10 Sep 2012, 15:56
މާލޭގެ މާރުކޭޓު ސަރަހައްދުގައި ބައެއް ފަރާތްތަކުން ވަރަށް ތުއްތު ކުދިންނާއި ސްކޫލަށްދާ އުމުރު ފުރައިގެ ކުދިން ގޮވައިގެން ސަލާންޖެހުމަށް އެ ސަރައްދަށް ދޫކޮށްލައިގެން ތިބޭކަން ފާހަގަކުރެވޭ ކަމަށާއި އެގޮތަށް އެ އަމަލު ހިންގާ ފަރާތްތަކާ ދޭތެރޭ ވިޔަވަޅު އަޅާނެ ކަމަށް މިނިސްޓްރީ އޮފް ޖެންޑާ އެންޑް ފެމިލީން ބުނެފި އެވެ.
ޖެންޑާ މިނިސްޓްރީން މިއަދުގެ ގެރެޓްގައި އާއްމުކޮށްފައިވާ އިޢުލާނެއްގައި ބުނެފައި ވަނީ މިހާރަކަށް އައިސް މާލޭގެ މާރުކޭޓުގެ ސަރަހައްދުގައި ސަލާން ޖެހުމަށާއި އެކިއެކި ވިޔަފާރި ކުރުމަށް ގިނަ އަދަދެއްގެ އަންހެނުންނާއި ފިރިހެނުން މަގުމަތީގައި ގޮނޑިއަޅައިގެންނާއި ބިންމަތީގައި ކުނާ އަޅައިގެން ގިނަ ވަގުތަކެއް ހޭދަކުރާކަން އެމިނިސްޓްރީ އަށް ފާހަގަކުރެވިފައިވާ ކަމަށާއި އެކަމަކީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ގާނޫނުގެ ދަށުން މަނާކަމެއް ކަމެއް ކަމަށާއި އެގޮތަށް ކުޑަކުދިން ގެންގޮސް ގެން އެހެން ތިބޭ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.
މިގޮތަށް ތިބޭ ބައެއް ފަރާތްތަކުން ވަރަށް ތުއްތު ކުދިންނާއި ސްކޫލަށްދާ އުމުރުގެ ކުޑަކުދިން އެ ސަރަހައްދަށް ގެންގޮސްގެން ތިބޭ ކަމަށާއި އެހެން ތިބޭ އިރު އެ ކުދިންގެ ހާޒިރުގައި އެ ސަރަހައްދުގައި ތިބޭ މީހުން ހަޑިހުތުރު ބަހުރުވައިން ވާހަކަ ދައްކައި ޒުވާބުކޮށް އަޑުއުފުލައި ހަދާކަން މިނިސްޓްރީ ވަނީ ފާހަގަކޮށްފަ އެވެ.
ކާރުބާރު ބޮޑު ބާޒާރު މަތީގެ އެ ސަރަހައްދުގައި ތިބޭ ބައެއް ފަރާތްތަކުން ކުޑަކުދިން އަވިގަނޑުގައި މަގުމައްޗަށް ކުޅެން ދޫކޮށްލައިގެން ތިބޭ ކަމާއި މަގުމަތީގައި ތިބެގެން އެކުދިންނަށް ކާންދީ އެކުދިން އެސަރަހައްދުގައި ނިންދަވާކަން ވެސް މިނިސްޓްރީން ވަނީ ފާހަގަކޮށްފަ އެވެ.
ޖެންޑާ އިން ބުނީ ކުޑަކުދިން ބާޒާރުމަތީގައި އެގޮތަށް ގެންގުޅުމަކީ އެކުދިންގެ ހެދިބޮޑުވުމާއި އަހުލާގަށް ވަަރަށް ބޮޑެތި ނުރަނގަޅު އަސަރުކުރާނެ ކަމަކަށް ވާތީ އާއި އެކަމަކީ ސިއްހީ ގޮތުންނާއި ޖިސްމާނީ ރައްކާތެރިކަމުގެ ގޮތުން ބަލާއިރު ވެސް ނުރައްކާ އެކުލެވިގެންވާ ކަމަކަށް ވާތީ އެފަދަ މާހައުލަކީ ކުޑަކުދިން ގެންގުޅަމަށް އެކަށީގެންވާ މާހައުލެއް ނޫން ކަމަށެވެ. އަދި ކުޑަކުދިންނާ ނުގުޅޭ މާހައުލުތަކަށް އެކުދިން ހުށަހެޅިގެންދާ ގޮތަށް ނުގެންގުޅުމަށް ވެސް އެފަދަ ފަރާތްތަކަށް ނަސޭހަތްތެރިވާ ކަމަށް ވެސް ޖެންޑާއިން ވަނީ ބުނެފަ އެވެ.
ހިއުމަން ރައިޓްސް ކޮމިޝަންގެ ރައީސާއި މަރިޔަމް އަޒުރާ މިއަދު ވިދާޅުވީ ބާޒާރުމަތީ ސަރަހައްދުގައި ކުޑަކުދިން ގޮވައިގެން ސަލާން ޖެހުމަށާއި އެކިއެކި ބޭނުންތަކުގައި ބައެއް ފަރާތްތަކުން ތިބޭ ކަމުގެ ޝަކުވާ އެކޮމިޝަނުނަށް ވެސް ބައެއް ފަރާތްތަކުން ހުށަހަޅައިފައިވާ ކަމަށާއި އެކަންކަން އެކިމިޝަނުން ވެސް ބަލަމުން އަންނަ ކަމަށެވެ.
"ވަރަށް ތުއްތު ކުދިން ގޮވައިގެން ތިބޭކަން ކޮމިޝަނަށް ވެސް ވަނީ ފާހަގަކުރެވިފައި، އެކަންތައްތައް ކޮމިޝަނުން ވެސް މިގެންދަނީ ބަލަމުން،" އަޒުރާ ވިދާޅުވި އެވެ.
ބާޒާރުމަތީގެ އެސަރަހައްދުގައި އެކިއުމުރުގެ މީހުން އެގޮތަށް ތިބޭ ތިބުމުގައި އެއް އަހަރު ނުވާ ވަރަށް ތުއްތު ކުދިން ގޮވައިގެން ވަރަށް ދަތި ހާލުގައި ވެސް އެސަރަހައްދުގައި ތިބޭތަން ފެނެ އެވެ.