ރާޖް އާއި ސާންޔާ ލީޑް ރޯލްއިން ފެންނަ ފިލްމު 'ޓޯސްޓަ' ރިލީޒްކުރާ ތާރީޚު އެންމެފަހުން އިއުލާނުކޮށްފި
ރާޖް އާއި ސާންޔާ ލީޑް ރޯލްއިން ފެންނަ ފިލްމު 'ޓޯސްޓަ' ރިލީޒްކުރާ ތާރީޚު އެންމެފަހުން އިއުލާނުކޮށްފި

ރިލީޒްކުރުން ވަރަށް ބޮޑަށް ލަސްވެފައިވާ ނެޓްފްލިކްސްގެ ފިލްމު "ޓޯސްޓަ" ބެލުންތެރިންނަށް ގެނެސްދޭނެ ތާރީޚު އެންމެފަހުން އިއުލާނުކޮށްފިއެވެ.

ވިވެކް ދާސް ޗައުދަރީ ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ފިލްމީ ތަރިން ކަމަށްވާ ރާޖްކުމާރު ރާއޯ އަދި ސާންޔާ މަލްހޯތުރާ ލީޑް ރޯލްތަކުން ފެންނާނެ ފިލްމެކެވެ. މީގެއިތުރުން ކޮމެޑީ ރޯލްތަކުން މީގެކުރިންވެސް ފެނިފައިވާ ބަތަލާ އަރްޗަނާ ޕުރަން ސިންގް އާއި އަބީޝެކް ބެނަޖީ ވެސް "ޓޯސްޓާ"ގެ މުހިއްމު ރޯލްތަކުން ފެންނާނެއެވެ.

މި ފިލްމު ނެޓްފްލިކްސް މެދުވެރިކޮށް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް އޭޕްރީލް މަހުގެ 15 ވަނަ ދުވަހެވެ.

ނެޓްފްލިކްސްއާ ގުޅިގެން މި ފިލްމު އުފައްދާފައިވަނީ ރާޖްކުމާރު ރާއޯ އާއި އަންހެނުން ޕަތްރަލެކާގެ ކުންފުނި 'ކަމްޕާ ފިލްމް'އިންނެވެ. އެ ކުންފުނިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި ފިލްމަކީ ތަފާތު މިޒާޖެއްގެ ކެރެކްޓާތަކަކާއެކު، ހީވެސް ނުކުރާ ކަހަލަ މަޖާ ކަންތައްތަކެއް ފެންނާނެ، އާދައިގެ ކަންކަން ބޮޑު ހައިޖާނަކަށް ބަދަލުވެގެންދާ މަންޒަރުތަކެއް ދައްކުވައިދޭނެ ފިލްމެކެވެ. މިއީ ރާޖްގެ ދެމަފިރިން ޕްރޮޑިއުސަރުންގެ ގޮތުގައި ފިލްމީ ދާއިރާއަށް ތައާރަފުވާ ފިލްމުވެސްމެއެވެ.

ފިލްމު "ޓޯސްޓަ"ގެ މަންޒަރެއްގައި ސާންޔާ އަދި ރާޖް--ފޮޓޯ/މިޑްޑޭ

މި ޕްރޮޖެކްޓާ ގުޅޭގޮތުން ވާހަކަ ދައްކަމުން ޕަޓްރަލޭކާ ބުނީ، 'ކަމްޕާ ފިލްމް'އާ އެކު ޕްރޮޑަކްޝަންގެ ދާއިރާއަށް ނުކުތުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. ތަފާތު އަދި އާދަޔާޚިލާފު ވާހަކަތަކަށް އަބަދުވެސް އިސްކަންދޭ ނެޓްފްލިކްސް އާއެކު މި ދަތުރު ފެށުމަކީ ލިބޭ އިތުރު އުފަލެއް ކަމަށް ވެސް، ދާދިފަހުން އަލަތު ދަރިފުޅު ލިބުމަށްފަހު އެކްޓިންގްއާ މިވަގުތު ދުރުގައި ހުރި ބަތަލާ ފާހަގަކުރިއެވެ.

"ޓޯސްޓަ" އަކީ ކިޔާލުމާއެކު ވެސް އޭގެ ވާހަކަ ވަރަށް ބޮޑަށް ކަމުދިޔަ ފިލްމެއް ކަމަށާއި، އެއީ އުންމީދު ނުކުރާ ކަހަލަ ކަންކަމުން ހިނިތުންވުން ގެނުވައިދޭނެ ފިލްމެއް ކަމަށްވެސް އޭނާ ބުންޏެވެ.

މި ފިލްމަކީ ރާޖްކުމާރު ރާއޯ މީގެ ކުރިން މަސައްކަތްކޮށްފައިވާ ބައެއް ތަރިންނާއެކު އަލުން ފެންނާނެ ފިލްމެކެވެ. އެގޮތުން "ހިޓް: ދަ ފަސްޓް ކޭސް"ގެ ބައިވެރިޔާ ސާނިޔާ މަލްހޯތުރާ އާއި، "ސްޓްރީ" ފްރެންޗައިޒްގެ އަބީޝެކް ބެނަޖީގެ އިތުރުން "ބަރޭލީ ކީ ބަރްފީ"ގައި އޭނާއާއެކު ފެނުނު ސީމާ ޕަހްވާ ވެސް މި ފިލްމުގައި ހިމެނެއެވެ.

ރާޖްކުމާރު ރާއޯ އެންމެ ފަހުން ފެނިފައިވަނީ މިދިޔަ އަހަރު ސިނަމާތަކުގައި ރިލީޒްކުރި "މާލިކް" އިންނެވެ. ސާނިޔާ މަލްހޯތުރާ އެންމެ ފަހުން ފެނިފައިވަނީ ވަރުން ދަވަން އާއި ޖާންވީ ކަޕޫރާއެކު "ސަނީ ސަންސްކާރީ ކީ ތުލްސީ ކުމާރީ"އިންނެވެ.