ފެބްރުއަރީ އަށް ވަނަ ދުވަހު އައްޑޫ ސިޓީގެ ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހި ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ ކުރާ މީހުންގެ ތެރެއިން 35 މީހަކަށް ވަކީލަކު އައްޔަން ކުރުމުގެ ފުރުސަތު ކްރިމިނަލް ކޯޓުން ދީފި އެވެ.

އައްޑޫ ސިޓީގެ ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖެހި ކަމުގެ ތުހުމަތުގައި ޓެރަރިޒަމްގެ ދައުވާ ކުރުމަށް މިދިޔަ މަހުގެ 27 ވަނަ ދުވަހު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ފޮނުވި 43 މީހުންގެ ތެރެއިން މިއަދު ކޯޓަށް ހާޒިރުވި 36 މީހުންގެ ތެރެއިން ވަކީލަކު އައްޔަން ކުރުމަށް ބޭނުންވާ ކަމަށް ބުނި 35 މީހަކަށް މިއަދު ވަނީ އެ ފުރުސަތު ދީފައެވެ. އެ މީހުންގެ ތެރެއިން އެކަކު ވަނީ ވަކީލަކު އަޔަން ކުރަން ބޭނުން ނުވާ ކަމަށް ބުނެފަ އެވެ.

މިއަދު ކޯޓަށް ހާޒިރުވި 36 މީހުންނަށް ކޯޓުން ވަނީ ޝަރީއަތްތަށް ކުރިއަށް ދާނެ ގޮތާއި ބެހޭގޮތުން މައުލޫމާތު ދީފަ އެވެ. އިބްތިދާއީ އަޑު އެހުމުގައި ކްރިމިނަލް ކޯޓުގެ ގާޒީ ވަނީ ވަކީލަކު އައްޔަން ކުރަން ބޭނުންވި 35 މީހުންނަށް ވަކީލަކު އައްޔަން ކުރުމަށް ތިން ދުވަހުގެ ފުރުސަތެއް ދީފަ އެވެ.

ވަކީލަކު އައްޔަން ކުރަން ތިން ދުވަހުގެ ފުރުސަތު ދިން ނަމަވެސް އެ މުއްދަތުގެ ތެރޭގައި ވަކީލަކު އައްޔަން ނުކުރެވިއްޖެ ނަމަ އެކަމަށް އިތުރު ފުރުސަތެއް ދެއްވާނެ ކަމަށާއި އެގޮތުން ވަކީލަކު އައްޔަން ކުރުމަށް ދެވޭނީ 15 ދުވަހުގެ ފުރުސަތެއް ކަމަށާއި އެ 15 ދުވަހުގެ ތެރޭގައި ވަކީލަކު އައްޔަން ނުކުރެވިއްޖެނަމަ އެކަމަށް އިތުރު ފުރުސަތެއް ދެން ނުދެވޭނެ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.

ވަކީލަކު އައްޔަން ކުރުމަށްފަހު މައްސަލައާއި ގުޅޭ ލިޔުންތައް ނަގަން ބޭނުން ކަމަށްވާނަމަ ކޯޓުން ލިޔުންތައް ދޫކުރާނެ ކަމަށާއި ދައުވާ ލިބޭ މީހުން ވަކީލަކު އައްޔަން ކުރުމުން އެ މައްސަލައިގެ ފުރަތަމަ ޝަރީއަތުގެ މަޖިލީސް ބޭއްވުމަށް ތާވާލު ކުރާނެ ކަމަށް ވެސް ޝަރީއަތުގައި މިއަދު ބުންޏެވެ.

ގާޒީ ވިދާޅުވީ ދެން ބާއްވާ ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ދައުވާ އިއްވުމުން ދައުވާ ލިބޭ މީހުން ދައުވާ އަށް ޖަވާބުދާރީވާންޖެހޭނެ ކަމަށާއި ދެފަރާތުން ހުށަހަޅަން ބޭނުންވާ ހެކި ވެސް އެދުވަހު ހުށަހަޅަން ޖެހޭނެ ކަމަށެވެ. މައްސަލައިގެ ޝަރީއަތް ނިމުމުގެ ކުރިން ދައުވާ ލިބޭ މީހަކަށް ރާއްޖެއިން ބޭރަށް ފުރައިގެން ނުދެވޭނެ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.

މީގެ އިތުރުން ވިދާޅުވީ ދައުވާ ލިބޭ މީހުނަށް ފޮނުވާ ޗިޓަށް އެއްބާރުލުން ނުދީ ކޯޓަށް ފިލައިގެން އުޅޭނަމަ ފުލުހުން މެދުވެރިކޮށް ހައްޔަރު ކުރާނެ ކަމަށާއި އެފަދަކަމެއް ކޮށްގެން ހައްޔަރު ކުރާ މީހަކު ދޫކޮށްލާނީ ޝަރީއަތް ނިމުމުން ކަމަށެވެ.

މި މައްސަލައިގައި ކޯޓަށް ހާޒިރު ނުކުރެވި ތިބީ ހަތް މީހުންނެވެ. އެ މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (މެޓްރިކްސް މޯޑް) އާއި އައްޑޫ ސިޓީ ކައުންސިލްގެ ފޭދޫ ދާއިރާގެ މެންބަރު އަހުމަދު މިރުޒާދު ހިމެނެއެވެ.

ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހުމަދު މުހައްމަދު މަނިކު މިއަދު ވިދާޅުވީ އެ މީހުން ކޯޓަށް ހާޒިރުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކޯޓުން ކުރާނެ ކަމަށެވެ.

މަނިކު ވިދާޅުވީ މަޖިލިސް މެންބަރު މެޓްރިކްސް މޯޑަށް ޗިޓް ރައްދު ނުކުރެވުނީ މަޖިލީހުގެ ދަތުރުފުޅެއްގައި އޭނާ ރާއްޖެ އިން ބޭރުގައި އުޅުއްވާތީ ކަމަށެވެ. ނަމަވެސް މިރުޒާދު އަށް ޗިޓް ރައްދު ކުރަން ގެއަށް ދިއުމުން އާއިލާއިން ޗިޓާ ހަވާލު ނުވި ކަމަށް ވެސް މަނިކު ވިދާޅުވި އެވެ.

"އާއިލާ އިން ބުނީ މިރުޒާދު އުޅޭ ތަނެއް ވެސް އަދި ގުޅޭނެ ނަންބަރެއްވެސް ނޭނގޭ ކަމަށް. އަޅުގަނޑުމެން އެހެން މައްސަލަތަކުގައި ވެސް މީހުން ކޯޓަށް ހާޒިރު ކުރާ އުސޫލުން އެ ދެ ބޭފުޅުން ވެސް ކޯޓަށް ހާޒިރު ކުރާނަން. އަދި ފިޔަވަޅު އަޅަންޖެހިއްޖެ ނަމަ ވެސް އެކަން ވެސް ކޮށްގެން ހާޒިރުކުރާނަން،" މަނިކު ވިދާޅުވި އެވެ.

އެ މައްސަލައިގައި ދައުވާ ލިބޭ މީހުންގެ ތެރޭގައި އައްޑޫ ސިޓީގެ މަރަދޫ އާއި ފޭދޫ އަދި މަރަދޫފޭދޫ އަށް ނިސްބަތްވާ މީހުން ހިމެނޭ އިރު ގއ. މާމެންދޫއަށް ނިސްބަތްވާ މީހަކު ވެސް ހިމެނެއެވެ.