"އުރުބާނީގެ ޕާސިން ގޭމް ދިވެހިންނާ ވަރަށް ގުޅޭ، މިއީ އަހަރެމެން ކުޅޭހިތްވާ ސްޓައިލް"
"އުރުބާނީގެ ޕާސިން ގޭމް ދިވެހިންނާ ވަރަށް ގުޅޭ، މިއީ އަހަރެމެން ކުޅޭހިތްވާ ސްޓައިލް"

ގައުމީ ފުޓްބޯޅަ ޓީމާ އަލުން ހަވާލުވި ތަޖުރިބާކާރު ކޯޗު އިސްތަވާން އުރުބާނީގެ ކުޅުމުގެ ފިލޯސަފީއަށް، މިޑްފީލްޑަރު އަހުމަދު އައިހަމް (ފަތޯ) ތައުރީފްކޮށްފިއެވެ.

ފަތޯ ބުނި ގޮތުގައި އުރުބާނީ ގެންގުޅޭ "ޕާސިން ގޭމް" ނުވަތަ ބޯޅަ ތިރިން ޖަހައިގެން ކުޅޭ ސްޓައިލަކީ ދިވެހި ކުޅުންތެރިންގެ ހަށިގަނޑާއި ހުނަރަށް ބަލާއިރު އެންމެ އެކަށީގެންވާ، އަދި ކުޅުންތެރިން އެންމެ ކުޅޭހިތްވާ ގޮތެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި މިއަދު ހަވީރު 15:30 ގައި ޓިމޯ ލެސްޓޭއާ ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުވާން ލިބުނީ މަދު ދުވަސްކޮޅެއް ނަމަވެސް، ޓީމުގެ މިސްރާބު ހުރީ ވަރަށް ރަނގަޅަށް ކަމަށާއި ކޯޗުގެ އިރުޝާދުގެ ދަށުން ކުޅުންތެރިން ތިބީ އާ އަޒުމެއްގައި ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެއާއި ޓިމޯ ލެސްޓޭ ބައްދަލުކުރާ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައިހަމްއާއި ކޯޗު އުރުބާނީ -- ސަން ފޮޓޯ: ޝާތިޢު ޢަބްދުﷲ

މިދިޔަ ނޮވެމްބަރު މަހު ޑިސިޕްލިނަރީ މައްސަލައެއްގައި ޓީމުން ބާކީކުރި ނަމަވެސް، ކުރެވުނު ކުށަށް މާފަށް އެދުމަށްފަހު ފަތޯ މިހާރު ވަނީ އަލުން ސްކޮޑުން ފުރުސަތު ހޯދާފައެވެ.

އޭނާ ބުނީ ކުރީގެ ކަންތައްތަކަކީ މިހާރު "މާޒީ" ކަމަށާއި، މިހާރު އަމާޒަކީ އާ ފެށުމަކާއެކު ގައުމީ ޓީމަށް އެންމެ ފުރިހަމައަށް ހިދުމަތް ކުރުން ކަމަށެވެ.

އުރުބާނީއަކީ މީގެ ކުރިންވެސް ރާއްޖެއަށް ކާމިޔާބީތަކެއް ހޯދައިދީ، ދިވެހި ފުޓްބޯޅައިގެ ވައްޓަފާޅި ބަދަލުކޮށްލި ކޯޗެކެވެ. މިއަދު 15:30 ގައި ގަލޮޅު ދަނޑުގައި ފަށާ މެޗަކީ މި މަގާމާ ހަވާޅުވުމަށްފަހު އުރުބާނީގެ ކޯޗުކަމުގައި ސީނިއާ ގައުމީ ޓީމުން ކުޅޭ ފުރަތަމަ މެޗެވެ.