ދިރާގުގެ ޕާޓްނާ ފިހާރައެއް ވިލިމާލޭގައި ހުޅުވައިފިއެވެ.

ދިރާގުން ބުނީ މި ފިހާރައިގެ ސަބަބުން ވިލިމާލޭގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިރާގު ކަސްޓަމަރުންނަށް ދިރާގުގެ ޚިދުމަތްތައް ހޯދުމަށް އިތުރު ލުއިފަސޭހަތަކެއް ލިބޭނެ ކަމަށެވެ. އެގޮތުން، ވިލިމާލޭގެ މުޙްޔިދީން ސްކޫލް ކުރިމަތީގައި ހުންނަ "ނެކްސް ޕްރައިވެޓް ލިމިޓެޑް" ފިހާރައިން މިހާރު ދިރާގުގެ ޚިދުމަތްތައް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މިއާއެކު މި ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް މާލެ ދަތުރުކުރަން ނުޖެހި، ބޭނުންވާ ދިރާގުގެ ޚިދުމަތްތައް އެއް ތަނަކުން ފަސޭހަކަމާއެކު ލިބޭނެ ކަމަށް ދިރާގުން ބުންޏެވެ.

މި ޕާޓްނާ ފިހާރަ މެދުވެރިކޮށް ލިބޭ ޚިދުމަތްތަކަކީ:

  • ޕޯސްޓްޕެއިޑް އަދި ފައިބާ ބްރޯޑްބޭންޑް ޚިދުމަތްތަކަށް ފައިސާ ދެއްކުން

  • ޕްރީޕެއިޑް، ޕޯސްޓްޕެއިޑް، މޮބައިލް ބްރޯޑްބޭންޑް އަދި ބްލޭންކް ސިމް ކާޑުގެ ޚިދުމަތް ނެގުން
  • ޕްރީޕެއިޑް ރީޗާޖުކުރުން
  • ޑޭޓާ އެޑް-އޮން ސަބްސްކްރިޕްޝަންތައް ނެގުން

މި ފިހާރަ ހުޅުވުމުގެ މުނާސަބަތުގައި ދިރާގުން ވަނީ ޚާއްސަ ޕްރޮމޯޝަނެއް ވެސް އިއުލާނުކޮށްފައެވެ. މި ޕްރޮމޯޝަންގެ ދަށުން، މި ފިހާރަ މެދުވެރިކޮށް ދިރާގުގެ "ލިމިޓެއްނެތް ފައިބާ 20އެމް" އަދި މަތީގެ ޕެކޭޖްތައް ޚިޔާރުކުރާ ކަސްޓަމަރުންނަށް ރައުޓާ އަދި ޚިދުމަތުގެ ސެޓަޕް މުޅިން ހިލޭ ލިބޭނެ ކަމަށް ދިރާގުން ބުންޏެވެ.

މި ޕްރޮމޯޝަން ކުރިއަށް ދާނީ އަންނަ މަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަލަށެވެ.

ދިރާގުން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ފަރާތްތަކަށް އިތުރު ލުއިފަސޭހަތައް ފޯރުކޮށްދިނުމުގެ މަގުސަދުގައި، އެކި މުޖުތަމައުތަކަށް ޚާއްސަކޮށްގެން އަވަހަށް އަދި ފަސޭހަކަމާއެކު ޚިދުމަތްތައް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންނެވެ.