ޕާކިސްތާނާއި އަފްޣާނިސްތާނަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން 45 މީހުން މަރުވެއްޖެ
ޕާކިސްތާނާއި އަފްޣާނިސްތާނަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން 45 މީހުން މަރުވެއްޖެ

އަފްޣާނިސްތާނާއި ޕާކިސްތާނުގައި ފާއިތުވި ފަސް ދުވަހުގެ ތެރޭގައި ބޯކޮށް ވާރޭވެހުމުގެ ސަބަބުން ބިންގަނޑު ކަނޑައިގެން ގޮސް، ހިނގި ހާދިސާތަކުގައި 45 މީހުން މަރުވެފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެފިއެވެ.

އަފްޣާނިސްތާނުގެ ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހޯމަ ދުވަހު ބުނެފައިވާ ގޮތުގައި ފެންބޮޑުވުމުގެ ސަބަބުން 28 މީހުން މަރުވެ 49 މީހަކު ޒަހަމްވެފައިވާއިރު 100 އަށް ވުރެ ގިނަ ގެދޮރު ވަނީ ހަލާކުވެފައެވެ.

އަފްޣާނިސްތާނުގައި މަރުވި މީހުންގެ ތެރެއިން ގިނަ މީހުން މަރުވެފައިވަނީ މެދުތެރެއާއި އިރުމަތީ ޕްރޮވިންސްތައް ކަމަށްވާ ޕަރްވާން، މައިދާން ވާޑަކް، ޑައިކުނޑި އަދި ލޯގާ ފަދަ ޕްރޮވިންސްތަކުން ކަމަށް އޭއެންޑީއެމް އިން ބުނެއެވެ.

އެ އޮތޯރިޓީން ނެރުނު ބަޔާނެއްގައި އިތުރަށް ބުނީ އަފްޣާނިސްތާނުގެ ބައެއް ހިސާބުތަކަށް އަދިވެސް ވިއްސާރަ ކަމަށާއި ބައެއް ސަރަހައްދުތަކަށް އިތުރަށް ވާރޭވެހި ފެންބޮޑުވުމުގެ ނުރައްކާ އެބައޮތް ކަމަށެވެ.

"ޖުމްލަ 1،140 އާއިލާއަށް ވަނީ އަސަރުކޮށްފައި." އެންޑީއެމްއޭ އިން ބުންޏެވެ.

ޕާކިސްތާނުގެ ޚައިބަރު ޕަޚްތުންޚްވާ ޕްރޮވިންސްގެ ބަންނޫއަށް ބޯކޮށް ވާރޭވެހުމަށްފަހު ވެއްޓިފައިވާ ގެއެއް. ފޮޓޯ/ރޮއިޓާސް

ފުލުހުންގެ ތަރުޖަމާނު ސިދިގުالله ސިދުގީ އާ ހަވާލާދީ އަލް ޖަޒީރާއިން ބުނީ ހުޅަނގު އުތުރުގެ ބަދުޣީސް ޕްރޮވިންސްގައި ވިދާ ގުގުރުމުގެ ސަބަބުން 14 އަހަރުގެ ކުއްޖަކު މަރުވެފައިވާ ކަމަށެވެ.

ހަމަ އެއާއެކު އަފްޣާނިސްތާނާ ބޯޑަރު ހިއްސާކުރާ ޕާކިސްތާނުގެ ޚައިބަރު ޕަޚްތުންޚްވާ ޕްރޮވިންސްގައި 17 މީހަކު މަރުވެ 56 މީހުން ޒަޚަމްވެފައިވާ ކަމަށް ޕްރޮވިންޝަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ވަނީ ބުނެފައެވެ.

ބުރާސްފަތި ދުވަހުން ފެށިގެން އަފްޣާނިސްތާނުގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި އެތައް ޕްރޮވިންސަކަށް ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ގޮސްފައިވެއެވެ.

މޫސުން ގޯސްވުމުގެ ސަބަބުން ބައެއް ހައިވޭތައް ބަންދުކޮށްފައިވާ ކަމަށް އަފްޣާނިސްތާނުގެ މެދުތެރެއާއި އިރުމަތީ ސަރަހައްދުގެ އޮފިޝަލުން ބުނެއެވެ.

މިއަދުވެސް ވަރަށް ބޮޑަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކޮށްފައިވާއިރު، އަފްޣާނިސްތާނުގެ ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ވަނީ މޫސުމަށް އަންނަ ބަދަލުތައް ދެނެގަތުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ.

އަފްޣާނިސްތާނަކީ މޫސުން ގޯސްވެ، ޚާއްސަކޮށް ބޯކޮށް ވާރޭވެހުމާއި ވިއްސާރަ މޫސުމުގައި ވަރަށް ބޮޑަށް ފެންބޮޑުވާ ގައުމެކެވެ.

ޖެނުއަރީ މަހުވެސް ސްނޯ ފޭބުމާއި، ފެންބޮޑުވުމުގެ ސަބަބުން ގާތްގަޑަކަށް 17 މީހުން ވަނި މަރުވެފައެވެ.