އޮޑިދޯނި ފަހަރު ބަނުމުގެ މަސައްކަތްކުރާ ސާމާނުތަކެއް ވޯކްޝޮޕަކުން ވަގަށް ނެގި މައްސަލައެއްގެ ތުހުމަތުގައި ދެ މީހަކު ނ. ވެލިދޫން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ވެލިދޫގައި ހުންނަ ސޯލްޓެޑް ފައިބާ ވޯކްޝޮޕް ސާމާނުތަކެއް ވަގަށް ނަގާފައިވާ ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 31 އަހަރުގެ މީހަކާއި 19 އަހަރުގެ މީހެއް ކަމަށެވެ. އެމީހުން އެ ތަނުން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ސާމާނުތައް ވެސް ފުލުހުން ހޯދައިފައިވާ ކަމަށެވެ.

އެވާކްޝޮފުން ވަގަށް ނަގާފައިވާ ސާމާނުތަކުގެ ތެރޭގައި މަކިޓާ ބްރޭންޑުގެ ޕެޓްރޯލުން ބޭނުންކުރާ ކީހަކާއި ކަރަންޓް ބުރުމާއަކާއި ރެސިން ހުރި 20 ލީޓަރުގެ ތިން ހަން ހިމެނެ އެވެ.

ފުލުހުން ބުނީ އިއްޔެ ފުލުހުންނަށް ހުށަހެޅުނު އެ މައްސަލައާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ވަގަށް ނެގި ކަމަށް ބުނާ ސާމާނުތަކުގެ ތެރެއިން ރެސިން ހަންތައް ފިޔަވައި އެހެން ހުރިހާ ސާމާނުތަކެއް ހޯދައި އެތަކެތީގެ ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށެވެ. ވަގަށް ނަގާފައިވާ އެތަކެތި ފުލުހުން ހޯދައިފައި ވަނީ އެ ރަށުގެ ފަޅުގެއެއްގެ ތެރެއިންނެވެ.

މިމައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސް އިން މިހާރު ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.