ޓްރަމްޕްގެ ޚުދުމުޚްތާރު ރެޖީމް އާ ދެކޮޅަށް އެމެރިކާގެ ރައްޔިތުން ތެދުވެއްޖެ
ޓްރަމްޕްގެ ޚުދުމުޚްތާރު ރެޖީމް އާ ދެކޮޅަށް އެމެރިކާގެ ރައްޔިތުން ތެދުވެއްޖެ

ވޮޝިންޓަން (29 މާޗް 2026) : އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޚުދުމުޚްތާރު ވެރިކަމުގެ ނިޒާމާ ދެކޮޅަށް ރައްޔިތުން މަގުތަކަށް ނުކުމެ ވަރަށް ވަރުގަދަ މުޒާހަރާތަކެއް ފަށައިފިއެވެ.

މުޒާހަރާތައް އިންތިޒާމު ކުރާ ފަރާތްތަކުން ބުނާގޮތުގައި މިއީ ފެށުމެކެވެ. މި މުޒާހަރާތައް އެމެރިކާގެ އެތައް ސްޓޭޓަކަށް ކުރިޔަށް އޮތް ދުވަސްތަކުގައި ފުޅާވެގެންދާނެއެވެ. މުޒާހަރާވެރިން ބުނާގޮތުގައި ޓްރަމްޕަކީ އިންތިޚާބީ ވެރިއެއް ނަމަވެސް އޭނާއަކީ ޑިކްޓޭޓަރެކެވެ. ކުރީގެ ޖަރުމަނުގެ ވެރިޔާ އެޑޮލްފް ހިޓްލަރަކީވެސް އިންތިޚާބީ ވެރިއެކެވެ. ނަމަވެސް އެއީ ދުނިޔޭގެ ފެންވަރުގެ ޑިކްޓޭޓަރެކެވެ.

ޓްރަމްޕްގެ ޚުދުމުޚްތާރު ރެޖީމް އާ ދެކޮޅަށް މުޒާހަރާތައް ފަށާފައި މިވަނީ އެމެރިކާގެ މިނެސޯޓާ ސްޓޭޓްގެ ސިޓީއެއްކަމަށްވާ މިނިއާޕޮލިސްގައެވެ. ނަމަވެސް އެހެންސިޓީތަކަށްވެސް މިހާރުވަނީ މުޒާހަރާތައް ފެތުރިފައެވެ.

މިނިއާޕޮލިސްގައި މީގެ ދެތިން މަސްކުރިން ޓްރަމްޕް އާ ދެކޮޅަށް މުޒާހަރާކުރަން ފެށުމުން ޓްރަމްޕްގެ ޚުދު މުޚްތާރު ރެޖީމް އިންވަނީ މުޒާހަރާވެރިންގެ ގަޔަށް ބަޑިޖަހައި ދެމީހަކު މަރާލާފައެވެ.

މީގެއިތުރުން ޓްރަމްޕްގެ ބާރުތަކުންވަނީ އެތަށް ބަޔަކަށް އަނިޔާކޮށް އެތަށް ސަތޭކަ ބަޔަކު ހައްޔަރުވެސް ކޮށްފައެވެ. އެފަހަރު މުޒާހަރާކުރީ ޓްރަމްޕްގެ ޚުދުމުޚުތާރު ރެޖީމް އިން ގެންގުޅޭ އިމިގްރޭޝަނާބެހޭ ހަރުކަށި އަދި ސިޔާސަތުތަކާ ދެކޮޅަށް އަޑުއުފުލުމަށްޓަކައެވެ. ޓްރަމްޕްގެ "އައިސް" ފޯސް އަކީ އޭނާ ގެންގުޅޭ އިމިގްރޭޝަނާބެހޭ ސިޔާސަތުތައް ތަންފީޒުކުރާ ބާރުތަކެވެ.

މުޒާހަރާ ވެރިންނާ ދެކޮޅަށް ޓްރަމްޕްގެ ސިފައިން ބާރުގެ ބޭނުންކުރަނީ

މިބާރުތަކަކީ އެއްވެސް ވަރަކަށް އިންސާނީ ހައްގުތަކަށް ބެލުމެއްނެތި ދޮންނަސްލުގެ މީހުން ފިޔަވައި އެނޫން ނަސްލުތަކުގެ މީހުންނާ ދެކޮޅަށް ވަރަށް ލާއިންސާނީގޮތަށް ބަޑިޖަހައި އިންސާނުންގެ ކަރާމާތް ގެއްލޭގޮތަށް ބާރުގެ ބޭނުންކުރާ ބާރުތަކެކެވެ.

ޓްރަމްޕާ ދެކޮޅަށް އެމެރިކާގައި މިފެށި މުޒާހަރާތަކަކީ ޓްރަމްޕް ގެންގުޅުއްވާ ޚުދުމުޚްތާރު ސިޔާސަތުތަކާ ދެކޮޅަށް މިދިޔަ އަހަރު ފެށި "ނޯ ކިންގްސް" ހަރަކާތްތަކުގެ އައު ފެށުމެއްކަމަށް މި މުޒާހަރާތައް އިންތިޒާމު ކުރާ ފަރާތްތަކުން ބުނެއެވެ.

