މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ އަންހެން މުވައްޒަފެއްގެ ފޫކޮޅުގައި ހިފި، އެ އިދާރާގެ ފިރިހެން އިސް މުވައްޒަފަކު ވަޒީފާއިން ވަކިކުރީ ރަނގަޅަށް ކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައަޅައިފިއެވެ.

މިއީ، އެމްޕީއެލްގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރެއްގެ މަގާމުގައި ހުރި ފިރިހެން މުވައްޒަފަކު، އެމްޕީއެލްގެ އަންހެން މުވައްޒަފެއްގެ ފޫކޮޅުގައި ހިފި ކަމަށް ބުނާ މައްސަލައެއްގައި އެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރު ނޯޓިހެއް ދިނުމަކާ ނުލައި ވަޒީފާއިން ވަކިކުރި މައްސަލައެވެ.

ދެހާސް ސައްވިސް ވަނަ އަހަރުގެ ފަހުކޮޅު ހިނގި މި ހާދިސާއާ ގުޅިގެން، އެ މުވައްޒަފު ވަޒީފާއިން ވަކިކުރުމުން، މިދިޔަ އަހަރުގެ ކުރީކޮޅު އެ މައްސަލަ އޭނާގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅިއެވެ.

ވަޒީފާއާބެހޭ ޓްރައިބިއުނަލުން މި މައްސަލަ މިދިޔަ މަހު ނިންމައި، މައްސަލަ ނިމުނު ގޮތުގެ ރިޕޯޓު މިހާރު އާއްމުކޮށްފައިވާއިރު، އެ ރިޕޯޓުގައިވާ ގޮތުން ވަޒީފާއިން ވަކިކުރި މުވައްޒަފު އެދިފައިވަނީ އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައިދީ، އޭނާގެ ވަޒީފާ އަލުން އިއާދަކޮށްދިނުމަށެވެ.

އެކަމަކު، ވަޒީފާއާބެހޭ ޓްރައިބިއުނަލުން މި މައްސަލަ ނިންމާފައިވަނީ އޭނާއާ ދެކޮޅަށެވެ. މި މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އެ މުވައްޒަފު، އަންހެން މުވައްޒަފެއްގެ ފޫކޮޅުގައި ހިފި މައްސަލަވަނީ އެމްޕީއެލްގެ އެތެރޭގެ ނިޒާމުތަކުގެ ތެރެއިން ބަލައިފައެވެ. އަދި އެ ތަހުގީގުތައް ކުރިއަށް ގެންގޮސްފައިވަނީ އިޖުރާއީ ގޮތުންނާއި މައުލޫއީ ގޮތުންވެސް ގާނޫނާ އެއްގޮތަށް ކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވެއެވެ.

އޮފީހުގެ މާހައުލުގައި ހިނގި، ޖިންސީ ފުރައްސާރައިގެ މި މައްސަލައިގައި އެމްޕީއެލްގެ ތަހުގީގު މަރުހަލާގައި، މައްސަލައާއި ގުޅުން ހުރި މުވައްޒަފުންގެ ބަޔާންތައް ނަގައި، އަދި މައްސަލައާ ގުޅުން ހުރި ސީސީޓީވީ ފުޓޭޖްވެސް ބަލާފައިވާކަން ފާހަގަކޮށްފައިވެއެވެ.

މި މައްސަލައިގައި ވަޒީފާއިން ވަކިކޮށްފައިވާ އެމްޕީއެލްގެ މުވައްޒަފަކީ 20 އަހަރަށްވުރެ، ގިނަ ދުވަހު އެ އިދާރާގައި މަސައްކަތްކޮށްފައިވާ މުވައްޒަފެކެވެ.