ލުބުނާނުގެ ދެކުނުގައި ނޫސްވެރިންކަން އެނގޭނޭހެން ފާހަގަޖަހާފައިވާ ކާރަކަށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި އަލްމަޔާދީން އަދި އަލްމަނާރު ޓީވީގެ ތިން ނޫސްވެރިއަކު މަރުވެއްޖެއެވެ.

މި ހަމަލާއާ ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ވަނީ ސިއްހީ އެހީތެރިންނަށް އަމާޒުކޮށް ދެމުންދާ ނުރައްކާތެރި ހަމަލާތަކާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.

މި ހާދިސާ ހިނގާފައިވަނީ މިއަދު ލުބުނާނުގެ ޖެޒީން މަގުން ނޫސްވެރިން ދަތުރުކުރަމުން ދަނިކޮށެވެ. އަލްމަޔާދީން ނިއުސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ނޫސްވެރިން ތިބި އުޅަނދަށް އަމާޒުކޮށް އިސްރާއީލުން ވަނީ ފަހުގެ ޒަމާނީ ހަތަރު މިސައިލް ފޮނުވާލާފައެވެ.

މި ހަމަލާގައި މަރުވެފައިވަނީ އަލްމަޔާދީންގެ ރިޕޯޓަރު ފާތިމާ ފުތޫނީ އާއި އޭނާގެ ކޮއްކޮ އަދި ކެމެރާމަން މުޙައްމަދު ފުތޫނީގެ އިތުރުން އަލްމަނާރުގެ ރިޕޯޓަރު ޢަލީ ޝުޢައިބެވެ.

މި ހަމަލާގައި އިތުރު ނޫސްވެރިންތަކަކަށް އަނިޔާވެފައިވާއިރު، އަނިޔާވި މީހުންނަށް އެހީތެރިވުމަށް އެމްބިއުލަންސްތައް އެ ސަރަހައްދަށް ދިޔަ ވަގުތު، އިސްރާއީލުން ވަނީ އެމްބިއުލަންސްތަކަށް ވެސް ހަމަލާދީފައެވެ. މި ހަމަލާގައި އެއް ޕެރާމެޑިކް (ސިއްހީ އެހީތެރިއަކު) ވަނީ މަރުވެފައެވެ.

އިސްރާއީލު އަސްކަރިއްޔާއިން މި ހަމަލާގެ ޒިންމާ އުފުލާފައިވާއިރު، އެ ފަރާތުން ބުނެފައިވަނީ ޢަލީ ޝުޢައިބަކީ ހިޒްބުﷲގެ ޖާސޫސީ މައުލޫމާތު އެއްކުރާ މީހެއް ކަމަށެވެ. ނަމަވެސް، އަލްމަނާރު ޓީވީން ވަނީ އެކަން ދޮގުކޮށް، އޭނާއަކީ އެތައް އަހަރެއް ވަންދެން އިސްރާއީލުގެ އުދުވާނުތައް ކަވަރުކުރަމުންދިޔަ ތަޖުރިބާކާރު ވޯކޮރެސްޕޮންޑެންޓެއް ކަމަށް ބުނެފައެވެ.

ޣައްޒާގައި މިހާތަނަށް 270 އަށްވުރެ ގިނަ ނޫސްވެރިން ޝަހީދުކޮށްލާފައިވާ އިސްރާއީލުން އާންމުކޮށް ނޫސްވެރިންނަށް ހަމަލާދިނުމަށްފަހު، އެއްވެސް ހެއްކެއް ނެތި އެމީހުންނަކީ ހަނގުރާމަވެރި ޖަމާއަތްތަކާ ގުޅުން އޮންނަ ބައެއް ކަމަށް ތުހުމަތު ކުރެއެވެ.

ލުބުނާނުގެ ރައީސް ޖޯސެފް އައުން މި ހަމަލާ ކުށްވެރިކުރައްވަމުން ވިދާޅުވީ، މަސައްކަތުގެ މައިދާނުގައި ތިބި އާންމު ރައްޔިތުންނަށް އަމާޒުކޮށް އިސްރާއީލުން މިދިން ހަމަލާއަކީ ބައިނަލްއަގުވާމީ ގާނޫނުތަކުގެ އަސާސީ އުސޫލުތަކާ ކަނޑައެޅިގެން ޚިލާފު އަމަލެއް ކަމަށެވެ.