10 Sep 2012, 16:07
ބަޖެޓް ސަޕޯޓްގެ ގޮތުގައި ބޭނުންކުރުމަށް އިންޑިއާ ސަރުކާރުން ދޭން ނިންމާފައިވާ 100 މިލިއަން ޑޮލަރުގެ ތެރެއިން އިތުރު 25 މިލިއަން ޑޮލަރު ދިނުމަށް ނިންމައި އެއްބަސްވުމުގައި ފިނޭންސް މިނިސްޓްރީ އިން މިއަދު ސޮއިކޮށްފި އެވެ.
އިންޑިއަން ހައިކޮމިޝަންގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އިންޑިއާ ސަރުކާރުގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނާ ޑީއެމް މުލޭ އެވެ. ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އަބުދުﷲ ޖިހާދެވެ.
ސަތޭކަ މިލިއަން ޑޮލަރު ރާއްޖެ އަށް ދިނުމަށް އިންޑިއާ އިން އެއްބަސްވީ މިދިޔަ އަހަރުގެ ސާކުސަމިޓަށް އިންޑިއާގެ ބޮޑުވަޒީރު މަންމޯހަން ސިންގް ރާއްޖެ އަށް ކުރެއްވި ދަތުރުފުޅުގަ އެވެ. އެ ފައިސާގެ ތެރެއިން 50 މިލިއަން ޑޮލަރު މީގެ ކުރިން އިންޑިއާ އިން ވަނީ ރާއްޖެ އަށް ދީފަ އެވެ.
އެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ސަން އޮންލައިންއާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޖިހާދު ވިދާޅުވީ މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެ ފައިސާ ލިބޭނެ ކަމުގެ ޔަގީންކަން އިންޑިއަން ހައިކޮމިޝަނުން ދެއްވާފައިވާ ކަމަށެވެ. އަދި އެ ފައިސާ ހަރަދުކުރާނީ ބަޖެޓް ސަޕޯޓުގެ ގޮތުގައި ކަމަށް ވެސް ޖިހާދު ވިދާޅުވި އެވެ.
"މިހާރުގެ ބަޖެޓްގެ ޑެފިސިޓް ފޫބައްދަން މި ފައިސާ އަޅުގަނޑުމެން ބޭނުންކުރާނީ،" މިނިސްޓާ ވިދާޅުވި އެވެ. އަދި 100 މިލިއަން ޑޮލަރުގެ ތެރެއިން ބާކީ އޮތް ފައިސާ ވެސް ވަރަށް އަވަހަށް ހަމަޖައްސައިދޭނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށް ވެސް ޖިހާދު ވިދާޅުވި އެވެ.
އިންޑިއާ އިން ރާއްޖެ އަށް ދޫކުރާ 100 މިލިއަން ޑޮލަރަކީ 10 އަހަރު ދުވަހުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށް ނަގާފައިވާ ލޯނު ފައިސާ އެވެ. އަދި އެ ލޯނުގެ އިންޓަރެސްޓް ރޭޓަކީ އަހަރަކު 1.5 ޕަސެންޓެވެ. އެ ފައިސާގެ 50 ޕަސެންޓް ވަނީ ޓީ ބިލްތަކަށް ފައިނޭންސްކުރުމަށް ބޭނުންކޮށްފަ އެވެ.