11 Sep 2012, 00:16
އަޅުގަނޑުގެ ބެލުމުގެ ދަށުން ހިންގި ޖަމްޢިއްޔާ އަކުން ޓޭބަލް ޓެނިސް މުބާރާތެއް ބާއްވަން ނިންމައިފިއެވެ. މުބާރާތް ބާއްވަން ކަނޑައަޅާފައި އޮތީ އައްޑު އަތޮޅުގައެވެ. ދިވެހި ރާއްޖޭގެ ޤައުމީ ޓޭބަލް ޓެނިސް އެސޯސިއަޝަނާ ގުޅިގެން ބާއްވާ މުބާރާތަކަށް ވުމާއެކު، މުބާރާތް ރާވައި ހިންގުމުގައި، އެ ދުވަސްވަރު އެސޯސިއޭޝަނުން ރާއްޖެ ގެންނަވާފައި ހުރި ޓީޓީ ކޯޗުގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބުނެވެ.
މުބާރާތް އިޢުލާނު ކުރުމާއެކު ބައިވެރި ވާން ވަރަށް ގިނަ މީހުން އެދުނެވެ. އޭގެ ތެރޭގައި ދުވަހަކުވެސް މުބާރާތެއްގައި ބައިވެރި ނުވާ މީހުން ވަރަށް ގިނައެވެ. އެހެންނަމަވެސް އެއްވެސް މީހަކަށް ފުރުޞަތު ނުދީ ދޫކޮށްލަން ޖަމްޢިއްޔާގެ ހިންގާ ކޮމިޓީއަށާއި، މުބާރާތުގެ ކޮމިޓީއަށް ނުފެންނާތީ އެދުނު އެންމެން ބައިވެރި ކުރީއެވެ.
މުބާރާތުގެ ގުރުއަތު ލުން އޮތް ރޭ ބައިވެރިވީ އެންމެން އައްޑު އަތޮޅު ގަމުގައި އެކަމަށް ޚާއްޞަ ކުރެވުނު މާލަމަށް ހާޒިރު ވިއެވެ. ޖަޕާނު ކޯޗުވެސް އިނެވެ. ގުރުއަތު ލުން ކުރިއަށް ގެންދިޔައީ އޭނާއާއި، ޖަމްޢިއްޔާގެ ބައެއް އެހެން މީސް މީހުންނެވެ. ގުރުއަތު ލުމުގެ ކަންތައް ފެށުމާއެކު ރާއްޖޭގެ ކުޅިވަރުގެ މައިދާނުގައި އެއް ދުވަސްވަރެއްގައި މަޝްހޫރު މީހަކު ތެދުވެ ބުނެފިއެވެ. (މި މީހާ އަކީވެސް މުބާރާތުގެ ބައިވެރި އެކެވެ.)
"ބައެއް ކުޅުންތެރިން ސީޑުކުރުމަކީ ކުރަން ޖެހޭނެ ކަމެކެވެ."
ޓެނިސް، ޓޭބަލް ޓެނިސް ފަދަ ކުޅިވަރުތަކުގައި ސީޑު ކުރުމަކީ މޮޅު ބައެއް ކުޅުންތެރިން ފުރުތަމަ ބުރުގައި ނުވަތަ އެއަށްވުރެ ގިނަ މެޗުތަކުގައި ނަމަވެސް ކުޅެން ނުޖެހޭ ގޮތަށް ހަމަ ޖެއްސުމެވެ. އެމީހުން ކުޅޭނީ ފުރަތަމަ ބުރު ނުވަތަ ކަނޑައަޅާ ބައެއް މެޗުތައް ކުޅުމަށްފަހު އެ މެޗުތަކުން މޮޅުވާ ބަޔަކާއެވެ. މިއީ ފެންވަރު ދެރަ ކުޅުންތެރިންނަށް ފުރުޞަތު ބޮޑުވާނެހެން ކުރާ ކަމެކެވެ. އަދި މޮޅު ކުޅުންތެރިންނަށް ބޭކާރު މެޗުތަކެއް ކުޅެން ނުޖެހޭ ގޮތް ހެދުމުގެ ގޮތުންވެސް ކުރާ ކަމެކެވެ.
