ރަސްމާލެއާއި މާލެ ކަނޑުއަޑިން ގުޅާލާ ބިއްލޫރި ޓަނަލުގެ ފަންނީ މަސައްކަތްތައް ކުރަމުން އަންނަ ކަމަށާއި، އެކަމަކު މިވަގުތު ސަރުކާރުން އިސްކަންދެނީ ރަސްމާލެ ހިއްކައި ނިންމަން ކަމަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، ޓަނަލް އެޅުމާ ގުޅޭ ފަންނީ މަސައްކަތްތައް ކުރަމުން އަންނަ ކަމަށާއި، ނަމަވެސް މިވަގުތު ސަމާލުކަން އޮތީ އަންނަ މަހުގެ ނިޔަލަށް ރަސްމާލެ ހިއްކައި ނިންމުމަށް ކަމަށެވެ.

ރައީސް ވިދާޅުވީ، މިހާރުވެސް 500 ހެކްޓަރާ ގާތްކުރާ އަދަދަކަށް ރަސްމާލެ ހިއްކައި ނިމިފައިވާ ކަމަށެވެ.

"ބިން ހިއްކުމަށް އިސްކަން މި ދެނީ، އެއާ އެކީގަ ޕްލޭނިން މަސައްކަތާއި ދެން ހުރި އިންފްރާސްޓްރަކްޗާ މަސައްކަތަށް އަޅުގަނޑުމެން މި ފޯކަސްކުރަނީ،" އެމަނިކުފާނު ވިދާޅުވިއެވެ.

މި ސަރުކާރުން ރައްޔިތުންނަށް ގޯތި ދޫކުރަން ބޭނުންވަނީ ހިއްކައިފައި އޮތް ބިމަކުން ކަމަށާއި، އެހެންވެ ރަސްމާލެ ހިއްކައި ނިންމައި އަވަހަށް ބޭނުންފުޅުވާ ކަމަށް، އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް މިހެން ވިދާޅުވި ނަމަވެސް، މިއަހަރަށް ލަފާކުރި ދައުލަތުގެ ބަޖެޓުގައިވަނީ، ތިލަމާލެ ބުރިޖަށާއި، މާލެއާއި ރަސްމާލެ ގުޅައިލާ ޓަނަލް އަޅަން 799 މިލިއަން ރުފިޔާ ކަނޑައަޅައިފައެވެ. އެއީ ބަޖެޓުގައި ދަތުރުފަތުރުގެ ބިނާރީ ތަރައްގީއަށް ކަނޑައެޅި 2.4 ބިލިއަން ރުފިޔާގެ ތިންބައިކުޅަ އެއްބައެވެ. ދެހާސް ސައުވީސްވަނަ އަހަރު އެ މަސައްކަތަށް ކަނޑައެޅީ 688 މިލިއަން ރުފިޔާއެވެ.

ކަނޑުއަޑީގައި ރަސްމާލެއަށް ދެވޭ ބިއްލޫރި ޓަނަލެއް ގާއިމުކުރުމަކީ ރައީސްގެ ތަސައްވުރެކެވެ. އެކަން ރައީސް އިއުލާން ކުރެއްވެވިއެވެ. ނަމަވެސް އޭގެ ފަހުން އެ ފަދަ ޓެކްނޮލޮޖީއެއް އަދި ނެތްކަމަށް މީގެ ކުރިން ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވިއެވެ. އެހެންވެ އެ ކަމަށް ވަރަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވެއެވެ.

ޓަނަލުގެ ވާހަަކަ ރައީސް އިއުލާނުކުރެއްވީ ޖަނަވަރީ 22، 2024ގައެވެ.

އެ މަނިކުފާނު ވިދާޅުވީ އެ ޓަނަލުން ދަތުރުކުރާއިރު ކަނޑު އަޑީގެ ރީތިކަން ވެސް ބަލައިލެވޭނެ ކަމަށާއި އެ މަޝްރޫއު ވެގެންދާނީ ފަތުރުވެރިކަމަށް ކުރިއެރުން ގެނެސްދޭ މަޝްރޫއަކަށް ކަމަށެވެ.

"އެ މަސައްކަތް ކުރުމަށް ޓަކައި އަޅުގަނޑުމެން އެކަމުގެ ގާބިލުކަން ހުރި ކުންފުނިތަކާއެކުގައި މިހާރު ވަނީ ފީޒިބިލިޓީ މަސައްކަތް ފަށާފައި. މިއީ ޓޫރިޒަމްގެ ބޮޑު މަޝްރޫއެއް. މިއީ ރާއްޖެއަަށް ޓޫރިސްޓުން އިތުރުވާނެ މަޝްރޫއެއް،" ރައީސް އެ ރޭ ވިދާޅުވިއެވެ.