އަންނަ އާދީއްތަ ދުވަހުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގެ ބައްދަލުވުންތައް ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށާއި، ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގެ މުޤައްރިރުންނަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު މިއަދު އަންގަވައިފި އެވެ.

އަދި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގެ މަސްއޫލިއްޔަތުތައް އަދާ ކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ ޗުއްޓީގެ ވަގުތުގައި ވެސް ކޮމިޓީތަކުގެ ބައްދަލުވުންތައް ބޭއްވުމުގެ ބާރު، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 109 ވަނަ މާއްދާގެ ދަށުން މަޖިލީހުގެ ކޮންމެ ކޮމެޓީއަށް ކޮމިޓީތަކަށް ލިބިދެ އެވެ. އެހެންވެ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގެ ބައްދަލުވުން އަންނަ އާދިއްތަ ދުވަހުން ފެށިގެން ކުރިއަށްދާނެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީތައް އަންނަ ހޮނިހިރު ދުވަހު ފަށަން ނިންމާފައިވާއިރު، މިއަހަރު މަޖިލީހުން އުފެއްދުންތެރި މަސައްކަތްތަކެއް ކުރެވިފަ އެއް ނުވެ އެވެ. މިއަހަރަށް މަޖިލިސް ހުޅުވުމަށް އެތައް ދުވަސް ހޭދަވެގެންދިޔައިރު، ޖަލްސާތައް ފެށުމާއެކު ފެނިގެންދިޔައީ މަޖިލީހުގެ ތަޅުން ހަލަބޮލިވެގެންދިޔަ ތަނެވެ. މަސައްކަތެއް ނުކުރެވި ހާޖާނުގެ ތެރޭގައި މަޖިލިސް ދެމަހެއްހާ ދުވަސް ހޭދަވި އެވެ. އެއަށްފަހު ޗުއްޓީއަކަށް މެންބަރުން ވަޑައިގަތުމަށްފަހު، ދެވަނަ ދައުރުގެ ޖަލްސާތައް ފަށުމަށްފަހު، ޖުލައި 31، 2012 ގައި މަޖިލިސް ހޫނުވެގެން ހުއްޓާލި އެވެ. މަސައްކަތެއް ނުކުރައްވައި މަޖިލިސް މެންބަރުން ތިއްބެވުމަށްފަހު މެންބަރުން މިއަހަރުގެ ދެވަނަ ދައުރުގެ ޗުއްޓީއަށް ވަޑައިގެންނެވީ މިމަހު އެވެ. ދެން މަޖިލިސް ހުޅުވާނީ އަންނަ އޮކްޓޫބަރު މަހު އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރު ޖަލްސާތައް އަންނަ މަހު ފެށޭނެ ވާހަކަ ވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް މިއަދު ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަނީ އަންގަވާފަ އެވެ. އެދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާގެ އެޖެންޑާ ފަހުން އިއުލާނުކުރާނެ ކަމަށް މަޖިލީހުން ބުންޏެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ބޭއްވުމަށް އެކަށީގެންވާ އަމާން މާޙައުލެއް ނެތުމުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާ މަޝްވަރާކުރެއްވުމަށްފަހު، 31 ޖުލައި 2012 ވަނަ ދުވަހުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލެވިފައި އޮތުމަށްފަހު، މަޖިލީހުގެ މަސައްކަތްތައް އަމާންކަމާއެކު ކުރިއަށް ގެންދިޔުމަށްޓަކައި މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއެކު މަޖިލީހުގެ ރައީސް ކުރައްވަމުން ގެންދެވި މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުން، މަޖިލީހުގެ މަސައްކަތްތައް އަލުން ފެށުމަށް ހަމަޖެހުމާ ގުޅިގެން މަޖިލީހުގެ ރައީސް މިއަދުވަނީ ޕާޓީތަކުގެ ލީޑަރުންނާއި މަޖިލީހުގެ މެންބަރުން މި މަޝްވަރާތަކަށް ދެއްވި އެހީތެރިކަމާއި އެއްބާރުލެއްވުމަށް ޝުކުރު އަދާކުރައްވާފައެވެ.