ސީޑު ކުރުމުގެ ވާހަކަ ދެއްކުމާއެކު އެންމެ ފުރަތަމަ ޖަޕާނު ކޯޗު އެކަމާ ދެކޮޅު ހަދައިފިއެވެ. އަޅުގަނޑުވެސް ދެކޮޅު ހަދައިފީމެވެ. އަޅުގަނޑުމެންގެ ވާހަކަ އަކީ ކުރިން މިފަދަ މުބާރާތެއް ކުޅެވިފައި ނެތީސް ސީޑު ކުރެވޭނެ ގޮތެއް ނެތް ވާހަކައެވެ. ކުރީގެ މުބާރާތެއްގެ މަޢުލޫމާތު ނެތި، މޮޅު ކުޅުންތެރިން ވަކި ކުރަން ނޭނގޭނެތީއެވެ. މީހަކު އަމިއްލައަށް ތިމަންނާއަކީ މޮޅު މީހަކީމޭ ބުނީމާ، އެ މީހަކު ސީޑު ކުރުމަކީ އެއްގޮތަކަށްވެސް ހަމަޖެހޭ ކަމެއް ކަމަކަށް އަޅުގަނޑުމެންނަކަށް ނުފެނުނެވެ.
އެހެންނަމަވެސް ސީޑު ކުރަން ހުށަހެޅި މީހާ ހަމަ އެއް ގޮތަކަށްވެސް ދުލެއް ނުކުރިއެވެ. އެންމެ ފަހުން ގޮސް ބޮޑު ޒުވާބަކަށް ބަދަލު ވެއްޖެއެވެ. މާލަމުގެ ތެރޭގައި އަޑުގަދަވެ، ގުރުއަތުން ލުން ކުރިއަށް ގެންދާން އުނދަގޫ ވެއްޖެއެވެ.
މިހިސާބަށް ކަންތައް ދިޔައީމާ އަނެއްކާވެސް ގޮތެއް ހުށަހެޅީ އޭނާއެވެ. "އެންމެ ރަނގަޅެވެ. ސީޑު ކުރާނީތޯ ނުވަތަ ނޫންތޯ ބަލަން ވޯޓަކަށް އަހަމާ ހިނގާށެވެ."
އެކަމާވެސް އަޅުގަނޑުމެން ދެކޮޅު ހެދީމެވެ. ކުރެވެން ނެތް ކަމަކަށް ވޯޓު ލުމުގެ ބޭނުމެއް އޮތް ކަމަކަށް އަޅުގަނޑަކަށްވެސް އަދި ޖަޕާނު ކޯޗަކަށްވެސް ނުފެނުނެވެ. އެކަމަކު މަސްރަޙު ހޫނު ވަމުން ގޮސް ކުރާނެ ކަމެއް ނެތިގެން ވޯޓަކަށް އަހައިފީމެވެ. ވޯޓުގެ ނަތީޖާ އަކީ އެންމެ ދެމީހުން ފިޔަވައި އެހެން އެންމެން ސީޑު ކުރަން ތާއީދު ކުރުމެވެ.
ނަތީޖާ މިހެން ނުކުތް ނަމަވެސް އަޅުގަނޑުމެން، ޖަމްޢިއްޔާގެ މީހުންގެ ހިތެއް ހަމައެއް ނުޖެހުނެވެ. އެހެންވީމާ އަޅުގަނޑު ބުނެފީމެވެ.
"އެންމެ ރަނގަޅެވެ. މިހާރު ސީޑު ކުރަން ތާއީދު ލިބުނީތާއެވެ. އެހެންވީމާ ސީޑު ކުރުމަކީ ކޮބައިކަން ދަންނަ އެންމެން އަތް މައްޗަށް ނަގައިބަލާށެވެ."
ފިސާރި ތެދެއް ދަންނަވަންތޯއެވެ؟ އަތް މައްޗަށް ނެގީ އެންމެ ދެ މީހުންނެވެ. އެ ދެމީހުންގެ ތެރެއިން އެކަކީ ސީޑު ކުރަން ފެންނަ ކަމަށް ހުށަހެޅި މީހާއެވެ. ސީޑު ކުރުމަކީ ކޮބައިކަން އޭނާއަށް އެނގޭކަން އަޅުގަނޑަށް ޔަގީނެވެ. އެހެންވީމާ އަތް މައްޗަށް ނެގި އަނެއް މީހާޔާ އަޅުގަނޑު ސުވާލު ކޮށްލީމެވެ. "އެންމެ ރަނގަޅެވެ. ސީޑު ކުރުމަކީ ކޮބައިކަން މިތާނގައި މިތިބަ މީހުންނަށް ކިޔައި ދީބަލާށެވެ."