"ނޯ ކިންގްސް" ގެ ނަމުގައި މިދިޔަ އަހަރު ޓްރަމްޕާ ދެކޮޅަށް މުޒާހަރާތައް ފެށީ އެމެރިކާގެ ދަސްތޫރާއި ގާނޫނުތަކާއި ކޯޓުއަމުރުތައް ބޮލާލައި ޖެހުމަށްފަހު ގަދަބާރުން ކަންކަން ކުރުމަށް ޓްރަމްޕް ގެންގުޅުއްވާ ޚުދުމުޚްތާރު ސިޔާސަތުތައް ހުއްޓުވުމުގެ ގޮތުންނެވެ.

އަދި ވެރިކަމުގައި ހުންނަވައިގެން ޓްރަމްޕްގެ އާއިލީ ވިޔަފާރިއަށް ސަރުކާރުގެ ތެރެއިން ކަންކަން ފަހިވާގޮތަށް އޭނާ ގެންގުޅުއްވާ ކޮރަޕްޝަނުގެ އަމަލުތައް އެމެރިކާގެ ރައްޔިތުންގެ ސަމާލުކަމަށް ގެނައުމުގެ ގޮތުންނެވެ.

ޓްރަމްޕަކީ ވެރިކަމަށް އައުމުގެ ކުރިންވެސް ބަދުއަޚުލާގީ އަމަލުތައް ހިންގުމާއި ރިޝްވަތުފަދަ ޖިނާއީ 34 ކުށެއް ޝަރީއަތަށް ސާބިތުވެފައިވާ މުޖްރިމެކެވެ. އެމެރިކާގައި އާދައިގެ މީހެއްގެ މައްޗަށް މިފަދަ ކުށްތަކެއް ސާބިތު ވެއްޖެނަމަ އެމީހަކު އޮންނަން ޖެހޭނީ ދިގުމުއްދަތަކަށް ޖަލުގައި ކަމަށް ވިޔަސް ޓްރަމްޕް ވަނީ މިކުށްތަކާއެކުވެސް އަލުން އެމެރިކާގެ ވެރިކަމަށް ވަޑައިގެންފައެވެ.

މިއީ ޓްރަމްޕް ފަދަ ބާރާއި ނުފޫޒު ގަދަ މަހުޖަނުންނާއި އެލީޓުންގެ މައްޗަށް އެމެރިކާގައި ގާނޫނާއި ގަވައިދު ނުހިނގާކަމާއި ގާނޫނޫ ތަންފީޒު ނުކުރެވޭކަމާއި ގާނޫނު ހިނގަނީ ހަމައެކަނި އާރެއްބާރެއްނެތް ނިކަމެތިންގެ މައްޗަށްކަން ހާމަވާ އަލިގަދަ ހެއްކެތްކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ފަރާތްތަކުން ދެކެއެވެ.

މީގެއިތުރުން އެޕްސްޓިންގެ ފައިލްތަކުންވެސް ޓްރަމްޕް އާއި އެމެރިކާގެ ނުފޫޒުގަދަ އެތަށް ފަރާތެއްގެ މައްޗަށްވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ އެތަށް ތުހުމަތުތަކެއް ކުރެވިފައެވެ. ނަމަވެސް މިއިން އެއްވެސް ބާރުގަދަ ފަރާތެއްގެ މައްސަލައެއް ބެލުމުގައި އެމެރިކާގެ ކަމާބެހޭ މުއައްސަސާތައްވަނީ ފެއިލް ވެފައެވެ.

މިނިއާޕޮލިސްގައި ޓްރަމްޕާ ދެކޮޅަށް މުޒާހަރާކުރާ ފަރާތްތަކުން ވަނީ އެމެރިކާގެ އާންމުންގެ ދިރިއުޅުމުގެ ފެންވަރުދަށްވެ ފަގީރުންގެ ނިސްބަތް މަތިވަމުންދާއިރު ޓްރަމްޕްގެ ރެޖީމް އިން އެމެރިކާގެ ރައްޔިތުންގެ ޓެކްސް ފައިސާ ޚަރަދު ކުރަމުންދަނީ ދުނިޔޭގެ ކަންކޮޅުތަކުގައި ހަންފެތުމަށާއި ހަނގުރާމައާއި ތަޅާފޮޅުމަށް ކަމަށް ތުހުމަތުކޮށްފައެވެ.

އީރާންފަދަ އެމެރިކާއަށް އެއްވެސް ނުރައްކަލެއްނެތް ގައުމުތަކާ ދެކޮޅަށް އިސްރާއީލުގެ ބޭނުމަށް ޓަކައި ހަނގުރާމަ ކުރުމަށް އެމެރިކާގެ ޓެކްސް ފައިސާ ބިލިޔަނުން ޚަރަދު ކުރަމުންގެންދާތީ އެކަމާ ދެކޮޅަށްވެސް މުޒާހަރާވެރިން ވަނީ އަޑުއުފުލާފައެވެ.

އެމީހުން ބުނާގޮތުން އެމެރިކާގެ ރައްޔިތުންނަށް ޓްރަމްޕަށް ވުރެ ރަނގަނޅު ވެރިއަކު ހައްގެވެ. އެމެރިކާއަކީ އެގައުމުގެ މުއްސަނދިކަމަށް މަހުޖަނުންނާއި އެލީޓުންނާއި ހަތިޔާރުގެ ކުންފުނިތަކާ އަދި ޔަހޫދީ ލޮބީ ފަދަ ފަރާތްތައް އަތްގަދަކޮށްފައިވާ ގައުމެކެވެ.