ހުޅުމާލޭން މާލެއަށް ބަނގުރާ އުފުލަނިކޮށް ދެ ބިދޭސިއަކު ހިފަހައްޓައި، ޑީޕޯޓުކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފިއެވެ.

ފުލުހުން ބުނީ، ބަންގްލަދޭޝަށް ނިސްބަތްވާ، އުމުރުން 33 އަހަރުގެ މީހާއާއި 36 އަހަރުގެ މީހާ ހައްޔަރުކުރީ، ބަނގުރާ ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ކަމަށެވެ.

އެ ދެ މީހުން ހައްޔަރުކުރީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ކޮންޓެއިނަރު ޖެޓީން މާލެއަށް ބަނގުރާ ގެންދާކަމަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށް، ފުލުހުން ބުންޏެވެ.

އިއްޔެގެ ވަގުތެއްގައި ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ފުލުހުންނާއި ހައިވޭ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނުގައި، ބުރިޖުމަތިން ދެ މީހުން ހުއްޓުވައި ފާސްކުރިއިރު، 28 ފުޅި ބަނގުރާ ފެނިފައިވާ ކަމަށް، ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ބުނީ، މި މައްސަލައިގެ އިޖުރާއަތްތައް ފުރިހަމަކުރުމަށްފަހު، އެ ދެމީހުން ރާއްޖޭން ފޮނުވާލަން އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށެވެ.

ފާހަގަކުރެވޭ ގޮތުގައި، 40 ފުޅި ބަނގުރަލާއި ގިނަ އަދަދެއްގެ ފައިސާއާއެކު، މިމަހުގެ 11ވަނަ ދުވަހު ބަންގްލަދޭޝަށް ނިސްބަތްވާ، 27 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވެއެވެ. އޭނާވެސް ޑީޕޯޓުކުރުމަށް އިމިގްރޭޝަނާ ވަނީ ހަވާލުކޮށްފައެވެ.

މި މައްސަލަތަކުގެ އިތުރުންވެސް، ބަނގުރަލުގެ ވިޔަފާރީގައި ހަރަކާތްތެރިވާ ބިދޭސީންގެ މައްސަލަ ފެންމަތިވާ މިންވަރު ވަނީ އިތުރުވެފައެވެ.