އައްވައްޓެރި ސްރީލަންކާގައި ކުރިއަށްދާ އަންހެނުންގެ ދެ ވަނަ ސާފްޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ހެދުނު ނޭޕާލާ ދެކޮޅަށް ކުޅެ 5-0 ލަނޑުން ރާއްޖެ ބަލިވެއްޖެ އެވެ.

ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގައި ކުޅުނު މިމެޗުން ނޭޕާލް މޮޅުވުމުން އެޓީމް ވަނީ ގްރޫޕް ދޭކުން ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ. ނޭޕާލް ސެމީ އަށް ދިޔައީ ހަ ޕޮއިންޓާ އެކު އެވެ.

މިފަހަރުގެ މުބާރާތުގައި ރާއްޖެ ހިމެނެނީ ގްރޫޕް ބީ ފަޅީގަ އެވެ. އެގޮތުން ރާއްޖެއާ އެކު މިގްރޫޕްގައި ވާދަކުރާ އަނެއް ތިން ގައުމަކީ އަފްގާނިސްތާނާއި ނޭޕާލް އަދި ޕާކިސްތާނެވެ.

ރާއްޖެ ޓީމުގެ ކޯޗް އިބްރާހިމް ހަލީމް (ޖަޑާ)ގެ އިރުޝާދުގެ ދަށުން މިފަހަރުގެ މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި އަފްގާނިސްތާނާ ދެކޮޅަށް ކުޅުނު މެޗް ނިމުނީ 1-1 ލަނޑުން ދެތީމް އެއްވަރު ވެގެންނެވެ. މެޗުގައި ރާއްޖެއަށް އެއްވަރުކޮށްދިން ލަނޑު ފުރަތަމަ ހާފުގައި ކާމިޔާބު ކޮށްދިނީ އަރީޝާ ރިޒާ އެވެ.
ރާއްޖެ އާއި އަފްގާނިސްތާނަށް ޕޮއިންޓެއް ލިބިފައިވާ އިރު ޕާކިސްތާނަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

މުބާރާތުގައި ރާއްޖެ ކުޅޭ ފަހު މެޗުގައި މިމަހުގެ 13 ވަނަ ދުވަހު ނިކުންނާނީ ޕާކިސްތާނާ ދެކޮޅަށެވެ.


މީގެ އިތުރުން ގްރޫޕް އެކެއްގައި އިންޑިއާ ވަނީ އިއްޔެ ހެނދުނު ލަންކާ އަތުން 5- 0 އިން މޮޅުވެފަ އެވެ. އެ މޮޅާއެކު އިންޑިޔާ ވަނީ މުބާރާތުގެ ސެމީ ފައިނަލާ ގާތަށް ޖެހިފަ އެވެ. އިންޑިއާ ވަނީ މިމުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ވެސް ބަންގްލަދޭޝް އަތުން 3- 0 އިން މޮޅުވެފަ އެވެ.

މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ކޮންމެ ގްރޫޕަކުން ގަދަ ދެ ޓީމު ސެމީ ފައިނަލަށް ދަތުރުކުރާ ގޮތަށެވެ. ސެމީގެ މެޗުތައް މިމަހުގެ 14 ވަނަ ދުވަހު އެވެ. އަދި ފައިނަލް އޮންނާނީ މިމަހުގެ 16 ވަނަ ދުވަހު އެވެ.