އަދިތިޔަ ޗޯޕްރާގެ ޚާއްސަ ބެލުމުގެ ދަށުން ވައިއާރްއެފްއިން ލޯބީގެ ފިލްމެއް އުފައްދަނީ
އަދިތިޔަ ޗޯޕްރާގެ ޚާއްސަ ބެލުމުގެ ދަށުން ވައިއާރްއެފްއިން ލޯބީގެ ފިލްމެއް އުފައްދަނީ

ވަރަށް ހިތްގައިމު ލޯބީގެ ރީތި ފިލްމުތަކެއް ގެނެސްދީފައިވާ ބޮލީވުޑްގެ މަޝްހޫރު ފިލްމު ކުންފުނި 'ޔަޝް ރާޖް ފިލްމްސް' (ވައިއާރްއެފް)އިން ލޯބީގެ ފިލްމެއް އުފައްދަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

އެތައް ޒަމާންތަކަކަށްފަހު ވައިއާރްއެފްއިން އުފައްދާ މި ހިތްގައިމު ލޯބީގެ ފިލްމަކީ އެ ސްޓޫޑިއޯގެ މިހާރުގެ އިސްވެރިޔާ އަދިތިޔަ ޗޯޕްރާގެ ހާއްސަ ބެލުމުގެ ދަށުން ގެނެސްދޭ ފިލްމެއް ކަމަށް ރިޕޯޓުތަކުން ބުނެއެވެ. އަދި ފިލްމުގެ ސްކްރިޕްޓް ވެސް މިހާރު ވަނީ ތައްޔާރުކުރެވި ނިމިފައި ކަމަށް ފިލްމީ ޚަބަރުތަކުން ވަނީ ބުނެފައެވެ.

ރިޕޯޓުތައް ބުނާގޮތުން ވައިއާރްއެފްގެ އަމާޒަކީ ހިންދީ ސިނަމާގެ "ކިންގް އޮފް ރޮމޭންސް"ގެ ނަމުން މަޝްހޫރުވި ވައިއާރްއެފްގެ މޭސްތިރިޔާ، ކުރީގެ މަޝްހޫރު ޑައިރެކްޓަރު ޔަޝް ޗޯޕްރާގެ އުފަންދުވަހާ ދިމާކޮށް މި ފިލްމު ރަސްމީކޮށް އިއުލާނުކުރުމެވެ. ޔަޝް ޗޯޕްރާގެ އުފަންދުވަހަކީ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހެވެ.

އަދިތިޔަ ޗޯޕްރާ ބައްޕަ ޔަޝް ޗޯޕްރާއާ އެކު--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

ޔަޝް ޗޯޕްރާ 2012 ވަނަ އަހަރު މަރުވުމާ ގުޅިގެން އޭނާ އުފެއްދި ޔަޝް ރާޖް ފިލްމްސް ހިންގުމުގެ ހުރިހާ ޒިންމާއެއް ހަވާލުވެފައި ވަނީ ދޮށީ ދަރިފުޅު އަދިތިޔަ ޗޯޕްރާއާއެވެ.

ޔަޝް ޗޯޕްރާގެ ހާއްސަ ބެލުމުގެ ދަށުން އެ ސްޓޫޑިއޯއިން އުފެއްދި މަގުބޫލު އަދި ކާމިޔާބު ފިލްމުތަކުގެތެރޭ، "ސިލްސިލާ"، "ކަބީ ކަބީ"، "ދިލް ތޯ ޕާގަލް ހޭ"، "ވީރް ޒާރާ" އަދި "ޗާންދްނީ" ހިމެނެއެވެ.

ޔަޝް އެންމެފަހުން ބެލުންތެރިންނަށް ގެނެސްދިން ލޯބީގެ ފިލްމަކީ ޝާހްރުކް ޚާން އަދި ކެޓްރީނާ ކައިފް ލީޑް ރޯލްތަކުން ފެނުނު ފިލްމު "ޖަބް ތަކް ހެ ޖާން"އެވެ. އެ ފިލްމު ރިލީޒްކުރި އަހަރު ޔަޝް ވަނީ މަރުވެފައެވެ.

ވައިއާރްއެފްއިން އެންމެފަހުން ބެލުންތެރިންނަށް ގެނެސްދިން ލޯބީގެ ފިލްމަކީ މުޅިން އާ ޒުވާން ތަރިންތަކެއް ފިލްމީ ދާއިރާއަށް ތައާރަފްކޮށްދިން ފިލްމު "ސައްޔާރާ"އެވެ.