މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅޭ މަޝްވަރާތަކަށް ސައުދީ އަރަބިއްޔާ، ތުރުކީ އަދި މިސްރުގެ ޚާރިޖީ ވަޒީރުން ޕާކިސްތާނުގައި ބައްދަލުވުން ބާއްވަން ނިންމައިފިއެވެ.

ޕާކިސްތާނުގެ ޚާރިޖީ ވުޒާރާއިން ބުނީ މިއަދާއި މާދަމާ އިސްލާމްއާބާދުގައި ވަޒީރުން ބައްދަލުކުރައްވައި، ހަނގުރާމައާ ގުޅޭ ގިނަ މަޝްވަރާތަކެއް ކުރާނެ ކަމަށެވެ.

މި މަޝްވަރާތަކުގައި އިސްކޮށް އިންނަވާނީ ޚާރިޖީ ވަޒީރު އިސްހާގު ދާރެެވެ. އޭގެ އިތުރުން ބޮޑުވަޒީރު ޝެހްބާޒް ޝަރީފާވެސް ޚާރިޖީ ވަޒީރުން ބައްދަލުކުރައްވަން ވަނީ ހަމަޖެހިފައެވެ.

މި ބައްދަލުވުމުގެ ކުރިން އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަންއާއެކު ގަޑިއިރަކަށްވުރެ ގިނައިރުގެ ފޯނު ކޯލެއް ކުރެއްވި ކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ.

ޝަރީފްގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ މެދުވެރިއެއްގެ މަސައްކަތްތަކަށް އެހީތެރިވުމަށް އިތުބާރު އުފެއްދުމުގެ ބޭނުންތެރިކަން އެ ފޯނުކޯލުގައި ޕެޒެޝްކިއަން ފާހަގަކުރެއްވި ކަމަށެވެ.

މަޝްވަރާ ބައްދަލުވުން އެންމެ ފުރަތަމަ ބާއްވަން ހަމަޖެހިފައި އޮތީ ތުރުކީގައެވެ.

ވަޒީރުންގެ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާިއރު، ޕާކިސްތާން މެދުވެރިކޮށް އެމެރިކާއިން ހުށަހެޅި ހަނގުރާމަ ހުއްޓާލުމުގެ ސުލްހައިގެ ހުށަހެޅުމަށް ދޭނެ ރައްދު ފާސްކޮށްފައިވާ ކަމަށް އީރާނުގެ މީޑިއާތަކާ ހަވާލާދީ ޓީއާރްޓީ ނޫހުން ރިޕޯޓުކޮށްފައިވެއެވެ.

އީރާނުން މި ހަފްތާގައި އެމެރިކާއެކު މަޝްވަރާ ކުރާނެ ކަމަށް ގަބޫލުކުރާ ކަމަށް އެމެރިކާގެ ހާއްސަ މަންދޫބު ސްޓީވް ވިޓްކޮފްވެސް އިއްޔެ ވަނީ ވިދާޅުވެފައެވެ.

އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެބްރުއަރީ 28 ވަނަ ދުވަހު ފެށި ހަނގުރާމައަށް މަސް ދުވަސްވީއިރު، މުޅި ދުނިޔޭގެ އިގްތިސާދަށް އެކަމުގެ އަސަރު އަންނަނީ ކުރަމުންނެވެ.

ހަނގުރާމަ ހުއްޓާލުމަށް އީރާނާއެކު އެއްބަސްވުމެއް ހަދަން ބޭނުންފުޅުވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތަކުރާރުކޮށް ވިދާޅުވި ނަމަވެސް، މަޝްވަރާތަކަށް ތައްޔާރު ނޫން ކަމަށް އީރާނުން އަންނަނީ ބުނަމުންނެވެ.

މަސް ދުވަހުގެ ހަނގުރާމައިގައި އީރާނުގެ 1900 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، އިސްރާއީލުން އެންމެ ފުރަތަމަ ދިން ހަމަލާގައި އީރާނުގެ އެންމެ އިސް ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ ވަނީ އަަވަހާރަކޮށްލާފައެވެ.