ޔޫރަޕްގައި 12 ޓަނުގެ ނެސްލޭ ކިޓްކެޓް ޗޮކްލެޓް ވަގަށް ނަގައިފިއެވެ.

ކިޓްކެޓް ޗޮކްލެޓް އުފައްދާ ސްވިޒަލޭންޑުގެ މަޝްހޫރު ނެސްލޭއިން ބުނީ ކިޓްކެޓް ޗޮކްލެޓް ބްރޭންޑްގެ ގާތްގަނޑަކަށް 12 ޓަނު ނުވަތަ 413،793 ބާ ވަގަށް ނަގާފައި ވަނީ މި ހަފްތާގެ ކުރީކޮޅު އިޓަލީގައި ހުންނަ އެ ކުންފުނީގެ ޕްރޮޑަކްޝަން ސައިޓުން ޕޮލެންޑަށް ދިޔަ މަގުމަތީގައި ކަމަށެވެ.

ސްވިޒަލޭންޑްގެ ވެވޭގައި ހުންނަ ކިޓްކެޓް އުފައްދާ ކުންފުނިން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ވަގަށް ނެގި ޗޮކްލެޓް ބަރުކޮށްފައިވާ ލޮރީ އަދިވެސް ނުފެނެއެވެ.

އެ ޗޮކްލެޓްތައް ޔޫރަޕްގެ މާކެޓްތަކުގެ ނުރަސްމީ ގޮތެއްގައި ވިއްކާފާނެ ކަމުގެ އިންޒާރު އެ ކުންފުނިން ވަނީ ދީފައެވެ. ނަމަވެސް ކޮންމެ ޗޮކްލެޓް ބާއެއްގައިވާ "ޔުނީކް ބެޗް ކޯޑް" އެއް އިންނާނެ ކަމަށާއި އެހެންވެ އެ ކޯޑު ސްކޭން ކޮށްގެން، އެއީ ވަގަށް ނަގާފައިވާ ބެޗްގެ އެއްޗެއްތޯ ދެނެގަނެވޭނެ ކަމަށް ކުންފުނިން ބުނެއެވެ.