައި ވެސް ހުޅަގުގެ ޖާސޫސީ އިދާރާތަކާ ގުޅިފައިވާ ފަރާތްތައް ހިމެނޭކަމަށް އީރާނުގެ ރަސްމީ މީޑިޔާ އިންވަނީ ތުހުމަތުކޮށްފަ އެވެ.
ޕަރްޝީން ނިއުކްލިޔާ ލެބޯޓްރީގައި މާމައްޗަށް މުއްސަނދިކޮށްފައިވާ ޔޫރޭނިޔަމް ހުރިކަމަށް ތުހުމަތުކުރުމަށް ފަހު 2005ގައި ވެސް އައިއޭއީއޭގެ އިނިސްޕެކްޓަރުން އެލެބޯޓްރީއަށް ވަދެފައިވެ އެވެ. ނަމަވެސް ޝައްކުކުރެވޭ ފަދަ އެއްވެސް އެއްޗެއް އަދި މާބޮޑަށް މުއްސަނދިކޮށްފައިވާ ޔޫރޭނިޔަމެއް ވެސް އެލެބޯޓްރީން ފެނިފައެއްނުވެ އެވެ.
އެމެރިކާ އާއި ހުޅަނގުގެ އެހެން ބައެއް ޤައުމުތަކުގެ ޖާސޫސީ ފަރާތްތަކާއި ޙަވާލާދީ އިސްރާއީލާއި އެމެރިކާގެ ޚަބަރުފަތުރާ ވަސީލަތްތަކުން ދާދިފަހުންބުނެފައި ވަނީ އީރާނުގެ ޕަރްޝީން ނިއުކްލިޔާ ލެބޯޓްރީގައި ނިއުކްލިޔާ ޑިވައިސްއެއް އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުންކޮށްގެން ގޮއްވާލައި އެޑިވައިސްގެ ބާރު ބެލޭ ފަދަ ކޮޓަރިއެއް އީރާނުން ބިނާކޮށްފައިވާ ކަމުގަ އެވެ. އީރާނުންވަނީ މިކަން ދޮގުކޮށްފަ އެވެ.
އީރާނުން ވަނީ ނިއުކްލިޔާ ސައިޓްތައް ބެލުމުގެ މައްސަލަ ހަތިޔާރަކަށް ހަދައިގެން އީރާނުގެ ޢަސްކަރީ ހައްސާސީ މަރުކަޒުތަކަށް ވަދެ ޖާސޫސުކުރުމުގެ ފުރްސަތު "އިންޓަނޭޝަނަލް އެޓަމިކް އެނަރޖީ އެޖެންސީ"އަށް ނުދޭނެ ކަމަށާއި ނަމަވެސް ނިއުކްލިޔާ މައްސަލާގައި އާންމުކޮށް އީރާނުން ދެމުންގެންދާ އެއްބާރުލުން ދެމުން ގެންދާނެ ކަމަށް ބުނެ އެވެ. (ނޫސްއެޖެންސީތައް)