އޭނާ އަކަށް ކިޔައިދޭކަށް ނޭނގުނެވެ. އެހެންވީމާ އެތާނގައި އޭރު ތިބި ސާޅީހަކަށް މީހުންގެ ތެރެއިން ސީޑު ކުރުމަކީ ކޮބައިކަން އެނގެނީ ހަމަ އެންމެ މީހަކަށެވެ. އަޅުގަނޑުގެ ހިތަށް އެރިއެވެ. ނޭނގި ތިބެ ސީޑު ކުރަން އެމީހުން އެއްބަސްވީ ކީއްވެގެން ބާވައެވެ؟
އަޅުގަނޑަށް ވިސްނުނީ އެންމެ ސަބަބެކެވެ. ސީޑު ކުރުމަކީ ކޮންމެހެން ކުރަން ޖެހޭ، މުހިއްމު ކަމެއް ކަމަށް އެމީހުންނަށް ވިސްނުނީއެވެ. ކޮންމެހެން ކުރަން ޖެހޭ ކަމަކާ ދެކޮޅު ހަދާ މީހާ އަކީ ޖަމާޢަތުން ބޭރު ވެދާނޭ މީހެއް ކަމުގެ ބިރު ހިތުގައި އުފެދުނީއެވެ.
މިއީ ތަކުރާރުކޮށް އަޅުގަނޑުމެންގެ ތެރެއިން ފެންނަ ކަމެކެވެ. ބައެއް މީހުން ކަންކަމާ ދެކޮޅު ހަދަނީ، ނުވަތަ އެއްބަސްވަނީ، އެކަމެއްގެ ޙަޤީޤަތް މުޅީން އެނގި ތިބެގެންނެއް ނޫނެވެ. ބައެއް މީހުން ބަލަނީ ޒަމާނީ ތައްގަނޑަށް ފެތޭތޯއެވެ؟ ވަކި ކަމަކާ ދެކޮޅު ހެދީމާ ނުވަތަ އެއްބަސްވީމާ ޒަމާނީ މީހަކަށް ވާނެއޭ ހީކޮށް ދެކޮޅު ހަދަނީއެވެ. ނުވަތަ އެއްބަސް ވަނީއެވެ.
ސިޔާސީ މާޙަވްލެއްގައި ވަކި ބަޔަކަށް ނުވަތަ ވަކި މީހަކަށް ތާއީދު ކުރުމަކީ އެންމެ ރަނގަޅު ކަމެކެވެ. އަދި އެ ބަޔަކަށް ނުވަތަ އެ މީހަކަށް ތާއީދު ހޯދަން މަސައްކަތް ކުރުމަކީވެސް އެންމެ ރަނގަޅު ކަމެކެވެ. އެކަމަކު އެއްވެސް ޖަމާޢަތެއްގެ ނުވަތަ އެއްވެސް މީހެއްގެ ވާހަކައަކީ ލޯމަރާލާފައި ގަބޫލު ކުރަން ޖެހޭ ވާހަކަ އަކަށް ހަދާކަށް ނުވާނެއެވެ. ދެއްވައިފައިވާ ސިކުނޑީގެ ބޭނުންކޮށްގެން އެ ވާހަކައެއްގެ ތެދު ދޮގު ބެލުމަކީ ކުރަން ޖެހޭނޭ ކަމެކެވެ. ލިބޭން ހުރި ގޮތަކަށް މަޢުލޫމާތު ހޯދައިގެން ބެލުމަކީވެސް ކުރަން ޖެހޭނޭ ކަމެކެވެ.
ޢާއްމުންގެ ބޮލަށް ވާހަކައެއް ވައްދައިގެން، އެމީހުން ލަވަމުން ވަކި ދިމާއަކަށް ގެންދިއުމަކީ ސިޔާސީ ދާއިރާގައި އޮންނަ އުސޫލެކެވެ. އެއީ އެކަން އޮންނާނެވެސް ގޮތެވެ. ސިޔާސީ ބޮޑުންގެ މަޅީގައި ނުޖެހި ސަލާމަތް ވާނީ އަމިއްލަ ސިކުނޑީގެ ބޭނުން ކުރީމައެވެ. ބޮޑުން ބޭނުން ކުރަން އޮންނަ އެއްޗަކަށް ތިމާގެ ސިކުނޑި ހެދުމަކީ ގެއްލުން ބޮޑު މަގަކަށް ނުކުންނަން އަޅާ ފިޔަވަޅެކެވެ.