މާލޭގެ ބިމުގެ ދަތިކަން ހައްލު ކުރުމަށް ތިލަފުށީ ކައިރީ ތަރައްގީ ގުޅީފަޅުގެ މަސައްކަތް ނިންމައި އަންނަ އަހަރުގެ ކުރީކޮޅު މީހުން ވަޒަންވެރިވާން ފަށާނެ ކަމަށް އެ ރަށް ޑިވަލޮޕް ކުރަން އުފައްދާފައިވާ ކުންފުނި، ގުޅީފަޅު އިންޑަސްޓްރިއަލް ޒޯން އިން ބުނެފި އެވެ.

އިނގިރޭސި ވިލާތުގެ ކެޕިޓަލް އިންވެސްޓްމަންޓް އެންޑް ފައިނޭންސް ލިމިޓެޑަށް 35 އަހަރަށް ގުޅީފަޅު ކުއްޔައްދީ އެތަން ހިއްގުމުގެ މަސައްކަތް ފެށީ 2010 ވަނަ އަހަރުގެ ފަހުކޮޅު އެވެ. ހަތަރު ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދާ އެ ޕްރޮޖެކްޓްގެ ދަށުން އެންމެ ފުރަތަމަ ހިއްކީ 11 ހެކްޓަރުގެ ބިމެވެ. އަދި ދެ ވަނަ ފިޔަވަހީގެ މަސައްކަތް ފަށައި 20 ހެކްޓަރުގެ ބިން ގުޅީފަޅަށް އިތުރުކުރީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގަ އެވެ.

ގުޅީފަޅު އިންޑަސްޓްރިއަލް ޒޯންގެ މެނޭޖިން ޑިރެކްޓާ އަބްދުﷲ ނައުޝާދު މިއަދު ސަން އޮންލައިންއަށް ވިދާޅުވީ މިއަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ގުޅީފަޅު ހިއްކުމުގެ އިތުރު ޕްރޮޖެކްޓެއް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށާއި މިއަހަރުގެ ނިމޭއިރު ގުޅީފަޅުގެ ބިމަށް 33 ހެކްޓަރު އިތުރުވާނެ ކަމަށެވެ.

"ގުޅީފަޅު ޕްރޮޖެކްޓް ނިމުނީމައި އިންނަންވާނީ 148 ހެކްޓަރު، އެކި ފިޔަވަހިތަކަށް ބަހާލައިގެން ޑިވެލޮޕްވަމުން އަންނަ ވަރަކުން މި ހިއްކަނީ، މިހާރު އެބަދޭ 112 އެޕާޓްމަންޓް ވެސް އެދަނީ ކުރިއަށް، އަޅުގަނޑުމެންނަށް ލަފާ މިކުރެވެނީ 2013 އިގެ ފެބްރުއަރީ ނޫނީ މާޗްގައި މީހުންނަށް ވަދެވޭ ވަރުވާނެ ކަމަށް، އަދި އިތުރު އެޕާޓްމަންޓްތަކެއް ޑިވަލޮޕްކުރުމުގެ ޓޭބަލްގެ މަސައްކަތް ވެސް ކުރިއަށްއެބަދޭ،" ނައުޝާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގުޅީފަޅުގެ ޕްރޮޖެކްޓަކީ ރާއްޖެއަށް ދިމާވެފައި އޮތް ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދޭނެ މަޝްރޫއެއް ކަމަށާއި އެކަމުގެ ނަތީޖާވެސް ވަރަށް އަވަހަށް ފެންނާނެ ކަމަށެވެ. އަދި އެތަނުގެ ޕްރޮޖެކްޓްތައް ވެސް ކަނޑައެޅިފައިވާ މުއްދަތުގައި ބަރާބަރަށް ކުރިއަށްދާ ކަމަށްވެސް ނައުޝާދު ވިދާޅުވި އެވެ.

"ބައެއް ލަސްތައްވެސް އެބަހުރި، ނަމަވެސް އެބައި އަތުލައިގަނެވޭނެ ކަމަށް މިބަލަނީ،" ނައުޝާދު ވިދާޅުވި އެވެ. "މި ޕްރޮޖެކްޓްގެ ނަތީޖާ ވަރަށް އަވަހަށް ފެންނާނެ،"

ކުރީގެ ސަރުކާރުން ލަފާކޮށްފައިވަނީ މިއަހަރު ނިމުމުގެ ކުރިން ގުޅީފަޅުގައި މީހުން އާބާދުކުރެވޭނޭ ކަމަށެވެ. ގުޅީފަޅު ޕްރޮޖެކްޓަށް 600 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ސަރުކާރުން ވަނީ ލަފާކޮށްފަ އެވެ.