މާލޭގެ ކުނިނައްތާލުމުގައި ބޭނުންކުރާ ބައެއް ސާމާނުތައް ހަލާކުވެފައި ވާތީ އެ ތަކެތި މަރާމާތުކުރުމަށް ތިން މިލިއަން ރުފިޔާ ފިނޭންސުން ސިޓީ ކައުންސިލަށް ދޫކޮށްފި އެވެ.

ސިޓީ ކައުންސިލްގެ މެންބަރު މުހަންމަދު އަބްދުލް ކަރީމް (ރުކުމާ) މިއަދު ވިދާޅުވީ ފިނޭންސުން ފައިސާ ދިނުމާ އެކު އެ ކައުންސިލުން ކުނި ނައްތާލުމަށް ބޭނުންކުރާ ލޯޑަރާއި އެކްސްކަވޭޓަރާއި އަދިވެސް އެހެން ތަކެތި މަރާމާތުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

"އަޅުގަނޑުމެން އޮންނާނީ ސަޕްލިމަންޓްރީ ބަޖެޓަށް ރިކުއެސްޓްކޮށްފައި. ނަމަވެސް އަޅުގަނޑުމެންނަށް މި ލިބުނީ މަރާމާތައް ތިން މިލިއަން ރުފިޔާ. އެ ފައިސާ އިން އަޅުގަނޑުމެން މި އަންނަނީ ތަކެތި މަރާމާތުކުރަމުން،" ރުކުމާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާރު ވެސް ކުނިނައްތާލަމުން ގެންދަނީ ތަކެތި ކުއްޔަށް ހިފައިގެން ކަމަށާއި އޭގެ ސަބަބުން ބޮޑަތި ހަރަދުތަކެއް ހިނގާ ކަމަށެވެ. ރުކުމާ ވިދާޅުވީ މާލޭގެ ކުނިނައްތާލުމުގެ މަސައްކަތް މިހާރު ކޮންމެވެސް ވަރަކަށް ރަނގަޅު ކުރެވިފައިވާ ކަމަށެވެ.

"މުޅިން ރަނގަޅު ކުރެވޭނީ ކުނިނައްތާލަން ސޮއިކޮށްފައި އޮތް ޕްރޮޖެކްޓާ އެއްޗިހި ހިނގައިގަތީމާ،" ރުކުމާ ވިދާޅުވި އެވެ.

ކުނިނައްތާލުމުގައި ބޭނުންކުރާ މެޝިނަރީ ހަލާކުވެގެން ކުނިކޮށި ފުރި، ވަހުގެ އުނދަގޫ މި މަސްތެރޭގައި މާލެ އަށް ކުރިމަތިވި އެވެ. މީގެ ކުރިން ފިނޭންސް މިނިސްޓްރީ އެއްބަސްވެފައި ވަނީ މާލޭގެ ކުނިނައްތާލުމަށް 62 މިލިއަން ރުފިޔާގެ ބަޖެޓެއް ސިޓީ ކައުންސިލަށް ދޫކުރުމަށެވެ. ސިޓީ ކައުންސިލުން ލަފާކުރަނީ ކުނިނައްތާލުމުގެ މަޝްރޫއަށް އަހަރަކު 80 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށެވެ.