ލަންޑަން (ސެޕްޓެމްބަރ 10): ފެޑްރަލް ވެރިކަމެއް އޮންނަ އިއްތިޙާދީ ޤައުމަކަށް އަފްޣާނިސްތާން ބައިކޮށްލުމަށް އިނގިރޭސިވިލާތުގެ ޕާލަމެންޓް މެންބަރަކު އެކުލަވާލެއްވި ޕްލޭނެއް އެމެރިކާ އާއި އިނގިރޭސިވިލާތުން މަޝްވަރާ ކުރަމުން ގެންދާ ކަމަށް ޚަބަރު ލިބިއްޖެ އެވެ.

އަފްޣާނިސްތާނުގެ ކަންތައްތަކާ ބެހޭ އިނގިރޭސި އަދި އެމެރިކާގެ ބައެއް މަސްއޫލުވެރިންނާ ޙަވާލާދީ ލަންޑަންގައި ނުކުންނަ ދި އިންޑިޕެންޑެންޓް ނޫސް ބުނި ގޮތުގައި އަފްޣާނިސްތާން ފެޑްރަލް ދައުލަތަކަށް ބައިކޮށްލުމަށް އިނގިރޭސި ޕާލަމެންޓް މެންބަރު ޓޮޕިޔާސް އިލޯވްޑް ރޭއްވެވި ޕްލޭންގައި ވަނީ ދާޚިލީ ގޮތުން މިނިވަންކަން ލިބިގެންވާ ފެޑްރަލް އަށް ސަރަޙައްދަކަށް (އަށް ސްޓޭޓަކަށް) އަފްޣާނިސްތާނުގެ ބިން ބައިކޮށްލާ ގޮތަށެވެ. މިއިން ކޮންމެ ބަޔަކީ ދާޚިލީގޮތުން މިނިވަންކަން ލިބިފައިވާ ފެޑްރަލް ސްޓޭޓެއްގެ ގޮތަށެވެ.

މީގެތެރެ އިން ބައެއް ސްޓޭޓްތަކުގެ ލޯކަލް ސަރުކާރުތަކުގެ ވެރިންނަށް ތާލިބާން ޖަމާއަތަށް ނިސްބަތްވާ ލީޑަރުންނަށް ވެސް ތިއްބެވިދާނެ ކަމަށާ މިފެޑްރަލް ދައުލަތުގެ އިއްތިޙާދީ ސަރުކާރުގެ ވެރިއަކަށް ހުންނަވަން ޖެހޭނީ ބާރު ގަދަ ބޮޑުވަޒީރެއް ކަމަށް ވެސް ޓޮޕިޔާސްގެ ޕްލޭންގައިވެ އެވެ. މިޕްލޭންގައިވާ ގޮތުން ދާޚިލީ ގޮތުން މިނިވަންލިބިގެންވާ އަފްޣާން ފެޑްރަލް ދައުލަތުގެ ސްޓޭޓްތަކުގައި ވަކިޕާލަމެންޓަކާއި ލޯކަލް ބޮޑުވަޒީރަކު (ޗީފް މިނިސްޓަރަކު) ހުންނަވާނެ އެވެ. އަދި ކޮންމެ ސްޓޭޓެއްގައި ފުލުހުންގެ ވަކިބާރެއް އޮންނާނެ އެވެ. ނަމަވެސް މުޅި އަފްޣާނިސްތާނުގެ އިއްތިޙާދީ ދައުލަތުގައި އޮންނާނީ ސިފައިންގެ އެންމެ ލަޝްކަރެކެވެ.

އަފްޣާނިސްތާން މިގޮތަށް ބަހާލުމުން އެޤައުމުގެ ދާޚިލީ މައްސަލަތައް ޙައްލުކުރަން ފަސޭހަވެގެންދާނެ ކަމަށް އެމެރިކާއާއި އިނގިރޭސީން ދެކޭކަމަށް ވެސް "ދި އިންޑިޕެންޑެންޓް" ނޫސް ބުނެ އެވެ. އަފްޣާނިސްތާނުގެ ތަޖްރިބާކާރުން ވަނީ ހުޅަނގުގެ މިޕްލޭނަކީ ޑިމޮކްރަސީގެ ނަމުގައި ހުޅަނގުން ބޭނުންވާ ގޮތްތަކަކަށް އަފްޣާނިސްތާން ބައްޓަންކުރުމުގެ ރޭވުމެއް ކަމަށް ސިފަކުރައްވައި މިޕްލޭނަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ. އަފްޣާން ތަޖްރިބާކާރެއް ކަމަށްވާ ވުޒްމާ ފުރޫޣް ވަނީ އަފްޣާނިސްތާނަށް ބޭނުންވާ ނިޒާމެއް ކަނޑައެޅުމުގެ މަސައްކަތް އަފްޣާން ރައްޔިތުންނަށް ދޫކޮށްލުމަށާއި އަފްޣާނިސްތާނުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަދެނުގަތުމަށް ހުޅަނގުގެ ބާރުތަކަށް ގޮވާލައްވާފަ އެވެ.

ބޭރުގެ މިފަދަ ޕްލޭންތަކުގެ ސަބަބުން އަފްޣާނިސްތާން ރޫޅިގެން ދިޔުމުގެ ބިރުއޮތްކަމަށް ވިދާޅުވެފައެވެ. ރުޒްމާ ވަނީ އެންމެ ފުރަތަމަ ކަމަކަށް އަފްޣާން ބިމުން ފޭބުމުގެ ކަންތައް އަވަހަށް ނިންމުމަށް ނޭޓޯއަށާއި އެމެރިކާއަށް ގޮވާލައްވާފަ އެވެ. ޑިމޮކްރަސީގެ ނަމުގައި ޕްރޮޕަގެންޑާ ކުރާ ޤައުމެއްގެ ޕާލަމެންޓްގެ މެންބަރަކު އަފްޣާން ރައްޔިތުން ކުރެން ހޭ ވެސް އަހާނުލައި އަފްޣާނިސްތާނުގެ މުޅިމުސްތަޤްބަލް ކުރެހުމަކީ ޑިމޮކްރަސީތޯ ނޫނީ އިސްތިޢްމާރު އޭނާ ސުވާލުކުރެއްވި އެވެ. މިޕްލޭނާބެހޭ ގޮތުން އަފްޣާން ސަރުކާރުން އަދި ބަޔާނެއް ދީފައެއް ނުވެ އެވެ. (ދި އިންޑިޕެންޑެންޓް)