މި މަހުން ފެށިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) މުވައްޒަފުންގެ މުސާރަ ބޮޑުވެއްޖެއެވެ.

'ސަން'އަށް އެނގިފައިވާ ގޮތުގައި، ޕޭ ހާމަނައިޒް ކުރުމުގެ ދަށުން ދައުލަތުގެ މުއައްސަސާތަކުގެ މުސާރަ ބޮޑުކުރުމުގެ ގޮތުން ފިނޭންސް މިނިސްޓްރީން ވަނީ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑަށް ބަދަލު އަންނާނެކަން ސިޓީއަކުން އޭސީސީއަށް އަންގާފައެވެ.

މިގޮތުން، އެ އޮނިގަނޑަށް ބަދަލު ގެނައުމުން އޭސީސީގެ ގިނަ އަދަދެއްގެ މުސާރައަށް ކުރިއެރުން ލިބިފައިވާކަން 'ސަން'އަށް ވަނީ އެނގިފައެވެ.

މި ކަމާ ގުޅިގެން 'ސަން'އިން ސުވާލުކުރުމުން ފިނޭންސް މިނިސްޓްރީގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ދައުލަތުގެ ޕޭހާމަނައިޒް ކުރުމުގެ އުސޫލުގެ ދަށުން މުއައްސަސާތަކުގެ މުވައްޒަފުންގެ މުސާރައަށް ބަދަލު ގެންނަމުންދާ ކަމަށެވެ. ނަމަވެސް، އިތުރު ތަފްސީލެއް ނުދެއްވައެވެ.

ޕޭ ހާމަނައިޒް ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެއް ކަމަށްވާއިރު، އެ ކަމުގެ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ.

މިގޮތުން، މިދިޔަ މަހުން ފެށިގެން މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސްއާއި މޯލްޑިވްސް ކަސްޓަމްސް ސާވިސަސް މުވައްޒަފުންގެ މުސާރަ ވަނީ ބޮޑުކޮށްފައެވެ.

ކަރެކްޝަންސް މުވައްޒަފުންގެ މުސާރަ ކުޑަ ކަމުގެ ޝަކުވާ އަބަދުވެސް ކުރެއެވެ. އަދި އެ މުއައްސަސާގެ މުސާރައަށް ބަދަލު ގެނެސްފައި މިވަނީ، 11 ވަރަކަށް އަހަރު ފަހުންނެވެ.

ހަމައެއާއެކު ކަސްޓަމްސް މުވައްޒަފުންގެ މުސާރައާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި ކަސްޓަމްސްގެ ބަޖެޓުގެ ކަންކަން ބަލަހައްޓަވާ ޗީފް ސުޕްރިންޓެންޑެންޓް އަބްދުالله އަލީ ވިދާޅުވީ އެ ޚިދުމަތުގެ މުސާރައިގެ އޮނިގަނޑަށް ބަދަލެއް ނާންނަތާ 13 އަހަރު ވެއްޖެ ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ޕޭ ހާމަނައިޒްވީ ނަމަވެސް މުސާރަތައް ކުޑަކަމުގެ ޝަކުވާ އެކި ދާއިރާތަކުގެ މުވައްޒަފުން ގެންދަނީ ކުރަމުންނެވެ. އޭގެ ތެރޭ ޖުޑީޝަރީގެ މުވައްޒަފުން ވެސް ހިމެނެއެވެ.