10 Sep 2012, 15:45
އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބު މި އަހަރުގެ ނޮވެންބަރު މަހުގެ 7 ވަނަ ދުވަހު ބާއްވާ ގޮތަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ނިންމައިފި އެވެ.
އެލްޖީއޭ އިން ބުނީ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބު ބާއްވަން ޖެހޭ ކަމަށް ލާމަރުކަޒީ ގާނޫނުގައި ބުނެފައި އޮތަސް އެ އިންތިހާބު ބާއްވަން ޖެހެނީ ކޮން ފަރާތަކުން ކަމެއް ގާނޫނުގައި ބުނެފައި ނުވާ ކަމަށެވެ. އަދި އެކަމާ ގުޅޭ ގޮތުން ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝުކޫރުގެ ލަފާ ހޯދާފައިވާ ކަމަށެވެ.
ބަންޑާރަ ނައިބުގެ ލަފާގެ މަތިން އެލްޖީއޭ އިން މިހާރު ނިންމާފައި ވަނީ ރަށު ކައުންސިލްތަކުގައި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބު ބާއްވާނީ އަތޮޅު ކައުންސިލްތަކުން ކަމަށާއި ސިޓީ ކައުންސިލްތަކުގައި އެ އިންތިހާބު ބާއްވާނީ ސީދާ އެ އޮތޯރިޓީގެ ބެލުމުގެ ދަށުން ކަމުގަ އެވެ. މިއަހަރުގެ ނޮވެންބަރު 7ގައި މުޅި ރާއްޖޭގައި އެ އިންތިހާބު ބޭއްވުމަށް ނިންނީ އެލްޖީއޭ ބޯޑުގެ 40 ވަނަ ބައްދަލުވުމުން ކަމުގަ އެވެ.
އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ބުނެފައި ވަނީ އަންހެނުން ކޮމެޓީގެ އިންތިހާބު ބާއްވާނީ ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގައި ހިމެނޭ އަންހެނުންގެ މެދުގަ އެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގައި ހިމެނޭނެ މެންބަރުންގެ އަދަދާއި ކޮމެޓީގެ ހިންގާ ގަވާއިދު ހަދާނީ އެލްޖީއޭ އިން ކަމަށް ވެސް ލާމަރުކަޒީ ގާނޫނުގައި ބުނެ އެވެ.