ދިވެހި ލީގް ކޮލިފިކޭޝަންގެ ފުރަތަމަ މެޗުގައި ވެލެންސިޔާ އަތުން މޮޅެއް ހޯދުން މުހިންމު ކަމަށް ޔުނައިޓެޑް ވިކްޓަރީގެ އެސިސްޓެންޓު ކޯޗް އަހުމަދު މުހައްމަދު (އައްމަޓީ) ބުނެފި އެވެ.

ވެލެންސިޔާއާ ދެކޮޅަށް ނިކުތުމުގެ ކުރިން އެސިސްޓެންޓު ކޯޗް އަހުމަދު މުހައްމަދު ބުނީ، ލީގަށް ތައްޔާރު ވުމަށްޓަކައި ޓީމުގެ ފަރިތަކުރުންތައް ވަރަށް ފުރިހަމަކަމާ އެކު ކުރިއަށްގެންދާ ކަމަށާއި އެގޮތުން ވެލެންސިޔާ ކަހަލަ ބޮޑު ޓީމަކާ ދެކޮޅަށް ފުރަތަމަ މެޗުގައި ނުކުންނަ އިރު ބައިކޮޅަށް ގިނަ ގޯލްތަކެއް ވަނަ ނުދީ މެޗް އެއްވަރު ކޮށްލުމަކީ ވެސް ޓީމަށް ލިބޭނެ ބޮޑު ކާމިޔާބީއެއް ކަމަށެވެ.

"ޓީމްގެ އުންމީދަކީ މޮޅެއް ހޯދުން. ވެލެންސިޔާ އަކީ ވަރުގަދަ ޓީމެއް. އެހެން ވީމާ ފުރަތަމަ މެޗުން ބައިކޮޅަށް ގިނަ ގޯލްތަކެއް ވަނަ ނުދިނުމަށް ޓީމްގެ ހުރިހާ ކުޅުންތެރިން ވަރަށް މަސައްކަތް ކުރާނެ. އަދި ޓީމުގައި ނުކުޅެވޭ ވަރުގެ އެއްވެސް ކުޅުންތެރިއަކު ނެތް" އައްމަޓީ ބުންޏެވެ.

މިނިވަން ދުވަހުގެ ކުޅިވަރުތައް ބާއްވަން ގަލޮޅު ދަނޑު ޔޫތު މިނިސްޓްރީން ނެގުމުން ދެފަހަރެއްގެ މަތިން ފަސްކުރަން ޖެހުނު މިމުބާރާތް މިހާރު ފެށުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 16 ވަނަ ދުވަހު އެވެ. އެގޮތުން މުބާރާތުގެ ފުރަތަމަ މެޗުގައި ވެލެންސިޔާއާ ދެކޮލަށް ޔުނައިޓެޑް ވިކްޓަރީ ކުޅޭ މެޗް ފަށާ ގަޑި އަދި އެފްއޭއެމްއިން ހާމަކޮށްފައެއް ނުވެ އެވެ.

ޖުމްލަ ހަތަރު ޓީމް ވާދަކުރާ މިމުބާރާތުގެ ދެ ވަނަ މެޗުގައި ބައްދަލުކުރާ ދެ ޓީމަކީ ދެ ވަނަ ޑިވިޒަންގެ ޗެމްޕިއަން ބީޖީ ސްޕޯޓްސް ކުލަބާއި ވިޔަންސާ އެވެ.

މިފަހަރުގެ ދިވެހި ލީގުގެ ކޮލިފިކޭޝަންގެ ހުރިހާ މެޗެއް ވެސް ގަލޮޅު ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ އިރު، މުބާރާތުން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއް ދިވެހި ލީގަށް ކޮލިފައިވާނެ އެވެ.