10 Sep 2012, 16:51
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް ބޮޑުކޮށްފި އެވެ.
އަންނަ އޮކްޓޯބަރު މަހު ޑެލިވަރީ ކުރާ ބެންޗްމާކް ބްރޭންޑްގެ ތެޔޮ ފީފާއެއްގެ އަގުން މިއަދު ވަނީ 10 ސެންޓް ބޮޑުކޮށްފަ އެވެ. އެގޮތުން މިއަދު އެ ބްރޭންޑްގެ ތެޔޮފީފާއެއް ހުރީ 96.52 ޑޮލަރަށެވެ. އަދި ބްރޭންޑް ކްރޫޑް ފީފާއަކުން 63 ސެންޓް ބޮޑުވެ މިހާރު ހުރީ 114.88 ޑޮލަރަށެވެ.
ސާފުނުކުރާ ތެލުގެ ބްރޭންޑެއް ކަމަށްވާ ބްރޭންޑް ކްރޫޑަކީ ދުނިޔޭގެ ބާޒާރުތަކުގައި ވިއްކާ ސާފުުކުރި ތެލުގެ އަގު ކަނޑައެޅުމުގައި ބަލާ ބްރޭންޑެކެވެ.
ތެލުގެ އަގު މިފަހަރު ބޮޑުވީ އެމެރިކާގެ އިގުތިސާދަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކުރުމާ މެދު މަޝްވަރާ ކުރުމަށް އެގައުމުގެ ސެންޓްރަލް ބޭންކުގެ ބައްދަލުވުމެއް ބާއްވާނެކަން އިއުލާންކޮށްފައިވާ އިރު އެ ބައްދަލުވުމުގައި އެމެެރިކާގެ އިގުތިސާދު ރަނގަޅުކުރުމަށް ކަންތައްތަކެއް އިއުލާން ކުރާނެ ކަމަށް ބެލެވިގެންނެވެ.
އެމެރިކާގެ ލޭބަ ޑިޕާޓްމަންޓުން ހުކުރު ދުވަހު ބުނެފައި ވަނީ ވަޒީފާދޭ ފަރާތްތަކުން އުފައްދާފައި ވަނީ ކުރިން އަންދާޒާކުރި ވަރަށް ވުރެ މަދު ވަޒީފާތަކެކެވެ. އެގޮތުން އުފައްދާފައި ވަނީ 96000 ވަޒީފާ ކަމަށާއި އެމެރިކާގެ މެނިއުފެކްޗަރިން އިންޑަސްޓްރީއާއި ކޮންސްޓްރަކްޝަން އިންޑަސްޓްރީ ވެސް ވަނީ މަޑުޖެހިލާފައި ކަމަށް އެޑިޕާޓްމަންޓުން ބުންޏެވެ.
އެމެރިކާގެ އިގުތިސާދު ކުރިއަށް ދިއުން މިގޮތަށް މަޑުޖެހިލުމުން އެގައުމުގެ ސެންޓްރަލް ބޭންކުން މިހަފުތާގައި ބާއްވާ ބައްދަލުވުމުގައި ބޮންޑް ގަތުން ފަދަ ކަމެއް ތައާރަފްކުރާނެ ކަމަށް ވަނީ ބެލެވިފަ އެވެ.