10 Sep 2012, 17:10
ޕްރޮގުރޮސިވް ޕާޓީ އޮފް މޯލްޑްވިސް (ޕީޕީއެމް)ގައި ރަޖިސްޓްރީ ވުމަށް އެދި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ފޯމްތަކުގެ ތެރެއިން 8000 ފޯމް އަނބުރާ ފޮނުވާލާފައިވާ ކަމަށް ބުނެ އެ ޕާޓީން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
މިއަދު ބޭއްވު ނޫސްވެރިން ބައްދަލުވުމުގައި ޕީޕީއެމްގެ ތަރުޖަމާނު އަދި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހްލޫފް މިއަދު ވިދާޅުވީ އެ ޕާޓީން ފޮނުވި ފޯމްތައް ބަލައިނުގަނެ އަނބުރާ ފޮނުވާލާފައި ވަނީ އިނގިލީގެ ނިޝާން ރަނގަޅު ނޫން ކަމަށް ބުނެ ކަމަށެވެ.
އޭނާ ވިދާޅުވީ ފޯމްތަކުގެ ސައްހަ ކަމާ މެދު އެ ޕާޓީ އަށް ޔަގީންކަން އޮންނަ އިރު އިލެކްޝަނުން އެއްވެސް މެޝިނެއް ބޭނުން ނުކޮށް ފޯމްތައް ރިޖެކްޓްކުރަމުންދާތީ އެ ޕާޓީ އަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށެވެ.
"ޕޭޑްގައި އިނގިލި ޖައްސާފައި އެ އިންނަ ގޮޅީ ތެރޭގައި ފިނގަޕްރިންޓް ޖެހީމާ މާލެގައި އިލެކްޝަންސް ކޮމިޝަނުގައި ތިއްބަވާ ބޭފުޅުން އެއްވެސް ކަހަލަ މެޝިނެއް އެއްޗެއް ބޭނުން ނުކުރައްވައި، ހަމަ ބައްލަވާ ލައްވާފައި، މީތި ރަނގަޅު އޭތި ގޯސް މި ނިންމަވަނީ. މިހެން ހެދުމުގެ ސަބުން ވަރަށް ބޮޑެތި ގެއްލުންތަކެއް ވަމުންދޭ،" މަހްލޫފް ވިދާޅުވި އެވެ.
މަހްލޫފް ވިދާޅުވީ އެ މައްސަލަ އިލެކްޝަންސް ކޮމިޝަނުގައި ސިޓީއަކުން ދެންނެވުން އެ މައްސަލަ ބަލާނެ ކަމަށް އެ ކޮމިޝަނުން ބުނެފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ކުރިން އިނގިލީގެ ނިޝާން ނުޖަހައި ހުށަހަޅާފައިވާ ފޯމްތައް އަލުން އިނގިލީގެ ނިޝާން ޖަހައިގެން އެހެން ޕާޓީތަކުން ހުށަހަޅަން ޖެހޭނެ ކަމަށް ގަބޫލު ކުރާ ކަމަށެވެ.
އޭނާ ވިދާޅުވީ ފޯމްތައް ރިޖެކްޓް ކުރުމުގެ މައްސަލައަށް އަވަސް ހައްލެއް ނައިސްފި ނަމަ ކޯޓަށް މައްސަލަ ހުށަހަޅަން ވިސްނަމުންދާ ކަމަށެވެ.
މަހްލޫފް ވިދާޅުވީ ހއ. އަތޮޅަށާއި ހދ. އަތޮޅަށް އެ ޕާޓީން ކުރި ދަތުރުގައި "ހީނުކުރާ ފަދަ ބޮޑު ތަރުހީބެއް" ލިބިގެންދިޔަ ކަމަށެވެ.