ގާތްގަނޑަކަށް ތިން އަހަރުގެ މެދުކެނޑުމަކަށް ފަހު، ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) އަލުން ގައުމީ ސްކޮޑުން fފުރުސަތު ލިބުން ވެފައިވަނީ މުޅި ރާއްޖޭގެ ފުޓުބޯޅައަށް ލިބުނު ބޮޑޫ ހިތްހަމަޖެހުމެއްްގެ ގޮތުގައެވެ.

ގައުމީ ޓީމުގެ އައު ކޯޗު އިސްތަވާން އުރްބާނީ ބުނީ، ދަގަނޑޭގެ އަތުގައި ކެޕްޓަން ބޭންޑް ނެތް ކަމުގައި ވިޔަސް، އޭނާ އަކީ އަބަދުވެސް ޓީމުގެ "ކެޕްޓަން" ކަމަށެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި މާދަމާ ހަވީރު ޓިމޯ ލެސްޓޭއާ ދެކޮޅަށް ކުޅޭ މެޗަށް ނެގި ސްކޮޑުގައި އުމުރުން 40 އަހަރުގެ ދަގަނޑޭ ހިމެނުނުއިރު، މިއީ 2023 ވަނަ އަހަރުގެ މާޗް މަހު ޕާކިސްތާނާ ދެކޮޅަށް ކުޅުނު މެޗަށް ފަހު އޭނާ ގައުމީ ޓީމަށް ނެގި ފުރަތަމަ ފަހަރެވެ.

މިއީ ހަންގޭރީއަށް އުފަން އުރްބާނީ، ރާއްޖޭގެ ގައުމީ ޓީމާ ހަވާލުވި ތިންވަނަ ފަހަރެވެ. މާދަމާ ގަލޮޅު ދަނޑުގައި ކުޅޭ މެޗަކީ އޭނާގެ މި ދައުރުގެ ފުރަތަމަ އިމްތިހާނެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން އުރްބާނީ ބުނީ، ދަގަނޑޭ އާއި އިމްރާން ފަދަ ކުޅުންތެރިންނަކީ ގައުމީ ޓީމުގެ އަބަދީ ލީޑަރުން ކަމަށެވެ.

"ދަގަނޑޭ ވާނީ އަބަދުވެސް ކެޕްޓަނަކަށް. އިމްރާން ފަދައިން އެއީ ގައުމީ ޓީމުގެ ރަމްޒުތަކެއް. އަހަރެމެން މިހާރުގެ ކެޕްޓަން ސަމޫހަށް ފުރިހަމައަށް އިތުބާރު ކުރަން، އޭނާ އަކީ މި ޖީލުގެ ގާބިލު ލީޑަރެއް،" އުރްބާނީ ފާހަގަކުރިއެވެ.

އުރްބާނީ ބުނި ގޮތުގައި ދަގަނޑޭ ފަދަ ލެޖެންޑުން ޓީމުގައި ތިބުމަކީ ޒުވާން ކުޅުންތެރިންނަށް ލިބޭނެ ވަރަށް ބޮޑު ހިތްވަރެކެވެ.

"ދަގަނޑޭ އަށް އޭނާގެ ހާލަތު އެނގޭނެ. އޭނާ މިހާރު އެ މަސައްކަތް ކުރަނީ ވެޓަރަންއެއްގެ ގޮތުގައި ކަމެއް ހާސިލްކުރަން. އޭނާ ބުރަކޮށް މަސައްކަތް ކުރާނަމަ، އަހަރެންގެ ފުރިހަމަ އެހީތެރިކަން ލިބޭނެ،" ކޯޗު ބުންޏެވެ.

ރާއްޖެ އާއި ޓިމޯ ލެސްޓޭ ބައްދަލުކުރާ މެޗު ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 15:30 ގައި ގަލޮޅު ރަސްމީ ދަނޑުގައެވެ.