10 Sep 2012, 14:30
ކާބުލް: އަފްޣާނިސްތާންގެ ބަޣުރާމްގައި އެމެރިކާ އިން ގާއިމްކޮށްފައިވާ ޖަލު އަފްޣާން ސަރުކާރާ މިއަދު ހަވާލުކޮށްފި އެވެ.
އަފްޣާނިސްތާންގެ ތާލިބާނުންނާއި ޓެރަރިސްޓުން ކަމަށް އެމެެރިކާ އިން ބުނާ އެތައް ބަޔަކު ހައްޔަރުކޮށްފައިވާ ބަޣުރާމް ޖަލު އެގައުމުގެ ސަރުކާރާ އެމެރިކާއިން ހަވާލުކޮށްފައި މިވަނީ އެޖަލުގައި ބަންދުކޮށްފައިވާ ބައެއް މީހުންގެ ބަންދާ މެދު ދެސަރުކާރުގެ ދެމެދުގައި އުފެދިފައިވާ ހިޔާލުތަފާތުވުމަށް ހައްލެއް ނުހޯދި ވަނިކޮށެވެ.
ޖަލު ހަވާލުކުުރުމަކީ އަފްޣާނިސްތާނުގެ މިނިވަންކަމަށް ލިބުނު ބޮޑު ނަސްރެއްގެ ގޮތުގައި އެގައުމުގެ ރައީސް ހާމިދު ކަރުޒާއީ ސިފަކުރެއްވި އެވެ.
އަފްޣާނިސްތާނުގެ ވެރިރަަށް ކާބުލްގެ އުތުރުގައި އޮންނަ އެމެރިކާގެ އެއާފީލްޑަކާ އިންވެގެން ހުރި ބަޣުރާމް ޖަލު ހަވާލުކުރުމުގެ ރަސްމިއްޔާތު މިއަދު ހެނދުނު އޮތީ އެޖަލުގަ އެވެ.
އެމެރިކާ އިން މިއަދު އަފްޣާން ސަރުކާރާ ހަވާލުކުރި ޖަލުގައިވާ 3000 މީހުންގެ ތެރެއިން ގިނަ މީހުންގެ ކަންތައްތައް ބެލެހެއްޓުމުގެ ބާރު އެމެރިކާ އިން އަފްޣާން ސަރުކާރަށް ކުރިން ވަނީ ދީފަ އެވެ.
އެމެރިކާ އާއި ބޭރުގެ އެގައުމާ ބައިވެރިވާ އެހެން ގައުމުތަކުގެ ސިފައިން 2014 ވަނަ އަހަރު އަފްޣާނިސްތާނުން ބޭލުމަށް މިހާރު ވަނީ އެއްބަސްވެފަ އެވެ. އެމެރެކާ އިން 2001 ވަނަ އަހަރު އެގައުމަށް ހަމަލާދީ ހިފާފައި ވަނީ އެގައުމުގައި އޭރު އޮތް ތާލިބާނުންގެ ސަރުކާރުން އަލްގައިދާއަށް އެހީތެރިވާ ކަމަށް ތުހުމަތުކޮށް، ޓެރަރިޒަމާ ދެކޮޅަށް ކުރާ ހަނގުރާމައެއްގެ ނަމުގައެވެ.