10 Sep 2012, 17:53
ހައްޖުގެ އަޅުކަންތައް ކުރިއަށްދާ ގޮތް ރާއްޖޭގެ ޓީވީތަކާއި ރޭޑިއޯތަކުން ގެނެސްދިނުމަށް ޓަކައި ރާއްޖޭގެ ބްރޯޑްކާސްޓަރަކަށް ސައުދީ އަރަބިއްޔާ އިން ސަރުކާރުން ދިނުމަށް ހަމަޖައްސައިފައިވާ ހައްޖު ދަތުރު ލިބޭ ބްރޯޑްކާސްޓަރަކު ހޮވުމުގެ ފުރުސަތު މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާ ހަވާލުކޮށްފި އެވެ.
ބްރޯޑްކާސްޓިން ކޮމިޝަނުން ބުނީ ހައްޖު ދަތުރު ލިބޭނެ ބްރޯޑްކާސްޓަރަކު ހޮވުމުގެ ފުރުސަތު އެކޮމިޝަނަށް ލިބިފައި ވަނީ ސައުދީ ސަރުކާރުންދޭ ހައްޖު ދަތުރު މީގެކުރިން ލިބެމުން ދަނީ ދައުލަތުގެ މީޑިއާ އަށް ކަމުގައިވެފައި 2007 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ކޮމާޝަލް ބްރޯޑްކާސްޓަރުން ވެސް ހަރަކާތްތެރިވަމުން އަންނަ އިރު އެ ފުރުސަތު އެ ފަރާތްތަކަށް ލިބިފައި ނުވާތީ އެކަންތައް ވީހާ ވެސް އިންސާފުވެރިކަމާއި ހަރުދަނާ އުސޫލެއްގެ މަތިން އިންތިޒާމު ކުރުމަށް ޓަކައި އެކޮމިޝަންގެ ދައުރު އޮންނަން ފެންނަ ކަމަށް ސަރުކާރުގައި އެކޮމިޝަނުން ދެންނެވުމާ ގުޅިގެން ކަމަށެވެ.
ސައުދީ ސަރުކާރުން އަންގަވައިފައި ވަނީ މި ފުރުސަތު ދޭ ފަރާތަކީ ޕްރޮގްރާމް ނުވަތަ ހަބަރު ގެނެސްދިނުމުގައި މަސައްކަތްކުރާ ސީނިއާ ފިރިހެން މުވައްޒަފަކަށް ވާން ޖެހޭނެ ކަމަށާއި މީގެ ކުރިން ޙައްޖެއް ވެފައިވާ މީހެއް ކަމުގައި ވެގެން ނުވާނެ ކަމަށެވެ. ޝޯޓްލިސްޓްކުރާ ތިން ކެންޑިޑޭޓެއްގެ ވަނަވަރު ފޮނުވުމުން، އޭގެ ތެރެއިން ވަކި ފަރާތެއް ކަނޑައަޅާނީ ސައުދީ ސަރުކާރުން ކަމަށް ބުނެފައިވެ އެވެ.
މިގޮތުން މި އަހަރުގެ ހައްޖު ދަތުރަށް ތިން ފަރާތެއް ޝޯޓްލިސްޓް ކުރުމަށްޓަކައި ރާއްޖޭގައި މިހާރު ބްރޯޑްކާސްޓްކުރަމުންދާ ހުރިހާ ޗެނަލްތަކަށް ހަމަހަމަ ފުރުސަތު ދިނުމަށް އެކޮމިޝަނުން ވަނީ ނިންމައިފަ އެވެ. ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް ލިބި ނަމަވެސް ބްރޯޑްކާސްޓް ކުރަން އަދި ފަށައިފައިނުވާ ފަރާތްތައް މީގެ ތެރޭގައި ނުހިމެނޭނެ ކަމަށް އެކޮމިޝަނުން ބުންޏެވެ.
މި އަހަރުގެ ހައްޖު ދަތުރަށް ތިން ފަރާތެއް ޝޯޓްލިސްޓް ކުރުމަށް ޓަކައި ހަމަޖައްސަން ޖެހޭ ކަންތައްތައް އެކޮމިޝަނުން ގެންދަނީ ކުރަމުންނެވެ.